ENGLISH
22 ޖޫން 2026
ބަލިނުވެ އީރާނުން ދަމަހައްޓަމުންދާ ރިކޯޑާއެކު ތާރީޚުގެ ތެރެއިން ޖާގަ ލިބިގެންދާނެ: ގަލެނޮއީ
22 ޖޫން 2026
|
އީރާނުގެ ކޯޗު އާމިރު ގަލެނޮއީ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ފެށުމުގެ ކުރިންނާއި މުބާރާތުގެ ތެރޭގައި ކުރިމަތިވި ގޮންޖެހުންތަކަށް ބަލާއިރު، ބަލިނުވެ އޭނާގެ ޓީމުން ދައްކަމުންދާ ކުޅުމަކީ ތާރީޚުގެ ތެރެއިން ޖާގަ ހޯދާނެ ފަދަ ނަތީޖާއެއް ކަމަށް އީރާނުގެ ކޯޗު އާމިރު ގަލެނޮއީ ބުނެފިއެވެ.
ގްރޫޕް ޖީގައި ނިއުޒީލެންޑާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވިއިރު، ރޭ ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗުވެސް ވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެފައެވެ.
މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާއާ ދެކޮޅަށް ހިނގަމުންދިޔަ ހަނގުރާމައިގެ ސަބަބުން، އީރާނަށް މި މުބާރާތުގައި ބައިވެރިވެވޭނެކަމާ މެދު ކުރިން އޮތީ ސުވާލު އުފެދިފައެވެ. މީގެ އިތުރުން އެހެން ޓީމުތަކުން އެކުވެރިކަމުގެ މެޗުތައް ކެންސަލްކުރުމުގެ ސަބަބުން އީރާން ޓީމުގެ ތައްޔާރުވުންތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ.
"އަޅުގަނޑު ބޭނުމީ ފާއިތުވި ހަ މަސްދުވަހުގެ ހާލަތަށް ބަލާލަން، އަޅުގަނޑުމެން ހަ މަސްދުވަސް ހޭދަކުރީ ހަނގުރާމައިގެ ނުރައްކާތެރި ހާލަތެއްގައި. ޤައުމީ ލީގުގެ ކުޅުންވެސް އޮތީ މެދުކެނޑިފައި. ގިނަ ޓީމުތަކުން އަޅުގަނޑުމެންނާ ދެކޮޅަށް ކުޅެން އޮތް މެޗުތައް ކެންސަލްކުރި. އަޅުގަނޑުމެން ވޯލްޑް ކަޕަށް މިއައީ ކުރިމަތިވެދާނެ އެންމެ ދަތި ހާލަތުގެ ތެރެއިން." ގަލެނޮއީ ބުންޏެވެ.
ވޯލްޑް ކަޕް ފެށުމަށްފަހުވެސް އީރާން ޓީމަށް ދަނީ ގިނަ ދަތިތަކާ ކުރިމަތިވަމުންނެވެ. އެ ޓީމު ކޭމްޕުކޮށްފައިވަނީ މެކްސިކޯގައެވެ. ނަމަވެސް އެމެރިކާގައި ކުޅޭ މެޗުތަކަށް ދިއުމަށް ހަމަޖެހިފައިވާ ވިސާގެ އުސޫލުތައް ހުރި ގޮތުން، މެޗުގެ އެއްދުވަސް ކުރިން އެ ގައުމަށް ގޮސް، މެޗު ނިމޭ ދުވަހު އެނބުރި އަންނަން ޖެހެއެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަންނަ ހުކުރު ދުވަހު ސިއެޓްލްގައި މިސްރާ ދެކޮޅަށް ކުޅޭއިރު، މެޗުގެ ކުރިން އެ ސިޓީއަށް ދެވޭނެ ގޮތެއް ވޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަން މިހާރު މުރާޖައާ ކުރެވެމުންދާ ކަމަށް ގަލެނޮއީ ބުންޏެވެ.
އެ މެޗުން މޮޅުވެއްޖެ ނަމަ އީރާނަށް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ލިބޭނެއެވެ. ނަމަވެސް ގަލެނޮއީ ބުނީ މިހާރުވެސް އެޓީމުގެ ކުޅުންތެރިން ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ކަމަށެވެ.
"މިފަދަ ދަތި ހާލަތެއްގައި ވޯލްޑް ކަޕަށް އައި ކުޅުންތެރިންނަށް މަރުހަބާ ކިޔަންޖެހޭ. ބެލްޖިއަމް މެޗުން މޮޅުވުމުގެ ފުރުސަތުވެސް އަޅުގަނޑުމެންނަށް ލިބުނު، އެކަމަކު މިހާރު މި ހޯދުނު ނަތީޖާއަކީވެސް ބޮޑު ކާމިޔާބީއެއް. މި މުބާރާތުގައި ދެ މެޗު ކުޅުނުއިރު، މެޗުގެ ކުރިން ފަރިތަކުރުންތަކަށް އަޅުގަނޑުމެންނަށް ލިބުނީ 16 ގަޑިއިރަށްވުރެ ވެސް ކުޑަ ވަގުތުކޮޅެއް،" ކޯޗު އިތުރަށް ފާހަގަކުރިއެވެ.