ENGLISH
22 ޖޫން 2026
ޖަޕާނުން ހަދިޔާކުރި ފެން ހިއްކާ ޕަންޕުތައް 18 ރަށަކަށް ފޮނުވައިފި
22 ޖޫން 2026
|
ޖަޕާނު ސަރުކާރުން ހަދިޔާކުރި ފެންހިއްކާ ޕަންޕުތައް ރަށްތަކާ ހަވާލުކުރުމަށް ކުރިން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
އެންމެ މަޤްބޫލު
ފެންބޮޑުވުމުގެ ކާރިސާތަކަށް އިޖާބަ ދިނުމަށް ޖަޕާނު ސަރުކާރުން ހަދިޔާކުރި ފެންހިއްކާ ޕަންޕުތައް 18 ރަށަކަށް ހަވާލުކޮށްފިއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން "އެމްއެމްޓީވީ" އަށް މައުލޫމާތު ދެމުން ބުނީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ފުރަތަމަ ބުރުގެ ތެރެއިން، ފެންބޮޑުވުމުގެ ކާރިސާތަކުން ރައްކާތެރިވުމަށް ޖަޕާން ސަރުކާރުން ހަދިޔާކުރި ފެންހިއްކާ ޕަންޕުތައް 20 ރަށަކަށް ބެހުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެ ތެރެއިން 18 ރަށަކަށް ޕަންޕުތައް ހަވާލުކޮށްފައިވާއިރު މި ރަށްތަކުގެ ތެރެއިން މިހާރު ޕަންޕު ހަވާލު ނުކުރެވެނީ ބ. ކުޑަރިކިލަށާއި ނ. މާފަރަށެވެ.
ޖަޕާނުން ހަދިޔާކުރި ޕަންޕުތައް ހަވާލުކުރި 18 ރަށް:
1 ގއ. ކަނޑުހުޅުދޫ
2 ހއ. އުލިގަން
3 ކ. ކާށިދޫ
4 މ. މުލަށް
5 ރ. އިނގުރައިދޫ
6 ރ. ފައިނު
7 އއ. ފެރިދޫ
8 ދ. ހުޅުދެލި
9 ފ. ބިލެއްދޫ
10 ފ. މަގޫދޫ
11 ގދ. ހޯޑެއްދޫ
12 ހއ. ދިއްދޫ
13 ހއ. އިހަވަންދޫ
14 ހދ. ނެއްލައިދޫ
15 ކ. ގާފަރު
16 ތ. ބުރުނީ
17 ތ. ކަނޑޫދޫ
18 ޅ. ނައިފަރު
މި ޕްރޮޖެކްޓުގެ ތެރެއިން ކޮންމެ ރަށަކަށްވެސް ދެ ޕަންޕާއި ޕަންޕަށް ބޭނުންވާ އިތުރު ސާމާނުތައް ހަވާކުރަން ހަމަޖެހިފައިވާކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
މި މަޝްރޫޢުގެ ދެވަނަ ބުރުގައި 14 ރަށަކަށް ޕަންޕުތައް ފޯރުކޮށްދޭނެއެވެ.
ދެވަނަ ބުރުގައި ޕަންޕުތައް ހަވާލުކުރާ ރަށްތައް:
1 ހއ. އިހަވަންދޫ
2 ހއ. ދިއްދޫ
3 ހއ. އުލިގަން
4 ހދ. ނެއްލައިދޫ
5 ނ. މާފަރު
6 ރ. ފައިނު
7 ބ. ކުޑަރިކިލު
8 ޅ. ނައިފަރު
9 ކ. ގާފަރު
10 ތ. ބުރުނީ
11 ދ. ހުޅުދެލި
12 ފ. މަގޫދޫ
13 ފ. ބިލެއްދޫ
14 ގދ. ހޯޑެއްދޫ
"ޖަޕާން ގްރާންޓް އެއިޑް ފޯ ދަ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް (އީ.އެސް.ޑީ.ޕީ)" ޕްރޮޖެކްޓްގެ ދަށުން ކާރިސާތަކުން ރައްކާތެރިވުމަށް 4.3 މިލިއަން އެމެރިކާ ޑޮލަރު (66 މިލިއަން ދިވެހި ރުފިޔާ) ގެ އަގުހުރި ތަކެތި ޖަޕާނު ސަރުކާރުގެ ފަރާތުންއެންޑީއެމްއޭއާ ހަވާލުކޮށްފައިވެއެވެ.
އެންޑީއެމްއޭ އިން ބުނީ މިޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ ދަށުން އަލިފާން ނިއްވާ 40 ޕަންޕާއި 40 ފެންހިންދާ ޕަންޕް އެއާއި ގުޅޭ އާލާތްތައް ހަދިޔާކޮށްފައި ވާކަމަށެވެ.
ޖަޕާނަކީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ދާއިރާއިން ރާއްޖެއާ އެކު ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ. މިގޮތުން، މިހާރުގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) ބިނާކޮށް ތަރައްޤީކުރުމަށްޓަކައި 2015 އަދި 2017 ވަނަ އަހަރު ޖަޕާނުން ވަނީ ބޮޑެތި އެހީތަކެއް ފޯރުކޮށްދެއްވާފައެވެ. މީގެ އިތުރުން، 2025 ވަނަ އަހަރު މާލޭގައި ބޭނުންކުރުމަށް ދެ އިމަޖެންސީ ސަޕޯޓް ވެހިކަލް ފޯރުކޮށްދިނުމަށްޓަކައި، ޖަޕާނުގެ "ގްރާންޓް އެސިސްޓަންސް ފޯ ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް" (ޖީ.ޖީ.ޕީ) ގެ ދަށުން 89,900 އެމެރިކާ ޑޮލަރުގެ އެހީއެއް ދިނުމަށް އެ ގައުމުން ވަނީ ނިންމަވާފައެވެ.
މި އެހީގެ ސަބަބުން މޫސުމީ ބަދަލުތަކާއި، ގުދުރަތީ ކާރިސާތަކުގެ އިތުރުން އަލިފާނުގެ ހާދިސާތަކުން ލިބޭ ނުރައްކާތަކުން ރައްކާތެރިވުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބި، ކާރިސާތަކަށް ވިލުންތެރި، ހަރުދަނާ ގައުމެއްގެ ގޮތުގައި ރާއްޖެ ބިނާކުރުމަށް މަގުފަހިވެގެންދާނެކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެއެވެ. އަދި ރަށްރަށުގެ މުޖުތަމަޢުތަކަކީ ކާރިސާތަކަށް ހޭނިފައިވާ ބަޔަކަށް ހެދުމަށާއި، ފެންބޮޑުވުމުގެ ހާދިސާތަކާއި އަލިފާނުގެ ހާދިސާތައް މެނޭޖުކުރުމަށް ކުރާ މަސައްކަތް މިހާރަށްވުރެ ހަރުދަނާކުރުމަށް މި އެހީގެ ސަބަބުން މަގުފަހިވެގެންދާނެކަމަށް ވެސް އެންޑީއެމްއޭއިން ބުނެއެވެ.