ENGLISH

22 ޖޫން 2026

Advertisement

ދަރިފުޅު އުފަންވާ ވަގުތު އާއިލާއާއެކު ހުރުމަށްޓަކައި، ޑޮކޫ ވޯލްޑް ކަޕް ދޫކޮށްލަނީ

22 ޖޫން 2026

|

އިސްމާއިލް ޝާހު

ބެލްޖިއަމްގެ ހުނަރުވެރި ފޯވާޑް ޖެރެމީ ޑޮކޫ --- ފޮޓޯ: އޭޕީ

ބެލްޖިއަމްގެ ހުނަރުވެރި ފޯވާޑް ޖެރެމީ ޑޮކޫގެ އަލަތު ދަރިފުޅު އުފަންވާތީ، މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ދޫކޮށްލުމަށް ގަސްދުކުރާކަން އޭނާ ހާމަކޮށްފިއެވެ. މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ އުމުރުން 24 އަހަރުގެ ޑޮކޫ ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ، އޭނާގެ ދަރިފުޅު އުފަންވާނެ ކަމަށް ބެލެވެނީ ޖުލައި މަހުގެ ދެވަނަ ހަފުތާގައި، މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ކުރިއަށްދާ ދުވަސްވަރު ކަމަށެވެ.

ރޮއިޓަރސްއަށް ދިން އިންޓަވިއުއެއްގައި ޑޮކޫ ބުނީ، މިއީ އޭނާގެ ފުރަތަމަ ދަރިފުޅު ކަމަށްވާތީ، އެ ވަގުތު އާއިލާއާއެކު ހުރުމަކީ އޭނާ ނުހަނު ބޭނުންވާ ކަމެއް ކަމަށެވެ. އަދި ދަރިފުޅު އުފަންވާ ވަގުތު އެތަނުގައި ހުރުމަކީ ކޮންމެ ބަފަޔަކުވެސް ބޭނުންވާނެ ކަމެއް ކަމަށާއި، ނަމަވެސް ފުޓްބޯޅައިގެ ޒިންމާތަކަށްވެސް ބަލަންޖެހޭނެކަން ގަބޫލުކުރާކަން އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން ބެލްޖިއަމްގެ ފުޓްބޯޅަ ފެޑެރޭޝަނުން ކުޅުންތެރިންގެ އަމިއްލަ ހާލަތްތައް ދެނެގަނެ، އެއްބާރުލުން ދޭނެކަމުގެ އުއްމީދު އެބައޮތް ކަމަށްވެސް ވަނީ ބުނެފައެވެ.

ޑޮކޫގެ މި ނިންމުމާ ގުޅިގެން ބައެއް ފާޑުކިޔުންތެރިންގެ މެދުގައި ވަނީ ބަހުސްތަކެއް އުފެދިފައެވެ. އެގޮތުން ފްރާންސްގެ ލެކިއުޕޭ މީޑިއާގެ ޕްރެޒެންޓަރު ފްރާންސް ޕިއެރޯން ވަނީ ޑޮކޫއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭނާ ބުނި ގޮތުގައި، ވޯލްޑް ކަޕެއްގައި ކުޅުމަކީ ކޮންމެ ކުޅުންތެރިއަކުވެސް ދެކޭނެ އެންމެ ބޮޑު ހުވަފެނެވެ. އަދި ދަރިފުޅު އުފަންވާ ވަގުތު ބައްޕައަކަށް ކޮށްދެވޭނެ މާ ބޮޑު ކަމެއް ނޯންނާނެ ކަމަށް ބުނެ، މުބާރާތް ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ސިފަކުރިއެވެ.

ނަމަވެސް މި ވާހަކަތަކާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އަމާޒުވުމުން، ޕިއެރޯން ފަހުން ވަނީ މައާފަށް އެދިފައެވެ. އޭނާ ބުނީ އެއީ ހަމައެކަނި އޭނާގެ އަމިއްލަ ޚިޔާލެއް ކަމަށާއި، އެއީ އެއްވެސް އިދާރާއަކުން ނުވަތަ ޖަމާއަތަކުން ގަބޫލުކުރާ ގޮތެއް ނޫން ކަމަށެވެ. އެކަމަކު އެކަމާ ގުޅޭގޮތުން އިހުތިރާމު ކުޑަކޮށް ވާހަކަ ދެއްކުމާ ގުޅިގެން ޕިއެރޯން ވަނީ ސަސްޕެންޑް ކޮށްފައެވެ.

ވޯލްޑް ކަޕުގައި މިސްރާ ދެކޮޅަށް ކުޅުނު މެޗުގައި ޑޮކޫ ވަނީ ބެލްޖިއަމްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. އެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ނަމަވެސް ބަލިވެ އުޅޭތީ އީރާނާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި އޭނާ ފެނިގެންގޮސްފައެއް ނުވެއެވެ. އެ މެޗު ނިމިފައިވަނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު