ENGLISH

19 އޭޕްރީލު 2025

Advertisement

ލައިސަންސް ނެތި ދުންފަތް ވިއްކުން މަނާކޮށް، ދުންފަތުގެ ބާވަތްތައް ވިއްކަން ލައިސަންސް ދޫކުރަން ފަށައިފި

17 އޭޕްރީލު 2025

|

އަހުމަދު ސައީދު

ތަނެއްގައި ބަހައްޓާފައި ހުރި ސިނގިރޭޓްތަކެއް. --ފޮޓޯ: ހެލްތު މިނިސްޓްރީ

"ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވާއިދު"ގެ ދަށުން ލައިސަންސް ނެތި ދުންފަތް ވިއްކުން މަނާކޮށް، ދުންފަތުގެ ބާވަތްތައް އެތެރެކޮށް ވިއްކަން ބޭނުންވާ ފަރާތްތަކުން ލައިސަންސް އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހެލްތު މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.

މިއަދު ހެލްތު މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ދުންފަތުގެ ވިޔަފާރިގެ މުއާމަލާތްކުރާ ފަރާތްތަކަށް ލާޒިމުވާ އަދި ރާއްޖެއަށް އަލަށް ތެރެކުރާ ދުންފަތުގެ ބާވަތްތައް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކަށް، 12 ފެބްރުއަރީ 2025 ގައި ގެޒެޓުކުރި ގަވާއިދުގެ ދަށުން، އެފްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ވަނީ ހުޅުވާލައިފައެވެ.

މިގޮތުން ހުއްދަ ނަގަން ހުޅުވާލާފައިވަނީ:

1. ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސަންސް

2. ދުންފަތުގެ ބާވަތްތައް އިމްޕޯޓުކުރުމުގެ ލައިސަަންސް

3. ދުންފަތުގެ ބާވަތްތައް ރިއެކްސްޕޯޓްކުރުމުގެ ލައިސަންސް

4. ދުންފަތުގެ އާ ބާވަތެއް ރަޖިސްޓްރީކުރުން

މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި މި ހުއްދަތައް ނެގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ ވަންގަވް ޕޯޓަލް މެދުވެރިކޮށެވެ. ވަންގަވް މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަނާ ގުޅޭގޮތުން މައްސަލައެއް ދިމާވެއްޖެނަމަ ވަންގަވް ހޮޓްލައިން 1500 އަށް ގުޅުމަށް މިނިސްޓްރީން އެދިފައިވެއެވެ.

މިހުއްދަތައް ދޫކުރަން ކަނޑައަޅާފައި ވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް، މުއްދަތު ހަމަވުމުގެ 60 ދުވަސް ހަމަވުމުގެ ކުރިން ހުއްދަ އާކުރަން ޖެހޭގޮތަށެވެ.

ދުންފަތުގެ ބާވަތްތައް ރާއްޖޭގައި ވިއްކުމަށް ދޫކުރާ ހުއްދައަށް 5،000ރ. އަދި އެނޫން ހުއްދަތަކަށް 10،000ރ. ގެ ފީއެއް ދައްކަން ޖެހޭނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވާއިދުގައި ބުނެފައިވާ ގޮތުން ހުއްދަ ނުނަގައި ދުންފަތުގެ ބާވަތްތަކުގެ މުއާމަލާތެއްކޮށްފިނަމަ، ފުރަތަމަ ފަހަރު 50،000ރ. އިން އަދި އޭގެ ފަހުން ކުށްތަކުރާރުކުރާ ކޮންމެ ފަހަރަކު 100،000ރ. އިން ޖޫރިމަނާ ކުރާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު