ENGLISH
22 ޖޫން 2026
އެންމެ މަޤްބޫލު
ގުރުއާން ހިތުދަސް ކުރާ މީހުންގެ އަދަދު އިތުރުވަމުންދާތީ ހާފިޒުން އިމްތިހާނު ކުރާ ކޮމިޓީތައް އިތުރުކުރަން ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގުރުއާން ހިތު ދަސްކުރާ ދަރިވަރުންގެ އަދަދު އިތުރުވަމުންދާކަމަށެވެ. އެހެންކަމުން ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގައި ހާފިޒުން އިމްތިހާނު ކުރުމުގެ ނިޒާމު އިތުރަށް ފުޅާކޮށް އެއް ވަގުތެއްގައި ގިނަ ދަރިވަރުންނަށް އިމްތިހާނު ކުރިއަށް ގެންދިއުމަށް ހާފިޒުން އިމްތިހާނު ކުރާ ކޮމިޓީތައް އިތުރުކުރަން ވުޒާރާއިން ނިންމާފައިވާކަމަށް ވިދާޅުވިއެވެ.
ހާފިޒުން އުފެއްދުމަށް ސަރުކާރުން ދަނީ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް މިހާރުވެސް 1،400 އަށް ވުރެ ގިނަ ދަރިވަރުން ގުރުއާން ހިތުން ދަސްކުރަމުންދާ ކަމަށް ވުޒާރާ އިން މައުލޫމާތުދެއެވެ.
މާލޭގެ އިތުރުން އަތޮޅުތަކުގައި އިސްލާމީ މަރުކަޒު ގާއިމުވެފައިވާ ތަންތަނާއި، މަރުކަޒުތައް ގާއިމުކުރެވެމުންދާ ތަންތަނާއި ބޮޑެތި އާބާދީތަކުގައި ގުރުއާން ހިތުދަސްކުރުމުގެ މަޝްރޫއުތައް މިހާރުވެސް ދަނީ ކުރިއަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް ހާފިޒުންގެ އެލަވަންސް މިހާރު ވަނީ ދެ ގުނަ ބޮޑުކޮށްފައެވެ.
ސަރުކާރުގެ އަމާޒަކީ އަހަރަކު 100 ހާފިޒުން އުފެއްދޭ މިންވަރަށް އެ މަސައްކަތް ފުޅާ ކުރެއްވުމެވެ. އަދި ފަސް އަހަރު ތެރޭ ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ ކުދީންގެ އަދަދު 1000 އަށް އެރުވުމަކީ ވެސް ވުޒާރާގެ އަމާޒެކެވެ. އެ އަމާޒު ހާސިލުކުރުމަށް މިސްކިތްތަކުގައި ހިންގާ ގުރުއާން ކިލާސްތައް ފުޅާކުރުމާއި، ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް އިތުުރުކުރުމާއި، ހިފްޒު ކުލާސްތައް ހިންގާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ގިނަ މަސައްކަތްތައް ސަރުކާރުން އަންނަނީ ކުރަމުންނެވެ.