ENGLISH

09 މޭ 2025

Advertisement

ދިވެހިންގެ ދަނޑުވެރިކަން މެޕް ޕްރޮގްރާމާ އެކު އާ ހަރުފަތަކާ ދިމާލަށް

18 އޭޕްރީލު 2025

|

އަހުމަދު ސައީދު

ތޮޅި މިރުސް ގަސްތަކަކުން މީހުން މިރުސް ބިންނަނީ: ގްރީންހައުސްގައި ތަރުކާރީގެ ބާވަތްތައް ހެއްދުމުން ބަލިތަކުން ރައްކާތެރިކުރަން ފަސޭހަވޭ. -- ފޮޓޯ/ ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ

ދެހާހުގެ ކުރީކޮޅު ރާއްޖޭގެ ދަނޑުވެރިކަން ވަރަށް ބާރަށް ފުޅާވެގެން އައިއިރު، ހުރިހާ ވިސްނުމެއް ހުރީ ލިބޭ ފައިދާ އިތުރުކުރުމަށެވެ. ދަނޑުވެރިކަން ކުރުމުގައި ކާބޯތަކެތީގެ ރައްކާތެރިކަމަށް ސަމާލުކަން ދީފައެއް ނުވެއެވެ. ލިމިޓެއް ނެތި ގަސްކާނާ އާއި ބާރުގަދަ ބޭސްތަކާއި ކެމިކަލް ބޭނުންކުރަމުން އައީ ދަނޑުވެރިންގެ ސިއްހަތަށް ވެސް ނުރައްކާވާ މިންވަރަށެވެ. އެކަމުގެ ސަބަބުން ރަށުގެ ފެން ފަށަލަ ތަޣައްޔަރުވެ، ރާއްޖޭން ކުރިން ނުފެންނަ ބަލިތައް ރުއްގަހަށް ޖެހެން ފެށިއެވެ.

މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމް (މެޕް) އަކީ އދ. ގެ ދަނޑުވެރިކަމާ ބެހޭ ޑޯނާ، އިންޓަރނެޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އިން 10 އޮގަސްޓު 2020 ގައި ފެށި ޕްރޮޖެކްޓެކެވެ. 

ދަނޑުވެރިކަމާާ ބެހޭ މިނިސްޓްރީގެ މެޕް ޕްރޮގްރާމުގެ އެމްއެންޑްއީ ސްޕެޝަލިސްޓް ފާތިމަތު ތަސްނީމް އާއި އެގްރޮނޮމިސްޓް އަައިމިނަތު އަރޫޝާ ވަނީ އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމަށް، އެ ޕްރޮޖެކްޓާ ބެހޭ މައުލޫމާތު ހިއްސާކުރައްވައިފައެވެ.

ތަސްނީމް ވިދާޅުވީ ޕްރޮޖެކްޓް ފެށި ވަގުތާއި ކޮވިޑް-19 އާ ދިމާވުމުން، އެކަށީގެންވާ ގޮތެއްގައި ޕްެރޮގްރާމުތައް ނުހިންގި ދޮޅު އަހަރެއްހާ ދުވަސް ހޭދަވި ކަމަށެވެ. އޭގެ ފަހުން 2022 މެދުތެރެއިން ފެށިގެން، އައިސް މިހާރު ވަރަށް ބާރަށް މެޕްގެ ހަރަކާތްތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މެޕް ޕްރޮޖެކްޓު ބައްޓަންކޮށްފައިވަނީ ރާއްޖޭގެ ދަނޑުވެރިކަމަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ އަދި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ގިނަގުނަ ފައިދާތަކެއް ވާނެ ގޮތަށެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ ރާއްޖޭގެ އެންމެ އުތުރު ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްރަށުގައެވެ. އަމާޒުކޮށްފައިވަނީ އެ ތިން އަތޮޅުގެ 26 ރަށަކަށެވެ.

މެޕް ޕްރޮގްރާމުގެ އެމްއެންޑްއީ ސްޕެޝަލިސްޓް ފާތިމަތު ތަސްނީމް (ވ) އާއި އެގްރޮނޮމިސްޓް އަައިމިނަތު އަރޫޝާ.

"ކުރިއަށް ބަލާއިރު ކޯޕަރޭޓިވްސް އެހާ ރަނގަޅު ތަޖުރިބާއަކަށް ނުވި. މިހާރު ޕްރޮގްރާމް ކުރިއަށް ގެންދަނީ ކޮންމެ ރަށެއްގައި ދަނޑުވެރިކަމަށް ޝައުގު ހުންނަ މީހުނާއެކު އައިލެންޑް ފާރމާސް ފޯރަމް (އައިއެފްއެފް) އެއް އެކުލަވާލައިގެން. ކޮންމެ ރަށަކު ބޯޑެއް ވެސް އޮންނާނެ،" ތަސްނީމް ވިދާޅުވިއެވެ. 

މެޕްގައި އިސްކަން ދީފައިވާ ކަންކަން:

  • ޒުވާނުން ޝަގުގުވެރިވާނެ ގޮތަށް ދަނޑުވެރިކަން ކުރުން
  • ޖެންޑާރ ޓްރާންސް ފޮމޭޝަން
  • ފުޑް ސެކިއުރިޓީ
  • ނިއުޓްރިޝަނަލް އެވެއާނަސް
  • މާލީ އެހީތެރިކަން ފޯރުކޮށްދިނުން 

ތަސްނީމް ފާހަގަކުރެއްވި ގޮތުގައި ދަނޑުވެރިކަމުގައި މިހާރު ގިނައިން ހަރަކާތްތެރިވަނީ މެދުއުމުރުން މަތީގެ މީހުންނަނެވެ. މެޕް ޕްރޮޖެކްޓުގެ ބޭނުމަކީ ދެމެހެއްޓެވިނި ދަނޑުވެރިކަމަކަށް އިސްކަންދީ، ޒުވާނުން ޝައުގުވެރިވާނެ ކްލައިމެޓް ސްމާޓް އެގްރިކަލްޗާ (ސީއެސްއޭ) އަށް ދިއުމެވެ. ރައްކާތެރި ގޮތުގައި ތަރުކާރީއާ މޭވާގެ ބާވަތްތައް ހެއްދޭނެ، ހައްޓަށްލުއި ނަފާ އިތުރުވެ ކާބޯތަކެތީގެ ޔަގީންކަން މިކަމުގެ ސަބަބުން އިތުރުވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މެޕް ޕްރޮޖެކްޓުގެ ދަށުން ދަނޑުވެރިކަމުގެ ބޭސިކް ތަމްރީނުތައް ވެސް ހިންގައެވެ. ގޯތީގައި އޮންނަ ހުސްބިންކޮޅުގައި ގަސްހައްދާނެ ގޮތް ވެސް ދަސްކޮށްދެއެވެ. އިތުރު ތަފުސީލް ދެއްވަމުން އަރޫޝާ ވިދާޅުވީ ކްލައިމެޓް ސްމާޓް އެގްރިކަލްޗާ އަކީ ގޮވާން އިތުރުކޮށް، ތިމާވެއްޓަށް ކުރާ ނެދެވޭ އަސަރުތައް ކުޑަކޮށް ކުރެވޭ ގަޮތަށް ދަނޑުބިން ހެޔޮގޮތުގައި ބޭނުންކޮށްގެން ކުރެވޭ ދަނޑުވެރިމެއް ކަމަށެވެ.

އަރޫޝާ ވިދާޅުވި ގޮތުގައި މެޕް ޕްރޮގްރާމުގައި ދަސްކޮށްދެނީ ގްރީންހައުސް ހަދައިގެން ބިންމަތީގައި ވީޑް މެޓް އަޅާފައި، ކޮތަޅުގައި ބޮނބިކުނޑީގައި ކިޔުކަމްބާ އާއި މެލަން ހައްދާނެ ގޮތެވެ. ފެނާއި ކާނާ ދޭނެ މިންވަރާއި ރައްކާތެރި ގޮތުގައި ގަހަށް ޖެހޭ ބަލިތަކަށް ފަރުވާކުރާނެ ގޮތުގެ އިތުރުން، ހިސާބުކިތާބު ބަލަހައްޓާނެ ގޮތް ވެސް އަލިފުން ޔާއަށް ޕްރޮގްރާމުގެ ބައިވެރިންނަށް ކިޔާދޭކަމަށް އޭނާ ވިދާޅުވިއެވެ. 

"ގްރީންހައުސްގައި ހައްދާ ތަކެތި މި މާކެޓް ކުރަނީ ރައްކާތެރި ތަކެތީގެ ގޮތުގައި، އަމިއްލަ ގެއަށް ވެސް އަމިއްލަ އާއިލާގެ ބޭފުޅުންނަށް ވެސް ދޭން އެބަ ބޭނުންވޭ. ދަރިންނަށް ވެސް ދޭއިރުގައި (ރައްކާތެރިކަމުގެ) ޔަގީންކަން އެބަ އޮވޭ،" އަރޫޝާ ވިދާޅުވި އެވެ. 

ގްރީން ހައުސްގައި ދަނޑުވެރިކަން ކުރުމުގެ އަމަލީ ތަމްރީނުތައް 12 ރަށެއްގައި ކުރިއަށް ގެންގޮސްފައިވާއިރު، އެކަން ތަޖުރިބާކުރި ދަނޑުވެރިނާއި ޒުވާނުން ވެސް އެއީ ފަސޭހަ، ކާމިޔާބު ގޮތެއް ކަމަށް ގަބޫލުކުރާ ކަމަށް އަރޫޝާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޓައި އަޅައިގެން އޮފީހަށް ދަމުން ވެސް، ގްރީންހައުސް އެއް ބެލެހެއްޓުމަކީ ކުރެވިދާނެ ކަމެއްކަމަށް ރަށްރަށުގެ ޒުވާނުން މިހާރު ބުނާ ކަމަށެވެ. 

