ENGLISH

22 ޖޫން 2026

Advertisement

ކްލަބް މޯލްޑިވްސް ކަޕް: އެމްއޭސީއެލް، ބީއެމްއެލް އަދި ޓީޓީއެސްއަށް ރަނގަޅު ފެށުމެއް

22 ޖޫން 2026

|

އިސްމާއިލް ޝާހު

ކްލަބް މޯލްޑިވްސް ކަޕުގައި އެމްއޭސީއެލް އާއި ފެނަކަ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް 2026 ގެ ފެށުން އެމްއޭސީއެލް، ޔުނައިޓެޑް ބީއެމްއެލް އަދި ކުލަބު ޓީޓީއެސްއިން ރަނގަޅުކޮށްފިއެވެ.

މި އަހަރުގެ ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަން ފެށުމުގެ ކުރިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކްލަބް މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރިއިރު، އެ އެއްބަސްވުމުގެ ދަށުން ކްލަބް މޯލްޑިވްސްއިން ބާއްވާ "ކްލަބް މޯލްޑިވްސް ކަޕް" އަދި "އެއިޓީން ތާޓީ" ފުޓްސަލް މުބާރާތްތައް ވަނީ އެފްއޭއެމްއިން އެންޑޯސްކޮށްގެން ކުރިއަށްގެންދާ މުބާރާތްތަކަށް ވަނީ ވެފައެވެ.

ރާއްޖޭގެ ފުޓްސަލްގައި އެންމެ ފަޚުރުވެރި ތާރީޚެއް އޮތް ކްލަބް މޯލްޑިވްސް ކަޕަކީ 2006 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. އަދި މިއީ މި މުބާރާތް ބާއްވާ 20 ވަނަ އަހެރެވެ. ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕުގެ ކުޅުން ރޭ ފެށިއިރު، މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢުއެވެ. އަދި އެފްއޭއެމްގެ ރައީސް އަޙްމަދު އަޙްމަދު ޠާރިޤުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކްލަބް މޯލްޑިވްސް ކަޕުގައި އެމްޕީއެލް އާއި ސްޓެލްކޯ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕުގައި 17 ޓީމެއް ވާދަކުރެއެވެ. މި ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭ، ބީ އަދި ސީގައި ހަތަރު ޓީމު ހިމެނެއެވެ. އަދި ގްރޫޕް ޑީގައި ހިމެނެނީ ފަސް ޓީމެވެ.

މުބާރާތުގެ ކުޅުން ރޭ ފެށިއިރު، ގްރޫޕް އޭގައި މި މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފައިވާ އެމްޕީއެލް އާއި ނިމިގެންދިޔަ ކިންގްސް ކަޕުގެ ޗެމްޕިއަންކަން ހޯދި ސްޓެލްކޯ ރެކްރިއޭޝަން ކުލަބު ބައްދަލުކުރި މެޗު ނިމުނީ 5-5 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗުގައި ސްޓެލްކޯގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ވިލްފް، އިބްރާހީމް ރިމާހު، މުޙައްމަދު ނަޒާމް، މުޙައްމަދު ސިރުޚާން އަދި ޝުއައިދު ސައީދެވެ. އެމްޕީއެލްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ދެ ލަނޑު ޖެހި އިބްރާހީމް ވަހީދު ހަސަން، އިބްރާހީމް އަތީގު ހަސަން، ނަޝާހު އަޙްމަދު އަދި އިބްރާހީމް ސަނޫނެވެ.

ކްލަބް މޯލްޑިވްސް ކަޕުގައި ޓީޓީއެސް އާއި ޕޮލިސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މި ގްރޫޕުގައި ރޭ ޕޮލިސް ކުލަބާ ދެކޮޅަށް ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ޓީޓީއެސްއިން ވަނީ ކާމިޔާބުކޮށްފައެވެ. މި މެޗުގައި ޓީޓީއެސްގެ ލަނޑުތައް ޖަހައިދިނީ ދެ ލަނޑު ކާމިޔާބުކުރި އަޙްމަދު މާއިން މުޙައްމަދު، ހުސައިން އަފްސަލް އަދި ސައްޖާދެވެ. ޕޮލިސް ކުލަބުގެ ދެ ލަނޑުވެސް ލިބުނު ދުރު ޕެނަލްޓީތަކުން ޖަހައިދިނީ އަޙްމަދު ލޫތެވެ.

މީގެ އިތުރުން މި މުބާރާތުގެ ގްރޫޕް ބީގައި ތިން ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ އެމްއޭސީއެލްއިން ވަނީ 4-3 ގެ ނަތީޖާއަކުން ޓީމު ފެނަކަ ބަލިކޮށްފައެވެ. މި މެޗުގައި އެމްއޭސީއެލްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހެޓްރިކް ހެދި އަޙްމަދު ހުސާމް އާއި، މުޙައްމަދު ޖިނާހެވެ. އަދި މީގެ ކުރިން 2022 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފެނަކައިގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ނަޝީދު، މުޙައްމަދު ހުޝާމް އަދި މުޙައްމަދު ވަހީދެވެ.

ކްލަބް މޯލްޑިވްސް ކަޕުގައި ބީއެމްއެލް އާއި ކަސްޓަމްސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މި ގްރޫޕުގެ އަނެއް މެޗުގައި ރޭ، މީގެ ކުރިން ދެ ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ ބީއެމްއެލްއިން ވަނީ 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކަސްޓަމްސް ރެކްރިއޭޝަން ކުލަބު ބަލިކޮށްފައެވެ. މި މެޗުގައި ބީއެމްއެލްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ އުޒައިރު މުޙައްމަދު، އިޝާން އިބްރާހީމް، އަރީން އަބްދުالله އިބްރާހީމް އަދި އިބްރާހީމް ހަމްދާނެވެ. މީގެ ތެރެއިން އިޝާން ހަތަރު ލަނޑު ޖެހިރު، ހަމްދާން ވަނީ ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި މުބާރާތުގައި މިރޭވެސް ހަތަރު މެޗެއް ކުޅޭނެއެވެ.

  • އެސްޓީއޯ އާރްސީ - ކުލަބު އެމްޓީސީސީ (20:15)
  • އާރްއާރްސީ - ކުލަބު ވެމްކޯ (20:15)
  • ޑީއެސްސީ - ޓީމު އެފްއެސްއެމް (22:30)
  • ކުލަބު އިމިގްރޭޝަން - ކުލަބު ފެން (22:30)
ކިޔުންތެރިންގެ ހިޔާލު