ENGLISH
22 ޖޫން 2026
ޒަރީރު މާލީ ވަޒީރުކަމަށް އައްޔަންކުރަން ރުހުންދޭން ކޮމިޓީން ފާސްކޮށްފި
22 ޖޫން 2026
|
މާލީ ވަޒީރުކަމަށް ހަސަން ޒަރީރު އައްޔަންކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
މާލީ ވަޒީރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އައްޔަންކުރައްވާފައިވާ ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު އެ މަގާމަށް އައްޔަންކުރުމަށް ރުހުންދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.
މާލީ ކަންކަމާއި ސަރުކާރުގެ ވިޔަފާރިތަކާ ބެހޭ ވަޒީރުގެ މަގާމަށް ހަސަން ޒަރީރު އައްޔަންކުރެއްވީ، އާލާސްކަންފުޅާ އުޅުއްވާތީ ކުރިން ވަޒީރުކަމުގައި ހުންނެވި މޫސާ ޒަމީރު އެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ޒަރީރު މަގާމުގެ ހުވައިކުރެއްވީ ޖޫން މަހުގެ އަށްވަނަ ދުވަހުއެވެ.
ޤާނޫނުއަސާސީގައި ބަޔާންކުރާ ގޮތުން ވަޒީރުކަމަށް ބޭފުޅަކު އައްޔަންކުރެއްވުމަށްފަހު އެ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވަން ރައީސަށް ލާޒިމުވާނެއެވެ. ވަޒީރުގެ ފުރިހަމަ ބާރުވެރިކަން އެ ބޭފުޅަކަށް ލިބިވަޑައިގަންނަވަނީ މަޖިލީހުން ރުހުންދިނުމުންނެވެ.
ޒަރީރުގެ ނަންފުޅަށް ރުހުން ހޯއްދެވުމަށް ރައީސް މަޖިލީހަށް ފޮނުއްވުމުން އޭނާއަށް ރުހުންދިނުމާމެދު ގޮތެއް ނިންމުމުގެ ކުރިން ނަންފުޅު ދިރާސާކުރުމަށް މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވިއެވެ. މިއަދު އެ ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު ޒަރީރަށް ރުހުން ދިނުމަށް ނިންމީ ކޮމިޓީގައި ބައިވެރިވަވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
ދެން އޮންނާނީ ކޮމިޓީން ނިންމި ގޮތް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި މަޖިލީހުން ރުހުންދިނުމާމެދު ގޮތެއް ނިންމުމެވެ. މަޖިލީހުގެ ކޯރަމުގެ އަޣުލަބިއްޔަތުން އައު ވަޒީރަށް ރުހުންދިނުމަށް ފާސްވުމުން އެމަނިކުފާނަށް ވަޒީރުކަމުގެ ފުރިހަމަ ބާރު ލިބިވަޑައިގަންނަވާނެއެވެ.
އައު މާލީ ވަޒީރަކީ އެކައުންޓިންގެ ދާއިރާއިން ފުރަތަމަ ޑިގުރީ ހާސިލުކުރެއްވުމަށްފައހު ފައިނޭންސްގެ ދާއިރާއިން މާސްޓާ އޮފް ފައިނޭންސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ތައުލީމު ހާސިލުކުރެއްވީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައެވެ.
ފުރަތަމަ ޑިގުރީގައި އެކްސެލެންޓް އެވޯޑު ހާސިލުކުރެއްވުމުގެ އިތުރަށް ޒަރީރުވަނީ ޑީންސް ލިސްޓުގައި ހިމެނިވަޑައިގަތުމާއެކު، މާސްޓާސްގައި އެންމެ ރަނގަޅު ދަރިވަރުގެ މަގާމު ހާސިލުކުރައްވާފައިވެއެވެ.
އިނގިރޭސިވިލާތުގެ ޗާޓާޑް އިސްޓިޓޫޓްގެ މެނޭޖުމެންޓު އެކައުންޓެންޓްސްއިން އޭނާއަށް ޗާޓާޑް މެނޭޖްމެންޓު އެކައުންޓެންޓުގެ މަގާމު އަދި އޮސްޓްރޭލިއާގެ ސީޕީއޭއން ސަޓިފައިޑް ޕްރެކްޓިސިން އެކައުންޓެންޓުކަންވެސް އޭނާއަށް ލިބިވަޑައިގެންފަައިވެއެވެ.
މީގެ ކުރިން އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނުގެ އިތުރަށް ބޭންކް އޮފް މޯލްޑިވްސްގެ ޗެއާޕާސަންކަމާއި، ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީގެ ޑިރެކްޓާ އޮފް ފައިނޭންސްގެ މަގާމުވެސް އަދާކުރެއްވިއެވެ. އަދި އޯގަސްޓު 2010 އިން ފެށިގެން ސެޕްޓެންބަރު 2019 ވަނައާ ދެމެދުގައ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްްސޭޝަންގެ މަގާމު އަދާކުރެއްވިއެވެ.
އޭގެ ކުރިން ފިނޭންސް މިނިސްޓްރީގެ ޗީފް ޕަބްލިކް އެކައުންޓްސް އެގްޒެކެޓިވް އަދި އޮޕަރޭޝަންސް މެނޭޖާ ޕަބްލިކް ފައިނޭންސް ރިފޯމް ޕްރޮޖެކްޓުގެ މަގާމު 2007 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށް އަދާކުރެއްވިއެވެ.