އަރޫޝާ ވިދާޅުވި ގޮތުގައި މެޕް ޕްރޮގްރާމްގެ ތެރެއިން ރަށްރަށުގައި އެޅި 1000 އަކަފޫޓުގެ ގްރީން ހައުސްތަކުގައި 240 ގަސް މެލަން އާއި ކިއުކަންބާ ހެއްދެއެވެ. އެވަރުގެ ސެޓަޕެއް ހެދުމަށް ދާ ހަރަދަކީ 75،000ރ. އެވެ. 

ދިވެހި ދަނޑުވެރިން ހައްދާ ބާވަތްތަކަށް މާރކެޓު ހޯދުމުގައި ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ ދާއިމީކޮށް ސަޕްލައި ނުކުރެވުމެވެ. އައިލެންޑް ފާރމާސް ފޯރަމް ހަދައިގެން މަސައްކަތް ކުރުމުގެ އެއް ބޭނުމަކީ، ހުރިހާ ދަނޑުވެރިން ވެގެން ދާއިމީކޮށް ސަޕްލައި ކުރެވޭނެ ގޮތަށް ކަންކަން ތަރުތީބުކުރުން ކަމަށް އަރޫޝާ ވިދާޅުވި އެވެ. 

މެޕް ޕްރޮޖެކްޓުގެ ދަށުން ގްރީންހައުސްގައި ކިއުކަންބާ އާއި މެލަން ހައްދާނެ ގޮތް 342 މީހަކަށް މިހާތަނަށް ދަސްކޮށްދީފައިވެއެވެ. އަދި ކެޕްސިކަމް އާއި ތޮޅިމިރުސް ގްރީންހައުސްގައި ހެއްދުމުގެ ތަމްރީނުތައް ވެސް ދެ ރަށެއްގައި ކުރިއަށް ގެންގޮސްފައިވެއެވެ.

އިފާޑާއި ގުޅިގެން ރާއްޖޭގެ ދަނޑުވެރިކަން ތަަރައްގީ ކުރުމަށް ކުރެވޭ ތަފާތު މަސައްކަތްތަކުގެ ތެރެއިން ބިޒްނަސް ޖެންޑާ އެކްޝަން ލާނިން ސިސްޓަމް (ގާލްސް) ޕްގޮރްރާމެއް ވެސް ވަރަށް ކާމިޔާބު ކަމާއެކު، ށ. ކަނޑިތީމުގައި ކުރިއަށް ގެންދެވުނު ކަމަށް ތަސްނީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ވަސީލަތްތަކާއި މާލީ އެހީތެރިކަން ހޯދުމާއި އަމިއްލަ ނަފުސަށް އިތުބާރު އުފެއްދުމުގެ މައްޗަށް ޑިޒައިންކޮށްފައިވާ ޕްރޮގްރާމެކެވެ. ކޮންމެ ދަނޑުވެރި އަކީ ވެސް، އެކަމާ ގުޅުންހުރި ހުރިހާ ކަމެއް އަމިއްލަ އަށް ހައްލުކުރެވޭނެ މީހަކަށް ހެދުމަށް ގާލްސް ޕްރޮރާމުގެ ތެރެއިން ބިޒްނަސް އެކްޝަން ލާނިން ޕްރޮގާރާމް ހިންގާކަން އޭނާ ފާގަކުރެއްވިއެވެ. އަދި 20 ރަށެއްގައި ފައިނޭންޝިއަލް ލިޓަރަސީ ޓްރެއިނިން ހިންގާފައިވާއިރު 300 އަށްވުރެ ގިނަ މީހުންނަށް ބޭނުންތެރި ތަމްރީނުތަކެއް ދެވިފައިވާކަން ފާހަގަކުރެއްވި އެވެ. 

ތަސްނީމް އާއި އަރޫޝާ ވިދާޅުވި ގޮތުގައި ގްރީންހައުސްގައި ދަނޑުވެރިކަން ކުރުމަށް ހުރި ފައިސާގެ ދަތިކަން ހައްލުކޮށްދިނުމަށް ގްރާންޓް ސްކީމެއް މިދިޔަ އަހަރުގެ ޖޫން މަހު ވަނީ ފަށައިފައެވެ. އެސްއެމްއީ ބޭންކުގެ ޕޯޓަލް މެދުވެރިކޮށް ގްރާންޓަށް ހުށަހެޅޭއިރު، މެޕްގެ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ހިލޭ އެހީގެ ގޮތުގައި 50 ޕަސެންޓް ދޫކުރެއެވެ.

ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނީ މީހުން މަދުވުމާއެކު، ވާޗުއަށްކޮށް މައުލޫމާތު ސާފުކުރެވޭނެ އެގްރިކަލްޗާރ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އޭއައިސީޓީ) ޕޯޓަލް އެއްގެ މަސައްކަތް ނިމުމަކާ ހަމައަށް ގޮސްފައިވާކަމަށް ތަސްނީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ "ދަނޑުވެރިޔާ ޕޯޓަލް" އަކީ ދަނޑުވެރިންނަށް ހޯދައިދޭނެ ވަރަށް ބޮޑު ފަސޭހައަކަށްވާނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު