ENGLISH
19 އޭޕްރީލު 2025
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދިނުމާ ގުޅޭ މިންގަނޑުތަކުގެ ވެލިޑޭޝަން ވޯކްޝޯޕް ބާއްވައިފި
17 އޭޕްރީލު 2025
|
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދިނުމާ ގުޅޭ މިންގަނޑުތަކުގެ ވެލިޑޭޝަން ވޯކްޝޯޕް ބޭއްވުން -- ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދިނުމާ ގުޅޭ ޤަވާޢިދުގެ ދަށުން ހެދިފައިވާ މިންގަނޑުތަކުގެ ވެލިޑޭޝަން މަސައްކަތު ބައްދަލުވުމެއް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ބާއްވައިފި އެވެ.
މި މަސައްކަތު ބައްދަލުވުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކުލަވާލާފައިވާ މިންގަނޑުތައް ވެލިޑޭޓް ކުރުމަށް ބޭއްވުނު މަސައްކަތު ބައްދަލުވުމެއް ކަމަށް އެ ވުޒާރާ އިން ބުނެ އެވެ.
މިގޮތުން ވަޒީފާދޭ ތަންތަނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރާ ޖަމްޢިއްޔާތަކުން އަދި ޑިސްއެބިލިޓީ ކައުންސިލުން ވަނީ މި ބައްދަލްވުމުގައި ބައިވެރިވެފަ އެވެ.
މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާދޭ ތަންތަނުގައި ފުރިހަމަވާންޖެހޭ ކަންތައްތައް ހިމެނޭ މިންގަނޑުތައް ވެލިޑޭޓް ކުރުމެވެ. މި މިންގަނޑުތައް ތައްޔާރު ކުރެވިފައިވަނީ ހަތަރު މައިގަނޑު ދާއިރާ އަކާށެވެ.
އެއީ، ވަޒީފާދޭ ތަންތަނުގައި ފުރިހަމަވާންޖެހޭ ކަންތައްތައް، ވަޒީފާގެ ފުރުޞަތު ހުޅުވާލުމުގައި މަޢުލޫމާތު ޢާންމު ކުރުމުގެ މިންގަނޑު، ވަޒީފާއަށް މީހުން ހޮވުމުގައި ޢަމަލުކުރާނެ ގޮތުގެ އާންމު އުސޫލު، އަދި ވަޒީފާގެ ފުރުޞަތު ހުޅުވާލުމުގައި މަޢުލޫމާތު ޢާންމު ކުރުމުގެ މިންގަނޑެވެ. މި މިންގަނޑުތަކަށް ޢަމަލުކުރަން ފެށުމުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، ވަޒީފާގެ މާޙައުލަކީ ޝާމިލު މާޙައުލެއްކަމުގައި ހެދުމަށް މަގުފަހިވެގެންދާނެކަމަށް ބެލެވެއެވެ. އަދި ދިވެހިރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ދާއިރާގައި ދިމާވާ ގޮންޖެހުންތައް ކުޑަވެ، އެ ފަރާތްތަކުގެ ޙައްޤުތައް އިތުރަށް ރައްކާތެރި ކުރެވިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެ އެވެ.