ENGLISH

22 ޖޫން 2026

Advertisement

ދަނޑުވެރި މަންފާ އެގްރިބިޒްނަސް މެޗިން ގްރާންޓަށް ހުޅުވާލައިފި

22 ޖޫން 2026

|

އައިމިނަތު ޝަފާ

ދަނޑުވެރިކަން ކުރާ ބައެއް.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި އިންޓަރނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން ހިންގަމުންގެންދާ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)'ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި "އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމް" ގެ ދެވަނަ ބުރު ހުޅުވާލުމަށް މިއަދު އިއުލާންކޮށްފިއެވެ.

"ދަނޑުވެރި މަންފާ" ގެ ނަމުގައި އެސްއެމްއީ ޑިޖިޓަލްއާއި އެކު ކުރިއަށްގެންދާ މި ސްކީމް އަމާޒުކުރަނީ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)'ގެ ހަރަކާތްތައް ކުރިއަށްދާ ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކުގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އެންޖީއޯ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ އަދި ކޯޕޮރޭޓިވް ސޮސައިޓީތަކަށެވެ.

ގްރާންޓްގެ ފުރަތަމަ ބުރުގައި 15 ދަނޑުވެރިއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ފުރަތަމަ ބުރެކޭ އެއްފަދައިން ދެވަނަ ބުރުވެސް މި ހުޅުވާލެވެނީ ހަމައެކަނި ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަންއަށެވެ. މިއީ ގްރީންހައުސް އިންސްޓޯލްކޮށް، ހައިޑްރޮޕޯނިކްސް ސިސްޓަމް ނުވަތަ އެހެންވެސް މީޑިއަމްއެއް ގާއިމްކޮށްގެން ދަނޑުވެރިކަންކުރުމަށެވެ. މި ގްރާންޓް ސްކީމްގެ މަޢުލޫމާތު ހިއްސާކުރުމުގެ ސެޝަންތައް ޕްރޮޖެކްޓްގެ ރަށްތަކުގައި ކުރިއަށް ގެންދިއުމަށް އެސްއެމްއީ ޑިޖިޓަލްއިން ނިންމާފައިވެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން އެންމެ ގިނަވެގެން 150،000 ރުފިޔާއާ ހަމައަށް ހިލޭ އެހީ ދޫކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ޝަރުތު ފުރިހަމަވާ ފަރާތްތަކަށް މުޅި މަޝްރޫއަށް ހިނގާ ހަރަދުގެ 30 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ މިންވަރެއް ހިލޭ އެހީގެ ގޮތުގައި ލިބިގެންދާނެއެވެ.

މީގެ އިތުރުން، މަޝްރޫއު ފުރިހަމަކުރުމަށްޓަކައި ބޭނުންވާ އިތުރު ފައިސާ، އަމިއްލަ ހަރަދުގައި ނުވަތަ ދަނޑުވެރި ނަފާ ފައިނޭންސިންގ މެދުވެރިކޮށް ފުރިހަމަކުރާގޮތަށް މި ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

މި ފައިނޭންސިންއާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ، ބަދުރުއްދީން ހަސަން ވިދާޅުވީ، އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމަކީ ދަނޑުވެރިންނަށާއި ދަނޑުވެރިކަމުގެ ވިޔަފާރިތަކަށް ލިބިގެންދާ އަގުހުރި ފުރުސަތެއްކަމަށެވެ.

"ހިލޭ އެހީގެ ފައިސާއާއި، އަމިއްލަ ފައިސާ ނުވަތަ ފައިނޭންސިންގ ފެސިލިޓީއާއި މެޗްކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ސަބަބުން، ދަނޑުވެރިންނަށް އުފުލަންޖެހޭ މާލީ ބުރަ ކުޑަވެ، އުފެއްދުންތެރިކަމާއި، އައު އީޖާދުތަކާއި، އަދި ދެމެހެއްޓެނިވި ކުރިއެރުމަށް އިންވެސްޓްކުރުމަށް ބާރުލިބިގެންދާނެ، މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި އަދި ކޮންމެފަދަ ހާލަތަކަށްވެސް އެކަށޭނެ ހަރުދަނާ ދަނޑުވެރިކަމުގެ ނިޒާމެއް ގާއިމުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ،". ސީއީއޯ ވިދާޅުވިއެވެ.

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)އަކީ އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)އާއި ދިވެހި ސަރުކާރާއި ގުޅިގެން ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށެއްގައި ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މިގޮތުން 26 ރަށުގައި އެރަށުގެ ދަނޑުވެރިން ހިމަނައިގެން އައިލެންޑް ފާރމާ ފޯރަމް ގްރޫޕްތަކެއް ޤާއިމްކޮށް އެފަރާތްތަކަށް ދަނޑުވެރިކަމާއި އަދި ގުޅުންހުރި ދާއިރާތަކުން ތަމްރީނާއި މަޢުލޫމާތު އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރެވެމުންގެންދެވެއެވެ. ޕްރޮޖެކްޓްގެ މައިގަނޑު އެއް މަސައްކަތެއްގެ ގޮތުން 12 ރަށެއްގައި ގްރީންހައުސް އަޅައިގެން ކޮކޯޕީޓްގައި ކިއުކަމްބާ، މެލަން، މިރުސް އަދި ކަރާ ހައްދާނެގޮތުގެ ޓެކްނިކަލް ތަމްރީން ޕްރޮގްރާމްތަކެއް މިހާރުވެސް ކުރިއަށް އެބަ ދެއެވެ.

މީގެ ބޭނުމަކީ ކްލައިމެޓް ސްމާރޓް އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވާ ޒަމާނުއްސުރެ ދަނޑުވެރިކަން ކުރަމުން އަންނަގޮތަށްވުރެ ރަނގަޅު އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ދަނޑުވެރިންގެ މެދުގައި ޝައުގުވެރިކަން އުފައްދާ އަދި އަހުލުވެރިކުރުވުމެވެ. އަދި މި ޕްރޮޖެކްޓުން މިކުރާ މަސައްކަތުން ކުރެވޭ އުންމީދަކީ ދަނޑުވެރިކަމުގެ ސިނާއަތު އިހުނަށްވުރެ ފުޅާވެ ޒަމާނީ ދަނޑުވެރިކަމަށް ޝައުގުވެރިވާ ޒުވާނުން އިތުރުވެގެން ދިއުމެވެ.

މި ޕްރޮގްރާމަށް އެދި ގްރާންޓް އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެސްއެމްއީ ޕޯޓަލްއިން މިއަދުން ފެށިގެންނެވެ. 

މި ފައިނޭންސިންގެ ދަށުން ދަނޑުވެރިކަމުގެ އެކި މަސައްކަތްތަކަށް ދެ މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ހޯދުމަށް އެދި ހުށަހެޅޭނެއެވެ.

"ދަނޑުވެރި މަންފާ" އެގްރިބިޒްނަސް މެޗިން ގްރާންޓްގެ ދަށުން މަޝްރޫއު ނިންމުމަށް ބޭނުންވާ އިތުރު މާލީ އެހީތެރިކަން 'ދަނޑުވެރި ނަފާ' ފައިނޭންސިން މެދުވެރިކޮށް ހޯދުމުގެ ފުރުސަތުވެސް ހުޅުވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު