ENGLISH

22 ޖޫން 2026

Advertisement

ކޮންސެސާއޯގެ ރައްދު: ރޮނާލްޑޯއަށް ބޯޅަ ޕާސްކުރަން މަޖުބޫރެއް ނޫން

22 ޖޫން 2026

|

ސުވެއިދާ ހުސެއިން

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ --- ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ފުރަތަމަ މެޗުގައި ޕޯޗުގަލްގެ ފަރާތުން ފެނުނު ދަށް ކުޅުމާއެކު، ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން، އޭނާއަށް ބޯޅަ ފޯރުކޮށްދިނުމަށް އެއްވެސް ފިއްތުމެއް ނެތް ކަމަށް އެ ޓީމުގެ ފޯވާޑް ފްރެންސިސްކޯ ކޮންސެސާއޯ ބުނެފިއެވެ.

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯއާ ބައްދަލުކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވި މެޗަށްފަހު، އުމުރުން 41 އަހަރުގެ ރޮނާލްޑޯ ކުޅުމުގައި ހަރަކާތްތެރިކަން ކުޑަވުމުގެ ސަބަބުން ޕޯޗުގަލްގެ ކުރިއެރުމަށް ހުރަސްއެޅޭ ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

މިކަމާ ގުޅިގެން ކޮންސެސާއޯ ބުނީ، އެހެން ކުޅުންތެރިއަކަށް ރަނގަޅު ފުރުސަތެއް އޮތް ހާލަތެއްގައި ރޮނާލްޑޯއަށް ބޯޅަ ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ކުޅުންތެރިންނަށް އިހުސާސް ނުކުރެވޭ ކަމަށެވެ.

އޭނާ ބުނީ ކުޅުމުގެ ތެރެއިން ކޮންމެ ފަހަރަކު ރޮނާލްޑޯއަށް ބޯޅަ ދޭންޖެހޭކަމުގެ އެއްވެސް މަޖުބޫރުކަމެއް އޭނާއަށް ނެތް ކަމަށެވެ. އަދި އަބަދުވެސް ބޯޅަ ފޯރުކޮށްދެނީ އެ ވަގުތަކު އެންމެ ރަނގަޅު މަގާމެއްގައި ހުރި ކުޅުންތެރިއަކަށް ކަމަށެވެ.

ކޮންސެސާއޯ އިތުރަށް ބުނި ގޮތުގައި ރޮނާލްޑޯއަކީވެސް ސްކޮޑުގެ އެހެން ކުޅުންތެރިން ފަދަ އާދައިގެ މެންބަރެއް ކަމަށާއި، ޓީމެއްގެ ގޮތުގައި ކާމިޔާބު ހޯދުމަށް ކޮންމެ ކުޅުންތެރިއެއްގެ އެހީތެރިކަންވެސް ބޭނުންވާނެ ކަމަށެވެ.

"ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އޭނާގެ ކާމިޔާބު ކެރިއަރާއި، 41 އަހަރުގައިވެސް ކުޅުމަށް ހުންނަ ފޯރީގެ ސަބަބުން ނަމޫނާއެއް. އޭނާއަކީ ލީޑަރޝިޕާއި ލަނޑު ޖެހުމުގައިވެސް މިސާލެއް، ލަނޑު ޖެހުމަށް ބަލާއިރު އޭނާ ފަދަ ދެވަނައެއް ނެތް. އެހެން ކުޅުންތެރިންނެކޭ އެއްފަދައިން އޭނާވެސް މިތަނުގައި ހުރީ ޓީމަށް އެހީތެރިވުމަށް."

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ފޯވާޑް ފްރެންސިސްކޯ ކޮންސެސާއޯ --- ފޮޓޯ: ގެޓީ

ކޮންގޯއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯއަށް މާބޮޑު ކަމެއް ކުރެވިފައި ނުވާއިރު، މުޅި މެޗުގައި އޭނާއަށް ބޯޅައިގައި ފައިޖެއްސުނީ އެންމެ 25 ފަހަރު ކަމަށް ތާފާސްހިސާބުތަކުން ދައްކައެވެ. މިއީ ރޮނާލްޑޯގެ ކެރިއަރުގައިވެސް ބޮޑު މުބާރާތެއްގައި ފުލް މެޗެއް ކުޅުނުއިރު، އެންމެ މަދުން ބޯޅަ ލިބުނު ފަހަރެވެ.

މިއާ ޚިލާފަށް، އޭނާގެ ވާދަވެރި ލިއޮނެލް މެސީ ވަނީ އަލްޖީރިއާ ކޮޅަށް ހެޓްރިކް ހަދައި، އާޖެންޓީނާއަށް 3-0 ގެ މޮޅެއް ހޯދައިދީފައެވެ.

ޕޯޗުގަލްގެ ދެވަނަ މެޗުގައި މާދަމާރޭ އުޒްބެކިސްތާނާ ދެކޮޅަށް ނުކުންނައިރު، މުބާރާތުގައި ކުރިއަށް ދިއުމަށްޓަކައި އެ ޓީމަށް ތިން ޕޮއިންޓް ހޯދުން ވަރަށް މުހިންމެވެ.

ކޮންސެސާއޯ އިތުރަށް ބުނީ ނަތީޖާ ދަށްވުމުން އެންމެ ބޮޑަށް ދެރަވަނީ ޓީމުގެ ކުޅުންތެރިންނަށް ކަމަށާއި، ޓީމުގެ  މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާނުކުރެވޭކަން ގަބޫލުކުރާ ކަމަށެވެ. އަދި ކަންކަން ރަނގަޅަށް ނުދާނަމަ ފާޑުކިޔުންތަކާއި ފިއްތުންތައް އިތުރުވާނެ ކަމަށާއި، ބޭނުންވަނީ ދެން އޮތް މެޗުގައި ޕޯޗުގަލްގެ ފެންވަރު ދައްކައި، މޮޅުވާން ކަމަށްވެސް ބުންޏެވެ.

ކޮންގޯ މެޗަށްފަހު، ރޮނާލްޑޯ އަށާއި ޕޯޗުގަލަށް ކުރިމަތިވި ފާޑުކިޔުންތަކުުގެ ތެރޭގައި ފްރާންސްގެ ކުރީގެ ތަރި ތިއަރީ އޮންރީ ވަނީ ރޮނާލްޑޯއަކީ އަމިއްލަ އެދުން ބޮޑު ކުޅުންތެރިއެއްގެ ގޮތުގައި ސިފަކޮށްފައެވެ. "ޓީމުން ލަނޑު ޖަހަން ޖެހެނީ، ހަމައެކަނި ރޮނާލްޑޯއެއް ނޫން،" ފޮކްސް ސްޕޯޓްސްގައި އޮންރީ ވަނީ ބުނެފައެވެ.

ކޮންގޯގެ މިޑްފީލްޑަރު އެންގަލަޔަލް މުކާއުއާ، ބުނެފައިވަނީ ރޮނާލްޑޯ ހުއްޓުވުމަށް ވަކި ޚާއްސަ ރޭވުމެއް ނުރާވާ ކަމަށެވެ. ނަމަވެސް އޭނާއަކީ ކުރީގެ ކުޅުންތެރިޔާ ނޫންކަން އެނގޭ ކަމަށާއި، އޭނާގެ އުމުރަށް ބަލާއިރު ކުރިން ކުރި ފަދަ މަސައްކަތެއް މިހާރު ނުކުރެވޭނެކަމަށް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް ރޮނާލްޑޯއަށް ވަރަށް އިހުތިރާމުކުރާ ކަމަށްވެސް މުކާއު ބުންޏެވެ.

ރޮނާލްޑޯގެ އިތުރުން ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒްއަށްވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި ކޯޗު ހުރީ ރޮނާލްޑޯ ބަދަލުކުރަން ޖެހިލުންވެފައެވެ.

ފާޑުކިޔުންތެރިން ބުނާ ގޮތުގައި މާޓިނޭޒްގެ އަތުގައި ރަނގަޅު އިތުރު ފުރުސަތުތައް އެބަހުއްޓެވެ. ޚާއްސަކޮށް ވިޓީނިއާގެ ބަދަލުގައި ކުޅެން އެރި ޕީއެސްޖީގެ ފޯވާޑް ގޮންކާލޯ ރާމޯސްއަކީ ރޮނާލްޑޯގެ ބަދަލުގައި ބޭނުންކުރެވިދާނެ މޮޅު ކުޅުންތެރިއެއްކަން ފާހަގަކުރެއެވެ.

މާދަމާރޭ ޕޯޗުގަލް ކުޅޭނީ ތަޖުރިބާ މަދު، އުޒްބެކިސްތާނާ ދެކޮޅަށެވެ. އެ މެޗު ވެގެންދާނީ މިހާރު ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރަނގަޅު ރައްދެއް ދޭނެ މެޗަކަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު