ENGLISH
22 ޖޫން 2026
ސްރީލަންކާގެ މުއައްސަސާތަކާއި ދިވެހި ފުލުހުންގެ ހިދުމަތާއި ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި
22 ޖޫން 2026
|
ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ، ކޮމިޝަނަރ އޮފް ޕޮލިސްގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގެ ތެރެއިން-- ފޮޓޯ: ފުލުހުންގެ އިދާރާ
އެންމެ މަޤްބޫލު
ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ، ހިޒް އެކްސެލެންސީ މުޙައްމަދު ރިޒްވީ ޙަސަން، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ހަރ އެކްސެލެންސީ ތިމުތު ދިސާނަޔަކަ އާއި، ސްރީލަންކާ ހައިކޮމިޝަންގެ ތާރޑް ސެކްރެޓަރީ (އިކޮނޮމިކް އެންޑް ވެލްފެއަރ) މިޒް ނިޝާންތާ ކަމްބުރަދެނިޔާ ބައިވެރިވެވަޑައިގެންނެވިއެވެ.
ފުލުހުން ބުނީ، މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ، ދިވެހި ފުލުހުންގެ ޚިދުމަތާއި ސްރީލަންކާގެ ގުޅުންހުރި މުއައްސަސާތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ކަމަށެވެ.
މިހާރު ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާބިލުކަން އިތުރުކުރުމަށް ސްރީލަންކާއިން ދެމުންދާ އެހީތެރިކަމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމަށް ފުލުހުން ބުނެފައިވެއެވެ. މީގެ އިތުރުން މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމާއި، ފަންނީ ތަރައްގީއާއި، ފުލުހުންގެ މަސައްކަތުގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދެވިދާނެ ދާއިރާތަކާ ބެހޭގޮތުން ދެފަރާތުން ޚިޔާލު ބަދަލުކުރެވުނު ކަމަށް ފުލުހުން ބުންޏެވެ.
މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ ސްރީލަންކާގެ ފަރާތުން ދިވެހި ފުލުހުންނަށް ފޯރުކޮށްދެމުން އަންން އެހީތެރިކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ.
ދެފަރާތުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ކޮމިޝަނަރ ވަނީ ދެއްވާފައެވެ.