ENGLISH
19 އޭޕްރީލު 2025
ރައީސް މުޢިއްޒަށް ރައްޔިތުންގެ ލޯބި އިތުރުވަމުން ދާތަން ފެނުމުން ހަމައިން ނެއްޓުމަކުން ވާނެ މޮޅެއް ނޯންނާނެ: ސަޢީދު
18 އޭޕްރީލު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ރައްޔިތުންގެ ލޯބި އިތުރުވަމުން ދާތަން ފެނުމުން ހަމައިން ނެއްޓުމަކުން ވާނެ މޮޅެއް ނޯންނާނެކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިޑާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައި އުފައްދަފައިވާ ޕާޓީ، ޕީއެންއެފްއިން ބޭއްވި ޖަލްސާއެއްގައި ރައީސް މުޢިއްޒަށް ފާޑު ވިދާޅުވެ، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު ދެއްކެވި ވާހަކައާ ގުޅިގެންނެވެ.
ޖަމީލް އެފަދައިން ވިދާޅުވާ ވީޑިއޯ ވެސް މީސްމީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.
ޖަމީލް ދެއްކެވި ވާހަކައާ ގުޅިގެން މިނިސްޓަރ ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2007 ވަނަ އަހަރު ރާއްޖޭގައި ނެގި ނިޒާމީ ވޯޓުގެ ކުރީން އޭރުގެ ބޮޑު ދެ ޕާޓީގެ މެދުގައި ބޭއްވި ނިޒާމީ ބަހުސްގައި ވެސް ހަމަ އެބޭފުޅާ ރުންކުރުވެ، އެތާތިބި ރައްޔިތުންނަށް ނާގާބިލަށް، ޖާހިލަށް ގޮވުމަށްފަހު ނަފްސު ކޮންޓްރޯލު ނުވެގެން ސްޓޭޖު ދޫކޮށް ދިޔަ ކަމަށެވެ. އަދި އޭގެ 17 އަހަރު ފަހުންވެސް މި ފެންނަނީ ހަމަ އެ މަންޒަރުކަމަށާއި މައިކު އަތުޖެހުމުން "ދުނިޔެ ރަންވެ" ހޭބުއްދި ލުހި، އަނބިދަރީންނާ ޢާއިލާތަކުގެ ކަރާމާތަށް އަރައިގަންނަނީ ކަމަށެވެ.
"ބަސްމަގު ހުތުރުވެ އަދި ނުވިތާކަށް ފާފަފުއްސެވުމާއި ސުވަރުގެއާއި ނަރަކައަށް ވެއްދެވުން ފަދަ ހަމައެކަނި ﷲ އަށް ލިބިވޮޑިގެންވާ ބާރުތަކާމެދު ވެސް ތިމާ އަމިއްލައަށް ގޮތް ނިންމާ ތައުބާވާން މަޖުބޫރު ހިސާބަށް މިދަނީ. މިކަހަލަ ދޫތަކުގެ ވިހައިން ދިވެހި އިސްލާމީ އުންމަތް ސަލާމަތްކުރައްވާށި." މިނިސްޓަރ ސަޢިދު ވިދާޅުވިއެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ، އެކަހަލަ މީސްމީހުންނާ އަޅާ ބަލާއިރު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަފާތަކީ ހަރުދަނާކަމާއި މަޑުމައިތިރިކަމާއި ރީތި އަޚްލާޤުކަމަށާއި އަދި އަނެކުންގެ ކަރާމާތް ހިފެހެއްޓެވުމާއި ހީވާގިކަމާއި ރެޔާއިދުވާލު، ރައްޔިތުންނަށް ވެވަޑައިގަތް ވަޢުދު ފުއްދެވުމަށް ހިންމަތާއެކު އެކުރައްވާ ބުރަ މަސައްކަތްކަމަށެވެ.
ސައީދު ވިދާޅުވީ، ސިޔާސީ ޕާޓީ ހިންގުމުގެ ނަމުގައި އެމީހުން ކުރަނީ ގައުމަށާއި އާއިލާތަކަށް ވެސް ފުރައްސާރަކަމަށެވެ. އަދި މިއީ ކިޔަވައިގެން ތިބި ޒުވާނުން މިހާގިނަ ތަހުޒީބު މުސްލިމް ރައްޔިތެއް ބަލައިގަންނާނެ ކަންކަމެއް ނޫންކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ.