ENGLISH

19 އޭޕްރީލު 2025

Advertisement

މި އަހަރުގެ ނިޔަލަށް އެސްޓީއޯ ރޭޓުގައި ހުރިހާ އަތޮޅެއްގައި ތެޔޮ ވިއްކަން ފެށޭނެ: ރައީސް

17 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

މިއަދުގެ ޕޮޑްކާސްޓްގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރަައީސް އޮފީސް

މި އަހަރުގެ ނިޔަލަށް އެސްޓީއޯ ރޭޓުގައި ހުރިހާ އަތޮޅެއްގައި ތެޔޮ ވިއްކަން ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ހިއްސާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެސްޓީއޯ ރޭޓުގައި ހުރިހާ އަތޮޅަކުން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެއީ މަސްވެރީންނާއި އޮޑިވެރީންނާއި އުޅަނދު ފަހަރު ދުއްވާ މީހުންގެ ވަރަށް ބޮޑު އެދުމެކެވެ.

ރައީސް މިއަދު ވިދާޅުވީ އެ މަަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ. އަދި ވެވަޑައިގެންފައިވާ ވަޢުދު ފުރިހަމަ ގޮތުގައި ފުއްދަވާނެ ކަމަށް ވިދާޅުވި އެވެ.

”އެ ޕްރޮޖެކްޓް އެސްޓީއޯއާ ހަވާލުކުރެވިގެން، މިހާރު އެ މަސައްކަތް ބާރަށް އެބަދޭ. އަޅުގަނޑު ހަމަ ވައުދުވީ ގޮތަށް އިރާދަކުރެއްވިއްޔާ މި އަހަރު ނިމޭ އިރަށް، ކޮންމެ އަތޮޅެއްގައި އަޅުގަނޑުމެން ކަނޑައެޅި ރަށުގައި އެސްޓީއޯ ރޭޓުގައި އެ އަތޮޅުން ތެޔޮ ލިބޭނެ" ރައީސް ވިދާޅުވި އެވެ.

ބައެއް އަތޮޅުތަކުން ތެޔޮ ލިބެން ހުންނަނީ ވަރަށް ބޮޑު އަގުގަ އެވެ. އެހެން ކަމުން އެސްޓީއޯ ރޭޓްގައި ތެޔޮ ލިބޭނެ ގޮތެއް ވުމަކީ އޮޑިވެރީންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ކިޔުންތެރިންގެ ހިޔާލު