ENGLISH

22 ޖޫން 2026

Advertisement

ގެއްލިގެންދިޔައީ މުދައްރިސެއް، މުރުޝިދެއް، މުސައްނިފެއް: ހިދުމަތުގެ ވަސްމީރު ޛިކުރާއަށް ނިމުމެއް ނެތް

22 ޖޫން 2026

|

އައިމިނަތު ޝަފާ

ޝެއިޚް އިސްމާޢީލް

ރާއްޖޭގެ އެންމެ ފުންނާބުއުސް ދީނީ އިލްމުވެރިއެއް ކަމަށްވާ ޝައިހް އިސްމާއީލް މުހައްމަދު، އުމުރުފުޅުން 85 އަހަރުގައި އިއްޔެ ދިވެހި އުއްމަތާ ވަކިވެގެންދިޔައިރު ގިނަ ބަޔަކު އޭނާގެ އަގުހުރި ހިދުމަތްތަކުގެ ޛިކުރާ އައުކޮށްފައިވެއެވެ. ޝެއިހަކީ ރާއްޖޭގައި އިސްލާމީ ތައުލީމު ފެތުރުއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައި، ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމު ހޯއްދަވާފައިވާ ބޭފުޅެކެވެ. ޝެއިހް އަވަހާރަވުމަކީ ދިވެހި ގައުމަށާއި އިސްލާމީ އުއްމަތަށް ލިބުނު ފުން ހިތާމައެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

ތައުލީމީ ހަޔާތްޕުޅު:

ދ. މީދޫއަށް އުފަން ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ، ރާއްޖޭގައި އުފެދުނު ދީނީ ޢިލްމުވެރިންގެ ތެރެއިން ވަރަށްކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ފ.އަތޮޅުގެ އޭރުގެ ވެރިރަށް މަގޫދޫގައި ހުންނަ އަތޮޅު މަދަރުސާއިން ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ލިބިވަޑައިގެން ހޭދަކުރެއްވި ތިން އަހަރެއްހައި ދުވަހުގެ ތެރެއިން ފަހު ދެ އަހަރު، މަދަރުސާއިން ވިދިވިދިގެން އެއް ވަނަ ހޯއްދެވި ދަރިވަރަކީވެސް އިސްމާޢީލް މުޙައްމަދެވެ. އެކާމިޔާބުގެ ނަތީޖާއެއްގެ ގޮތުން، ކިޔަވައިވިދާޅުވުމަށް މާލެއަށް ވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަތެވެ. މާލެއަށް ވަޑައިގެން ތަޢުލީމު ހާސިލުކުރެއްވީ މަޖީދިއްޔާ ސްކޫލްގައެވެ.

އިސްމާޢީލް މުޙައްމަދުގެ ހިތްޕުޅުގައި މަތީ ތަޢުލީމަށް އޮތް ޝައުޤުވެރިކަމުގެ ސަބަބުން، މުދައްރިސެއްގެ ގޮތުގައި ކުރެއްވި މަސައްކަތްޕުޅުން ލިބިވަޑައިގެންނެވި އާމްދަނީން ދީނީ ތަޢުލީމު އުނގެނިވަޑައިގަތުމަށްޓަކައި އިންޑިޔާއަށް ވަޑައިގަތުމަށް ނިންމެވީއެވެ. އެގޮތުން، މިހާރުގެ ޓެމިލްނާޑޫގެ ޢުމަރުއާބާދުގެ ޖާމިޢާ ދާރުއްސަލާމަށް، 1959 ވަނަ އަހަރުގެ ތެރޭގައި އިސްމާޢީލް މުޙައްމަދު ވަޑައިގެންނެވިއެވެ. އެތާނގައި ހަތް އަހަރެއްހައި ދުވަހު ކިޔަވައި ވިދާޅުވުމަށްފަހު، އެ ޔުނިވަރސިޓީއާ ވަކިވެވަޑައިގަތީ، 1967 ވަނަ އަހަރުގެ ތެރޭގައެވެ. ފުރަތަމަ ޑިގްރީއަށް ކިޔަވައި ވިދާޅުވުމަށްޓަކައި، މަދީނާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީއަށް ވަޑައިގެންނެވީ، އޭގެފަހުންނެވެ. މަދީނާ އިސްލާމިކް ޔުނިވަރސިޓީގައި އިސްމާޢީލް މުޙައްމަދު ކިޔަވައިވިދާޅުވުމަށް ފުރުޞަތު ލިބިވަޑައިގަތީ، ކުއްލިއްޔަތުއްދަޢުވާ ވަލް އުޞޫލުއްދީނުގައެވެ. ހަތަރު އަހަރު ދުވަހުން ޑިގްރީ ހާސިލުކުރައްވައި ދަސްވެނިވެވަޑައިގަތީ، 1979ވަނަ އަހަރުގެ ތެރޭގައެވެ. އެ އަހަރު އެ ޔުނިވަރސިޓީގައި ޓީޗިން މެތަޑޮލޮޖީގެ ރޮނގުން ތިންމަސް ދުވަހުގެ ތަމްރީނު ކޯހެއްވެސް އިސްމާޢީލް މުޙައްމަދު ފުރިހަމަކުރެއްވިއެވެ. މަދީނާ ޔުނިވާސިޓީން ޑިގްރީ ހާސިލުކުރައްވައި، މާލެ ވަޑައިގެންނެވިއިރު ޝައިޚް އިސްމާޢީލް ވެވަޑައިގަތީ، މަދީނާ ޔުނިވާސިޓީން ޑިގްރީ ހާސިލުކުރެއްވުމުގެ ޝަރަފު އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ދިވެއްސެއްގެ ގޮތުގައެވެ.

މަދަރުސާ ޠައިބާގެ ބާނީ: ދީނީ ޢިލްމުވެރިންގެ ޢިލްމީ ހިޔާވަހިކަމުގެ ބިންގާ

ޝައިޚް އިސްމާޢީލް މުޙައްމަދު، މަދީނާ ޔުނިވާސިޓީން ދަސްވެނިވެވަޑައިގަތުމަށްފަހު މާލެއަށް ވަޑައިގެން، ދިވެހި ކުދިންނަށް ޢަރަބިބަހުން އިސްލާމްދީން އުނގަންނަވައިދެއްވުމަށްޓަކައި "މަދަރުސާ ޠައިބާ"ގެ ނަމުގައި މަދަރުސާއެއް އުފެއްދެވިއެވެ. އެ މަދަރުސާ އުފެއްދެވީ، އޭރުގެ މަޝްހޫރު ވިޔަފާރިވެރިޔާ މަރްޙޫމް ދިއްދޫ އިބްރާހީމް ކަލޭފާނުގެ ދީލަތި އެހީތެރިކަމާ އެކުގައެވެ. މާފަންނު މަސްޖިދު ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް) މިހާރުހުރި ބިމުގައި އޭރު ބިނާކުރެއްވި އެ ސްކޫލް ވެގެންދިޔައީ، މިހާރު ރާއްޖޭގައި ތިއްބެވި ވަރަށްގިނަ ދީނީ ޢިލްމުވެރިންގެ ޢިލްމީ ހިޔާވަހިކަމުގެ ބިންގާ ކަމުގައެވެ. ޠައިބާ ސްކޫލްގައި ކިޔަވައިދެއްވި މުދައްރިސުންގެ ތެރޭގައި، ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމާއި، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޢަބްދުއްރަޙްމާން ފަދަ އަލްއަޒްހަރު ޔުނިވަރސިޓީން މަތީ ތަޢުލީމު ހާސިލުކުރެއްވި ޢިލްމުވެރިންވެސް ހިމެނިވަޑައިގަންނަވައެވެ. ޠައިބާ ސްކޫލްގެ ފުރަތަމަ އަހަރުވެސް ދަރިވަރުންގެ ގޮތުގައި 200 ކުދިން ރަޖިސްޓަރީ ކުރެވުނެވެ.

ޢިލްމު ފެތުރުއްވުމަށްޓަކައި ޝައިޚް އިސްމާޢީލް މުޙައްމަދު ކުރެއްވީ އެހާ ފަސޭހަފުޅު ދަތުރެއް ނޫނެވެ. ޝައިޚްގެ މަސައްކަތްޕުޅަށް އެކިފަހަރު އެކި ފިއްތުންތައް ކުރިމަތިވިކަމުގައިވިޔަސް، ދީނީ ރޮނގުން ޚިދުމަތް ކުރެއްވުމުގައި ދެގޮތެއްނުވެ ދެމިހުންނެވިއެވެ.

ޝޯޝަލް މީޑިއާ ޝެއިހުގެ ހިދުމަތްތަކުން ފުރިފައި:

ޝައިހް އަވަހާރަވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް އެތައް ބަޔަކު އަންނަނީ ހިތާމަ ފާޅުކޮށް، ތައުޒިޔާ ކިޔަމުންނެވެ. އެގޮތުން އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޝެއިހަކީ ދީނީ ތައުލީމު ކުރިއެރުވުމަށްޓަކައި އާދަޔާ ހިލާފު ގަދަ ހިތްވަރެއް ކުރައްވާފައިވާ ލާމަސީލު ޝަހުސިއްޔަތެއްކަމަށެވެ. ޝެއިހް އަލީ ޒާހިރު ވަނީ އޭނާގެ ދީނީ ތައުލީމުގެ ހަޔާތް ފެށިގެން އައި ދުވަސްވަރު ޝައިހު އިސްމާއީލްގެ ފަރާތްޕުޅުން ލިބުނު ހެޔޮ ނަސޭހަތާއި ރަގަޅު ތަރުބިއްޔަތާއި އެހީތެރިކަމުގެ ހަނދާން އައުކުރައްވައި އެ ބަދަލު މާތްﷲ ހެޔޮ ގޮތުގައި ޝެއިހް އިސްމާއީލަށް ދެއްވުން އެދި ދުއާކުރައްވާފައެވެ. 

ޝެއިހް އަވަހާރަވުމުގެ ހިތާމައިގައި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ހިތާމަ ފާޅުކުރައްވާފައިވާއިރު އެމަނިކުފާނުގެ ޕޯސްޓުގައި ޝައިޚް އިސްމާއީލްއަކީ މަދީނާގެ އިސްލާމީ ޔުނިވަސިޓީން އެންމެ ފުރަތަމަ ދަސްވެނިވެވަޑައިގަތް ދިވެހި ދަރިވަރުކަން ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ޝެއިހްގެ މުޅި ހަޔާތްޕުޅު ހޭދަކުރެއްވީ އިސްލާމްދީނާއި މުސްލިމުންގެ ހިދުމަތުގައިކަމަށާއި ދިވެހިރާއްޖޭގެ އިސްލާމީ ކުތުބުހާނާ މުއްސަނދިކޮށްދެއްވުމަށްޓަކައި ގިނަގުނަ އިލްމީ ފޮތްތަކެއް ޝެއިހް ލިޔުއްވިކަމަށެވެ. މިގޮތުން ޝެއިހުގެ އެންމެ މުހިންމު އިލްމީ މަސައްކަތްޕުޅެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ ކީރިތި ޤުރުއާނުގެ މާނަ ދިވެހި މުޖުތަމައަށް ފަސޭހައިން ފަހުމްކޮށްދިނުމަށްޓަކައި، "التفسير الميسر" (އައްތަފްސީރުލް މުޔައްސަރު) ދިވެހި ބަހަށް ތަރުޖަމާކުރެއްވުމުގެ މާތް މަސައްކަތްޕުޅެވެ. 

ކީރިތި ގުރުއާނުގެ ތަފުސީރު އެއްކޮށް ދިވެހި ބަހަށް ތަރުޖަމާކުރެއްވުމުގެ އިތުރުން ދީނީ އެކި މައުޟޫއުތަކަށް 40 ފޮތް ލިޔުއްވާފައިވެއެވެ. މީގެ ސަބަބުން އަރަބި ބަސް ނޭނގޭ ރައްޔިތުންނަށް ދީނީ މައުލޫމާތު އުނގެނުމަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދިޔައެވެ. 

މި ފޮތްތަކަކީ މިއަދުވެސް ދީނީ އިލްމު ހޯދުމަށް ދިވެހިން ބޭނުންކުރަމުންދާ މުހިންމު މަސްދަރުތަކެކެވެ. މީގެ އިތުރަށް ފަނޑިޔާރުކަން ކުރެއްވި ދުވަސްވަރު ޝަރުއީ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތްޕުޅު ވެސް ޝެއިހް ކުރެއްވިއެވެ.

ގިނަ ދިވެހި ދަރިވަރުންތަކަކަށް އިލްމު އުނގެނުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި ޝެއިހް އިސްމާއީލްގެ ދަރިވަރުންގެ ތެރޭގައި މިހާރު ރާއްޖޭގެ އިސް މަގާމުތައް ފުރުއްވަމުން ގެންދަވާ އަދި ކުރިން އެފަދަ އިސް މަގާމުތައް ފުރުއްވި ބޭފުޅުން ހިމެނެއެވެ.

މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ކުރެއްވި ޕޯސްޓުގައި ދިވެހިރާއްޖޭގައި ހެޔޮ ފެތުރުއްވުމުގައި އަގު ނުކުރެވޭވަރުގެ ހިދުމަތްތަކެއް އިސްލާމްދީން މަތިވެރިކޮށް މުސްލިމުންގެ ލާބަޔާ ހަމަޖެހުމަށް ޝެއިހް ކޮށްދެއްވިކަން ފާހަގަކުރެއްވިއެވެ. އަދި ޝެއިހް އިސްލާމްދީނުގެ އަސާސްތައް ރައްޔިތުންނަށް ފެތުރުއްވުމުގައި ގެންގުޅުއްވީ ކެތްތެރި ދުރު ވިސްނޭ އިސްތިރާޖީތަކެއްކަން ފާހަގަކުރައްވައި މެމްބަރު ވަނީ އެ މިސާލުތަކަކީ މިހާރުގެ އިލްމުވެރިންވެސް ދީން ފެތުރުއްވުމަށް ގެންގުޅެންވީ އުސްލޫބު ކަމަށް ވިދާޅުވެފައެވެ. 

އިސްލާމީ ތަޢުލީމަށް ޝެއިޚް ކޮށްދެއްވި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ވަނީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދިން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ޝެއިހަށް އަރުވާފައެވެ. މި ޝަރަފު ޝެއިހާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. މި އޮނޮރަރީ ޑޮކްޓަރޭޓްކަން އަރުވައިފައިވަނީ އިސްލާމީ އިލްމު ފެތުރުއްވުމަށް ކުރެއްވި ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

އައިޔޫއެމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މި ޝަރަފު އެރުވުމަކީ ރާއްޖޭގެ މަތީ ތައުލީމުގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެެ.

ޝެއިހް އަވަހާރަވިއިރު ގެންދެވީ ހުޅުމާލޭގައި އަމިއްލަފުޅު އިސްނެންގެވުމަށް މިސްކިތެއް ބިނާކުރައްވަމުންނެވެ. 

ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު ވަނީ ބައި ޤަރުނަށްވުރެ ގިނަ ދުވަހު ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަމަށާއި، އިސްލާމީ ޢިލްމު ފެތުރުއްވުމަށްޓަކައި ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައެވެ. ޝެއިހަކީ ދިވެހި ގިނަ ދަރިވަރުންތަކަކަށް އިސްލާމީ ތަޢުލީމު އުނގަންނަވައިދެއްވި މޮޅު އުސްތާޒެކެވެ. އިލްމުވެރި ގަލަންކޮޅެއްގެ ވެރި މުސައްނިފެކެވެ. މާލީގޮތުންނާއި، ވަސީލަތުގެ ގޮތުން އަގުނުކުރެވޭނެ ފަދަ ހިދުމަތްތައް ފޯރުކޮށްދެއްވި މަދަދުވެރިއެކެވެ.ޝެއިހް ދިވެހި މުޖުތަމައާ ވަކިވެވަޑައިގަތަސް ޝެއިހުގެ ހަނދާންތަކަކީ ދިވެހީންގެ ހަދާންތަކުން ފިލައިގެންނުދާނެ، އަބަދަށް ދެމިގެންދާނެ އަގުހުރި ޛިކުރާތަކެކެވެ. ޖިސްމުތައް ފަނާވެ ނެތިދިޔަސް އަގުހުރި ހިދުމަތުގެ ޛިކުރާއަށް ނިމުމެއް ނާދެއެވެ. 

ކިޔުންތެރިންގެ ހިޔާލު