ENGLISH
22 ޖޫން 2026
ސަލާހުގެ އެހީއާއެކު މިސްރަށް ތާރީޚީ މޮޅެއް
22 ޖޫން 2026
|
މެޗަށްފަހު މިސްރުގެ ސަލާހު އުފާފާޅުކުރަނީ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ޖީ ގައި މިއަދު ހެނދުނު ކުޅުނު މެޗުގައި މިސްރުގެ މުޙައްމަދު ސަލާހު ދެއްކި މޮޅު ކުޅުމާއެކު ފަހަތުން އަރައި 3-1 އިން ނިއުޒީލެންޑް ބަލިކޮށް، މިސްރުން ތާރީހީ ކާމިޔާބީއެއް ހާސިލްކޮށްފިއެވެ.
މިއީ މިސްރުން ވޯލްޑް ކަޕުގައި ވާދަކުރާތާ ވީ 92 އަހަރުގެ ތެރޭގައި އެޓީމުގެ ފުރަތަމަ މޮޅެވެ.
މި ނަތީޖާއާއެކު، މިސްރު އުޅެނީ ގްރޫޕް ޖީ ގެ އެއްވަނައިގައެވެ. އެ ޓީމަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އުޅޭ އީރާނާއި ތިންވަނައިގައި އޮތް ބެލްޖިއަމަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. އީރާނަށް ދެވަނަ ލިބެނީ ޖެހިގޯލުންނެވެ. ފުލުގައި އޮތް ނިއުޒީލެންޑަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.
ކެނަޑާގެ ބީސީ ޕްލޭސް ވެންކޫވާ ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން ނިއުޒީލެންޑުން ރަނގަޅަށް ކުޅެ، ލީޑުނެގިއެވެ. މެޗުގެ 15 ވަނަ މިނެޓުގައި އެ ޓީމުގެ ޓިމް ޕޭން ނަގައިދިން ކޯނަރެއްގެ އެހީގައި ފިން ސުރްމަން މި ލަނޑުޖެހީ ބޮލުންނެވެ.
މިސްރުގެ ސަލާހު (ވ) އަތުން ބޯޅަ ހޯދަން ނިއުޒީލެންޑްގެ ކުޅުންތެރިއަކު މަސައްކަތްކުރަނީ -- ފޮޓޯ: ރޮއިޓަރސް
އޭގެކުރީން، ނިއުޒީލެންޑްގެ ސަރްޕްރީތު ސިންގ އާއި އެލައިޖާ ޖުސްޓް ވަނީ މިސްރުގެ ގޯލަށް ނުރައްކާ ކޮށްފައެވެ.
ފުރަތަމަ ހާފުގައި މިސްރަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުތަކުގައި ސަލާހުގެ އިތުރުން އިމާމް އަޝޫރް ފޮނުވާލި ހަމަލާތަކުގައި ވެސް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.
ދެވަނަ ހާފު ފެށިތާ ކުރީކޮޅު، ސަލާހު ފޮނުވާލި ބޯޅައެއް ނިއުޒީލެންޑްގެ ކީޕަރު، މެކްސް ކްރޮކޮމްބޭ ވަނީ ހުއްޓުވައިފައެވެ. އޭގެފަހުން، ނިއުޒީލެންޑްގެ ލީޑު ފުޅާކުރަން ލިބުނު ފުރުސަތެއްގައި ކެލުމް މެކްކޮވަޓް ބޮލުން ފޮނުވާލި ބޯޅައެއް މިސްރުގެ ކީޕަރު، މޮސްތަފާ ޝޮބެއިރް މަތަކުރިއެވެ.
މެޗުގައި މިސްރުން އެއްވަރުކުރި ލަނޑު، 58 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މޮސްތަފާ ޒިކޯ އެވެ. މިއީ އެ ޓީމުގެ މުޙައްމަދު ހަނީ ނަގައިދިން ހުރަހަކުން ލިބުނު ބޯޅަ ބޮލުން ފޮނުވާލައިގެން ހުސްކޮށް ހުރެ ޒިކޯ ކާމިޔާބުކުރި ގޯލެކެވެ.
ނިއުޒީލެންޑާ ދެކޮޅަށް މިސްރު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ރޮއިޓަރސް
އޭގެ ނުވަ މިނެޓުފަހުން، މިސްރުގެ ގިނަ ކުޅުންތެރިންތަކެއް ގުޅިގެން އުފެއްދި އެޓޭކެއްގައި، މެޗުގެ 67 ވަނަ މިނެޓުގައި ޒިކޯ ދިން ބޯޅައަކުން ސަލާހު ވަނީ އެ ޓީމަށް ލީޑުނަގައިދީފައެވެ. މިއީ ގައުމީ ޓީމަށް އޭނާ ޖަހައިދިން 68 ވަނަ ގޯލެވެ.
އޭގެފަހުން، މެޗުގެ 82 ވަނަ މިނެޓުގައި މިސްރަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑުޖަހައިދިނީ ޓްރެޒެގޭ އެވެ. އޭނާ މި ލަނޑުޖެހީ އަރިމަތިން ސަލާހު ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މި މުބާރާތުގައި މިސްރަށް ދެން އޮތީ އީރާނާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވާ ހޮނިހިރު ދުވަހުގެ ހެނދުނު ރާއްޖެގަޑިން 8 ޖަހާއިރު އެވެ.