ENGLISH
22 ޖޫން 2026
ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލާ އެމްޑީޕީން ދެކޮޅުހަދަނީ ވައްކަންކުރުމުގެ ފުރުސަތު ބަންދުވާނެތީ: ޝުޖާ
22 ޖޫން 2026
|
ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ޝުޖާއު، ފޮޓޯ: ރައްޔިތުންގެ މަޖިލީސް
އެންމެ މަޤްބޫލު
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޑިޖިޓަލް ޓްރޭންސްފޮމޭޝަން ބިލާ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ މެންބަރުން ދެކޮޅުހައްދަވަނީ އެބިލަށް ގާނޫނީ ބާރުވެރިކަން ލިބުމުން ވައްކަންކުރުމުގެ ފުރުސަތުތައް ބަންދުވެ ނެތިދާނެތީކަމަށް ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް 2024 ވަނަ އަހަރު އިންތިހާބުވެވަޑައިގަތުމުގެ ކުރިން މާލޭ ސިޓީ ކައުންސިލުގައި ހުޅުމާލޭ ކައުންސިލަރުގެ ގޮނޑި ފުރުއްވި ޝުޖާ ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލަށް ވާހަކަދައްކަވަމުން ވިދާޅުވީ ޑިޖިޓަލް ބަދަލުގެ ހިޔާލާއި ތަސައްވުރަކީ ރައީސް ވެރިކަމަށް ވަޑައިގަތުމުގެ މާކުރިން މާލޭ ސިޓީގެ މޭޔަރުކަމުގައި އެމަނިކުފާނު ތައާރަފުކުރެއްވި ވިސްނުންފުޅެއް އަދި ސިޔާސަތެއް ކަމަށެވެ.
ޑިޖިޓަލް ބަދަލުގެ ވާހަކަ ރައީސް ދައްކަވަން ފެއްޓެވީ ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ނޫންކަން ފާހަގަކުރައްވަމުން ޝުޖާ ވިދާޅުވީ އެމަނިކުފާނު އެވާހަކަ ފެއްޓެވީ މާލޭގެ މޭޔަރުގެ މަގާމަށް ކުރިމަތިލައްވައިގެން ކެމްޕެއިނުގެ ތެރޭގައި ކަމަށެވެ. އެގޮތުން މާލޭ ސިޓީ މޭޔަރުކަމަށް ކުރިމަތިލައްވައިގެން ހުށަހެޅުއްވި މެނިފެސްޓޯގައި ޑިޖިޓަލް މާލޭގެ ވާހަކަ އޮތްކަން ޝުޖާ ފާހަގަކުރެއްވިއެވެ.
ޝުޖާވަނީ ރައީސް ޑރ.މުޢިއްޒު މޭޔަރުކަމަށް ވަޑައިގަތުމުގެ ކުރިން މާލެ ސިޓީ ކައުންސިލުގެ ހިދުމަތްތައް ފޯރުކޮށްދެމުން އައި ގޮތް ސިފަކޮށްދެއްވާފައެވެ. ކުރިން ދަރިންގެ އުފަންދުވަހުގެ ސެޓްފިކެޓު ހައްދަން ލިޔެކިޔުންތަކާއެކު އެ ކައުންސިލުގެ އިދާރާއަށްް ދާންްޖެހުނު ނަމަވެސް ރައީސްގެ މޭޔަރުކަމުގައި އެ ހިދުމަތަށް ގޭގައި ތިބެގެން ހުށަހެޅޭނެ އިންތިޒާމު ހަމަޖެއްސެވިކަން މެންބަރު ފާހަގަކުރެއްވިއެވެ. ޝުޖާ ވިދާޅުވި ގޮތުގައި ރައީސް މޭޔަރުކަމާ ހަވާލުވެވަޑައިގަތްއިރު މާލޭ ސިޓީ ކައުންސިލުގައި ބަލަހައްޓަމުންއައި ގޯތިގެދޮރާ ގުޅުންހުރި މުހިއްމު ލިޔެކިޔުންތައް ހުރީ ކަރުދާހުގައެވެ. އެ ލިޔެކިޔުންތައް ސްކޭން ކުރައްވައި ޑިޖިޓަލް އަރުޝީފެއްގައި ލިޔެކިޔުން ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސެވީ "ޑިޖިޓަލް މާލެ" ތަސައްވުރުގެ ތެރެއިން އެމަނިކުފާނުގެ މޭޔަރުކަމުގައިކަން ޝުޖާ ހަދާންކޮށްދެއްވިއެވެ.
"ދަންނަވަން މިއުޅޭ ވާހަކައަކީ މި ޓްރާންސްފޮމޭޝަން ފެށިއްޖޭ ރައީސް މުޢިއްޒުގެ މޭޔަރުކަމާ ހިސާބުން. އެހެންވީމާ މިހާރު ފެށިގެންގޮސްފި ހާއްސަކޮށް ސިއްހީ ދާއިރާ ޑިޖިޓަލައިޒްވެ އެއްވުޒާރާ އަނެއްވުޒާރާއިން ދޭ ހިދުމަތްތައް ޑިޖިޓައިޒްވާން،" ޝުޖާ ވިދާޅުވިއެވެ.
އިދިކޮޅު އެމްޑީޕީގެ މެންބަރުން ޑިޖިޓަލް ޓްރާންސްފޯމޭޝަން ބިލަކީ އިލެކްޓްރޯނިކް ވޯޓިން ނުވަތަ ޑިޖިޓަލް ނިޒާމެއްގެ ތެރެއިން އިންތިހާބުތައް ބާއްވަން ކުރާ ކަމެއްކަަމަށް ތުހުމަތުކުރައްވައި ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވަމުން ޝުޖާ ވިދާޅުވީ ބިލުގައި އެފަދަ ވާހަކަތަކެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ބިލުގައި ހިމެނޭ ކަންކަމަކީ އަދި ޑިޖިޓަލް ބަދަލުގެ މަގުސަދަކީ ވައްކަމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރުމެވެ. އަދި އެފަދަ މަސައްކަތެއްކުރާނަމަ އިދިކޮޅު ފަރާތްތައް އަބަދުވެސް ކަންބޮޑުވާކަމަށްވެސް މެންބަރު ތުހުމަތުކުރެއްވިއެވެ.
"ނިޒާމުގެ ވައްކަމެއް ކުރާ ދޮރެއް ބަންދުކުރާނަމަ ވަރަށް އަސަރުކުރާނެ މިބޭފުޅުންނަށް. ހާއްސަކޮށް މިފަދަ މުހިއްމު ބިލެއް، ޑިޖިޓަލް ޓްރާންސްފޯމޭޝަން ބިލުން މައިގަނޑު ގޮތެއްގައި މިއުޅެނީ ދިވެހިރާއްޖޭގައި ކުރާ ވައްކަންތައް ހުއްޓުވަން،" ޝުޖާ ވިދާޅުވިއެވެ.
ޝުޖާ ވިދާޅުވީ މި ބިލަށް ގާނޫނީ ބާރުވެރިކަން ދިނުމުން އެމްޑީޕީ ފަދަ ބަޔަކު ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ވެރިކަމަށް އަޔަސް ވައްކަންކުރުމަށް ފުރުސަތު ނުލިބޭނެ ކަމަށެވެ. އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ބިލާ ދެކޮޅަށް ވާހަކަދައްކަވަނީ ވައްކަން ކުރުމަށް ހުރި ފުރުސަތުތައް އެ ބިލު ގާނޫނަކަށްވުމުން ބަންދުވާނެތީކަމަށް މެންބަރު ވިދާޅުވިއެވެ.
މެންބަރު ފާހަގަކުރެއްވީ ވައްކަން މަދުކުރުމަށް ކުރަންޖެހޭ ކަމަކީ ޕްރޮކިއުމެންޓު ފަދަ ކަންކަމުގައި އިންސާނުންގެ ދައުރު މަދުކުރުމެވެ. އެފަދަ މުހިއްމު ކަންކަމުގައި އިންސާނުންގެ ދައުރު މަދުކުރުމަކީ ވައްކަމާއި ކޮރަޕްޝަން ކުޑަކުރުމަށް އެޅޭނެ އެންމެ ހަރުދަނާ ފިޔަވަޅުގެ ގޮތުގައި ފާހަގަކުރައްވަމުން ޝުޖާ ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޯމޭޝަނުގެ މަސައްކަތަށް ގާނޫނީ ބާރުވެރިކަން ލިބުމަކީ އެ އަމާޒަށް ވާސިލުވެވޭނެ ގޮތް ކަމަށެވެ.
ކުރީގައި ކަންކަން ހިނގާފައިވާ ގޮތަށް އިޝާރާތްކުރައްވަމުން ޝުޖާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންގެ ހައްސާސް ޑޭޓާ ރައްކާތެރިކޮށް ބެލެހެއްޓިފައިނުވާ ކަމަށެވެ. އެމްޑީޕީގެ ސަރުކާރުތަކުގައި އައިޖީއެމްއެޗްގެ ޑޮކްޓަރުންނަށް ދައްކާ ބަލިމީހުންގެ މައުލޫމާތާއި، ދިވެހި ފުލުހުންގެ ހިދުމަތަށް ހެކިވެރިންނާއި މުއްތަހަމުން ދޭ ބަޔާންތައް ލީކުވެފައި ހުރިކަންް ފާހަގަކުރައްވަމުން މެންބަރު ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ގާނޫނީ ބާރުވެރިކަން ލިބި ޖަވާބުދާރީވަނިވި ނިޒާމެއް ގާއިމުކުރެވުމުން ރައްޔިތުންގެ އަސާސީ މައުލޫމާތު ރައްކާތެރިކުރެވޭނެ ކަމަށެވެ.