ENGLISH
22 ޖޫން 2026
ތުއްތު ކުއްޖެއްގެ މަރުގެ މައްސަލައެއްގައި ދެ މީހަކަށް ޖަލު ހިކުމެއް އިއްވައިފި
22 ޖޫން 2026
|
އެންމެ މަޤްބޫލު
ތުއްތު ކުއްޖަކު މަރާލިކަން ސާބިތުވެ، އެ ކުއްޖާގެ ބައްޕައާއި، މާމައާއި، މާމަގެ ލޯބިވެރިޔާ ޖަލު ހުކުމެއް އިއްވައިފިއެވެ.
ދެހާސް ނަވާރަ ވަނަ އަހަރުގެ ތެރޭގައި ވިހާފައި ތުއްތު ކުއްޖަކު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރީ ތިން މީހެއްގެ މައްޗަށެވެ. މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ އދ. މާމިގިލި، ގްރީންލައިޓް، އާއިޝަތު ޝާއިރާ އާއި، އޭނާގެ ލޯބިވެރިޔާ ތ. މަޑިފުށި، ސޯސަންވިލާ، މުހައްމަދު އިމްތިޔާޒް އަދި ހއ. ފިއްލަދޫ، ޝެޑޯ، މޫސާ އަހްސަމްގެ މައްޗަށެވެ. މި ތިން މީހުންގެ މައްޗަށް ވެސް ކުށް ސާބިތުވެފައިވަނީ އެ މީހުންގެ އިއުތިރާފުންނެވެ.
މި މައްސަލައިގައި އެންމެ ބޮޑު އަދަބެއް އިއްވާފައިވަނީ ކުއްޖާ މަރާލިކަމުގެ ދައުވާ ސާބިތުވި މޫސާ އަހްސަމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން މިހާރު ތަންފީޒު ކުރަން ޖެހެނީ ތިން އަހަރާއި ހަތް މަސް ދުވަހުގެ ބަންދެކެވެ.
މަރާލި ތުއްތު ކުއްޖާގެ މާމަ، ޝާއިރާގެ މައްޗަށް ދެ ދައުވާއެއް ސާބިތުވެފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރާކަން އެނގިހުރެ ރިޕޯޓު ނުކުރުމުގެ ދައުވާއެވެ. މީގެ ތެރެއިން މީހަކު މެރުމުގައި ބައިވެރިވި ކަމަށްޓަކައި ދެ އަހަރާއި ހަ މަހުގެ ހުކުމެއް އިއްވާފައިވެއެވެ. އަދި ރިޕޯޓު ނުކުރި މައްސަލައިގައި އިއްވީ ހަ މަސް ދުވަހުގެ ހުކުމެކެވެ.
މި މައްސަލައިގެ ތަފްސީލުން އެނގޭ ގޮތުގައި، މަރާލި ތުއްތު ކުއްޖާއަކީ ޝާއިރާގެ 18 އަހަރުން ދަށުގެ އަންހެން ދަރިއަކަށް، އަހްސަމްގެ ފަރާތުން ކައިވެނީގެ ބޭރުން ލިބުނު ކުއްޖެކެވެ. ޝާއިރާގެ މައްޗަށް ރިޕޯޓު ނުކުރުމުގެ ދައުވާ އުފުލީ އޭނާގެ ކުޑަ ދަރިފުޅަށް އަހްސަމް ޖިންސީ ގޯނާކުރިކަން އެނގިހުރެ އެކަން ސިއްރުކުރުމުންނެވެ.
ޝާއިރާގެ ލޯބިވެރިޔާ މުހައްމަދު އިމްތިޔާޒުގެ މައްޗަށް ސާބިތުވީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާގެ މައްޗަށް ވެސް ވަނީ ދެ އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. ކްރިމިނަލް ކޯޓުން މި މައްސަލައިގެ ހުކުމްތަކުގެ ތަފްސީލު މިހާރު އެ ކޯޓުގެ ވެބްސައިޓުގައި ޝާއިޢު ކޮށްފައިވެއެވެ.