ENGLISH

19 އޭޕްރީލު 2025

Advertisement

ގަން އެއާޕޯޓު މަޝްރޫއުގައި ހިމެނޭ މަގުގެ މައްސަލަ ހައްލުކޮށްފި

18 އޭޕްރީލު 2025

|

އުމްނާ އިސްމާޢީލް

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޢަބްދުﷲ މުއްޠަލިބު (ފައިލް ފޮޓޯ/ ރައީސް އޮފީސް)

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ހެދުމަށް ހަމަޖެހިފައިވާ މަގުގެ މަސައްކަތަށް ހުރަސްއެޅިފައިވާ އިކުއޭޓަރ ވިލެޖްގެ ލޭބަރ ކުއާޓަރ ސަރަހައްދުގެ މައްސަލަ ހައްލުކުރެވިފައިވާ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެ އެވެ.

ދެހާސް ތޭވީސް ވަނަ އަަހަރު ފެށި 29.7 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ ދަށުން މަގު ހެދުމަށްޓަކައި އީކުއޭޓާ ވިލެޖުގެ ލޭބާ ކުއާޓާޒް އިމާރާތް ނަގަން ޖެހެ އެވެ. އެހެންނަމަވެސް އެ އިމާރާތް ހުސްކުރަން އެންގިތާ އަހަރެއް ވެގެންދިޔައިރު ވެސް އެކަން ނުކުރެވުމުގެ ސަބަބުން ދައުލަތަށް މާލީ ގޮތުން ގެއްލުންވެދާނެ ކަމަށް ބަލައި އެ ސަރަހައްދުގެ މަގުގެ އެބައި މަޝްރުއޫއިން އުނިކުރުމުގެ ވިސްނުން ވެސް ސަރުކާރުން މިފަހުން ގެންގުޅުނެވެ.

މި މައްސަލައާއި ގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މުއްތަލިބު ވިދާޅުވީ މިހާރު އީކުއޭޓާ ވިލެޖުގެ ލޭބާ ކުއާޓާރ ސަރަހައްދުގެ މައްސަލައާމެދު ކަމާބެހޭ ހުރިހާ ފަރާތަކާއި މަޝްވަރާކުރުމަށްފަހު މައްސަލަ ހައްލުކޮށްފައިވާ ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން، މި މަގު ހެދުމުގެ މަސައްކަތް އެއްބަސްވުމާއި އެއްގޮތަށް، ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.

"މި ފުރުސަތުގައި އޭ.އައި.އޭ ގެ މެނޭޖްމަންޓުން މި މައްސަލަ ޙައްލުކުރުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވައަރަންމަންޓާއި ކަމާގުޅޭ އެހެން ފަރާތްތަކާ ގުޅިގެން ކުރެއްވި މަސައްކަތް ފާހަގަކޮށް ޝުކުރުދަންނަވަމެވެ.  މި މައްސަލަ އަޅުގަނޑުމެން އެދުނު ތާރީޚަށް ޙައްލުވެގެން މި ދިޔައީ އައްޑޫގެ ލޮބުވެތި ރައްޔިތުން އެކަމަށް ބާރު އަޅާ، ދިން އެއްބާރުލުމުގެ ސަބަބުންކަން ފާހަގަކޮށް އައްޑޫގެ ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރަމެވެ" މިނިސްޓަރު ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ހިޔާލު