ENGLISH

19 އޭޕްރީލު 2025

Advertisement

ދުންފަތުގެ ވަބާއިން ސަލާމަތްވުމަށް 492 މީހަކު ފަރުވާ ހޯދައިފި

18 އޭޕްރީލު 2025

|

ފަޒީލް ޢަބްދުލް ލަތީފު

ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، ފާއިތުވި އަހަރުގެ ޖެނުއަރީން ފެށިގެން މިއަހަރުގެ މާރޗް މަހާއި ހަމައަށް 492 މީހަކު ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ފަރުވާ ހޯދައިފިއެވެ. މި 492 މީހުން ފަރުވާ ހޯދައިފައިވަނީ މާލެ ސަރަހައްދުގެ ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުންނެވެ.

ސިއްހީ ވުޒާރާއިން ހާމަކުރި މައުލޫމާތަށް ބަލާއިރު މިފަރާތްތަކުން ފަރުވާ ހޯދައިފައިވަނީ މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ 4 ކްލިނިކަކުންނެވެ. އެއީ އައިޖީއެމްއެޗް، އޭޑީކޭ، ހުޅުމާލެ ހޮސްޕިޓަލް އަދި ދަމަނަވެށީގައި ގާއިމުކޮށްފައިވާ، ދުންފަތުގެ ވަބާއިން ސަލާމަތްވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ކްލިނިކްތަކެވެ.

ނުރައްކާތެރި ދުންފަތުގެ ވަބާއިން ސަލާމަތްވުމަށް ފަރުވާ ހޯދި 492 މީހުންގެ ތެރެއިން 288 މީހުން ފަރުވާހޯދާފައި ވަނީ އައިޖީއެމްއެޗުންނެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުން 110 މީހުން ފަރުވާ ހޯދި އިރު ދަމަނަވެށިން 74 މީހުން އަދި އޭޑީކޭ ހޮސްޕިޓަލުން 20 މީހަކު ވަނީ ފަރުވާ ހޯދާފައެވެ.

މި ސަރުކާރުން ދަނީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު މަދު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ކުރިއަށް އޮތް ޖީލު މިވަބާއިން ސަލާމަތް ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަން ފާހަގަ ކުރެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަވެފައިވަނީ ދުންފަތުގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކުރުމަށް، މީގެ ކުރިން ދިވެހިރާއްޖޭގައި ވެރިކަންކުރި އެހެން ވެރިޔަކަށް އަޅަން ނުކެރުނު ތާރީހީ ފިޔަވަޅުތަކެއް އެޅުއްވި ވެރިއެއްގެ ގޮތުގައެވެ. މިގޮތުން ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެންވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް ޖަނަވަރީ 1، 2007 އިން ފެށިގެން އުފަންވެފައިވާ/އުފަންވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނޭގޮތަށް "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒުކުރަން ވަޒީރުންގެ މަޖިލީހުންވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު