ENGLISH
22 ޖޫން 2026
ޑިޖިޓަލް ބިލަކީ މިވަގުތު އަސާސީ ބިލެއް، އިދިކޮޅުން އުޅެނީ 40 އަހަރު ފަހަތަށް ގައުމު ގެންދަން: މެންބަރު އިބްރާހީމް
22 ޖޫން 2026
|
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު، އިބްރާހިމް މުހައްމަދު
އެންމެ މަޤްބޫލު
ދިވެހިރާއްޖެއަށް ޑިޖިޓަލް ޓްރާންސްފޯމް ބިލަކީ މިވަގުތު އަސާސީ ބިލެއްކަން ފާހަގަކުރައްވައި، އިދިކޮޅުން އުޅެނީ 40 އަހަަރު ފަހަތަށް ގައުމު ގެންދަންކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު، އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެއެވެ.
މެންބަރު މިފަދައިން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގައި ޑިޖިޓަލް ޓްރާންސްފޯމޭޝަން ބިލާ ގުޅިގެން ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވަނީ ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލުގެ މުހިންމު ކަމަށް އަލި އަޅުވާލައްވާފައެވެ.
އެގޮތުން މެންބަރު ވިދާޅުވީ، މިހާރު މިޒަމާނުގައި އަޅުގަނޑުމެންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި ހުރިހާ ދާއިރާއެއްގައިވެސް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާ ކަމަށެވެ. އެހެންކަމުން ޑިޖިޓަލް ވަސީލަތްތަކާ ގުޅޭ ހަރުދަނާ ގާނޫނީ އޮނިގަނޑެއް އޮތުން މުހިއްމުކަން މެންބަރު ފާހަގަކުރެއްވިއެވެ.
"ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރަށް ފައިސާ ޓްރާންސްފާ ކުރަނީ ޑިޖިޓަލީ. އެކަކު އަނެކަކަށް ފައިސާ ޓްރާންސްފާ ކުރަނީ ޑިޖިޓަލީ. ލޯންތަކަށް އެޕްލައި ކުރަނީ، ލޯން ދައްކަނީ، ޑޮކްޓަރަށް ދައްކަނީ ޑިޖިޓަލްކޮށް. މި ޑީޖިޓަލް ނޭނގުން މީ އަޖައިބެއް." މެންބަރު އިބްރާހިމް ވިދާޅުވިއެވެ.
މީގެ އިތުރުން، ޑިޖިޓަލް ޓްރާންސްފޯމޭޝަން ބިލަކީ މިހާރު ރާއްޖެއަށް އަސާސީ އެއްޗެއްކަން ފާހަގަކުރައްވައި، ރާއްޖެއަށް ޑިޖިޓަލް ތަރައްޤީގެންނަށް ބޭނުންވާކަން މެންބަރު ވަނީ ފާހަގަކުރައްވާފައެވެ. އަދި އިދިކޮޅުގެ މެންބަރުން މަސައްކަތް ކުރަނީ މި ތަރައްޤި ގެނައުމަށް ހުރަސްއަޅަން ކަމަށާއި އެބޭފުޅުން ބޭނުންވަނީ ގައުމު 40 އަހަރު ފަތަަށް ގެންްދަން ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.
"މި ބިލަކީ ދިވެހިރާއްޖެއަށް މިވަގުތު އަސާސީ އެއްޗެކޭ. ކޮންމެ މެންބަރެއް ކުރިމަތީ މި އިންނަނީ ޑިޖިޓަލް ސްކްރީނެއް. ވޯޓު ދެނީ ޑިޖިޓަލީ. މި އެހެން ޒަމާނަކަށް އައިސްފަ މިއޮތީ. އެެހެންވީމަ މިހާރު އަޅުގަނޑުމެން އެބަ ބޭނުންވޭ ދިވެހިރާޖެއަށް ތަރައްޤީ ގެންނަން. ޒުވާނުުންގެ އަތް ފައި މިނިވަން ވާނެ ގޮތެއް ހަދަން. އެމްޑީޕީ އިން މި މަސައްކަތް ކުރަނީ މައުލޫ އޮޅޭ ގޮތަށް މައުލޫގެ މަފްހޫމް އޮޅޭ ގޮތަށް ވާހަކަދައްކަން. ލޯގޯގައި ތިލަފަތެއް ކުރެހިއަކަށް އެ އަދި އިންސާފެއް ނޫން. އިދިކޮޅުން އުޅެނީ ރައްޔިތުން 40 އަހަރު ފަހަތަށް ޖައްސަން" މެންބަރު ވިދާޅުވިއެވެ.
އިތުރަށް މެންބަރުގެ ވާހަކައިގައި ވަނީ އިދިކޮޅުން މައުޟޫއު އޮޅުވާލަން މަސައްކަތް ކުރާކަމަށް ވިދާޅުވެ އެބޭފުޅުންނަށް ރައްދުދެއްވާފައެވެ.
މެންބަރު ވިދާޅުވީ، ބޭނުންވަނީ ރައްޔިތުންނަށް ހިދުމަތްދޭން ކަމަށެވެ. އެގޮތުން ޑިޖިޓަލް ބިލް ފާސްވުމާއެކު މަސައްކަތްތައް ކުރުމަށް ހޭދަވާ ވަގުތު ސަލާމަތްވެ ފަސޭހަތައް ލިބިގެންދާނެ ކަމަށެވެ.
މެންބަރު އިބުރާހިމްގެ އިތުރުން، ބާރަށު ދާއިރާގެ މެންބަރު ޝުޖާއު ދެއްކެވި ވާހަފުޅުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ގެންގުޅުއްވި ޑިޖިޓަލް ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ޑިޖިޓަލް ރާއްޖެއަކަށް ރާއްޖެ ބަދަލުކުރުމަކީ މިއަދު އެކަނި ކުރެވޭ ކަމެއް ނޫންކަމަށާއި، އެއީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސްވަރުވެސް އެމަނިކުފާނު ގެންގުޅުއްވި ތަސައްވުރެއްކަމަށް ފާހަގަކުރައްވާފައިވެއެވެ.