ENGLISH
22 ޖޫން 2026
ދަނޑުވެރިންނަށް އުފާވެރިކަން؛ "ދަނޑުވެރި ނަފާ" ލޯނު އިސްލާމީ އުސޫލަށް ބަދަލުކޮށްފި
22 ޖޫން 2026
|
ދަނޑެއްގައި ދަނޑުވެރިންތަކެއް މަސައްކަތްކުރަނީ
އެންމެ މަޤްބޫލު
ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ގޮތުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ "ދަނޑުވެރި ނަފާ" ލޯނު ސްކީމު އިސްލާމީ އުސޫލުތަކަށް ބަދަލުކޮށްފިއެވެ.
މި ލޯން ސްކީމު ހިންގަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި އެމްއެމްއީ ޑިޖިޓަލް ގުޅިގެންނެވެ. އެ ކުންފުނިން ފޯރުކޮށްދޭ ހުރިހާ ލޯނެއް އިސްލާމީ އުސޫލުތަކަށް ފެތޭނެހެން އެކުލަވައިލާ ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ މުހިއްމު އަމާޒަކަށްވާއިރު، އެ ހުރިހާ ލޯނެއް އިސްލާމީ ގިއުގަނޑުގެ ތެރެއަށް ފެއްތުމުގެ މަސައްކަތްވަނީ ފަށާފައެވެ.
"ދަނޑުވެރި ނަފާ" ސްކީމަށް ގެނައި ބަދަލުތަކަކީ މި މަސައްކަތުގެ ތެރެއިން ގެނެވުު ބަދަލެކެވެ. މި ސްކީމުގެ ދަށުން ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކަށް 500،000 ރުފިޔާއާ ހަމައަށް ރަހުނަކާ ނުލައި ލޯނު ދޫކުރެއެވެ. އަދި ރަހުނެއް ބަހައްޓާ ގޮތަށް އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެއެވެ.
މި ސްކީމުގެ ދަށުން ދޫކުރާ ލޯނުތައް ދައްކަން ފަށަންޖެހެނީ 10 މަހާއި 12 މަހާ ދެމެދުގެ ގްރޭސް ޕީރިއަޑަކަށްފަހުއެވެ. މި ލޯނު ދޫކުރަނީ ފައިދާގެ ގޮތުގައި އަހަރެއްގެ މައްޗަށް ހަ އިންސައްތަ ދައްކަންޖެހޭ ގޮތަށެވެ. އެއީ ރާއްޖޭގައި ދަނޑުވެރިންނަށް ދޫކުރާ އެންމެ ހަރަދު ކުޑަ ލޯނެވެ.
މި ލޯނު ސްކީމުގެ މައިގަނޑު އަމާޒަކީ ޓެކްނޮލޮޖީގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަން ކުރުމަށް މަގުފަހިކުރުމެވެ. އާބަން އެގްރިކަލްޗާއާއި، ޕރޮޓެކްޓެޑް އެގްރިކަލްޗާއާއި ޓެރެސް އަދި ވާޓިކަލް ފާމިންއާއި، ޕޯލްޓްރީ ފަދަ ދާއިރާތައް ކުރިއެރުވުމަށް މި ސްކީމުގެ ދަށުން ލޯނު ދޫކުރެވެއެވެ. އަދި ދަނޑުވެރިކަމުގެ އުފެއްދުންތަކަށް އަގުއިތުރުކުރުމުގެ ވިޔަފާރިތައް ފެށުމަށާއި ފުޅާކުރުމަށްވެސް މި ސްކީމުގެ ދަށުން ލޯނު ދޫކުރާނެއެވެ.
އެސްއެމްއީ ޑިޖިޓަލްއިން އިތުރަށް ބުނީ ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ މަސައްކަތުގެ ދާއިރާގެ ތެރޭގައި ހިމެނޭ ޖަނަވާރުގެ ދުޅަހެޔޮކަމާ ގުޅުންހުރި ދާއިރާގެ ތެރެއިން ވެޓެރިނަރީ ހިދުމަތްތަކާއި، ޕެޓް ސަޕްލައިކުރުން ފަދަ ވިޔަފާރިތަކަށްވެސް މި ސްކީމުގެ ދަށުން ލޯނު ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ.
"މި ފަދަ ފައިނޭންސިންގެ ސަބަބުން ކުދި ވިޔަފާރިތައް ހަރުދަނާވެ، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދިއުމުން ދަނޑުވެރިކަމުގެ ސިނާއަތް ފުޅާވެ، އުފެއްދުންތެރިކަން އިތުރުވެގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ދާއިމީ ގޮތެއްގައި ކަށަވަރުކުރުމަށް ބޭނުންވާ މުހިންމު ވަސީލަތްތައް ލުއި ގޮތެއްގައި ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިތިބުން" އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ، ބަދުރުއްދީން ހަސަން ވިދާޅުވިއެވެ.
ބަދްރުއްދީން ވިދާޅުވި ގޮތުގައި އިސްލާމީ އުސޫލަށް މި ލޯނު ސްކީމު ބަދަލުކުރުމަކީ ގެއްލުން ކުޑަވާނެ ގޮތަކަށް ކުދި އަދި މެދުފަންްތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގައި އެސްއެމްއީ ޑިޖިޓަލްއަށް ހާސިލުކުރެވުނު މުހިއްމު ކާމިޔާބެކެވެ.
މި ސްކީމަކީ ދަނޑުވެރިންނަށް ބުރަނުވާނެހެން މާލީ އެހީތެރިކަން ހޯދައި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިކަން ފުޅާކުރުމާއެކު، ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރާ ސްކީމެއްކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.