ENGLISH

11 މޭ 2025

Advertisement

ހިދުމަތަށް ހާއްސަ 40 ޑޮކްޓަރުންނާއި 70 ނަރުހުން ހޯދަން އިއުލާނުކޮށްފި

17 އޭޕްރީލު 2025

|

ޢަލީ ޝަހީމް

ހެލްތު މިނިސްޓްރީގެ ހިދުމަތްދޭ އިމާރާތް. ގިނަ އަދަދެއްގެ ބިދޭސީ ޑޮކްޓަރުންނާއި ނަރުހުން ހޯދަން ވަނީ އިއުލާނުކޮށްފަ.

ސިއްހީ ވުޒާރާގެ ދަށުގައި ހުރި ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގައި މަސައްކަތް ކުރުމަށް 40 ސްޕެޝަލިސްޓް ބިދޭސީ ޑޮކްޓަރުންނާއި 70 ބިދޭސީ ނަރުހުން ހޯދަން އެ ވުޒާރާއިން މިއަދު އިއުލާނުކޮށްފިއެވެ. 

ގެޒެޓުގައި މިއަދު ޝާއިއުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ 40 ސްޕެޝަލިސްޓް ޑޮކްޓަރުން ބޭނުންވަނީ 8 ދާއިރާއަކުން ކަމަށެވެ. އެގޮތުން އެއިން ކޮންމެ ދާއިރާއަކުން 5 ޑޮކްޓަރުން ބޭނުންވާކަމަށް އިއުލާނުގައި ބުނެފައިވެއެވެ. 

ހާއްސަ ޑޮކްޓަރުން ބޭނުންވާ މުހިއްމު ދާއިރާތަކުގެ ތެރޭގައި ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން އަދި ސާޖަރީއަށް ހާއްސަ ޑޮކްޓަރުން ހިމެނެއެވެ. އަދި، ލޮލުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ އިތުރުން ފިޒީޝަނުންނާއި ކަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި ރޭޑިއޮލޮޖިސްޓުންގެ އިތުރުން ހޭނެއްތުމަށް ހާއްސަ ޑޮކްޓަރުންވެސް ހިމެނެއެވެ. 

ހާއްސަ ޑޮކްޓަރުންގެ އަސާސީ މުސާރައަކީ 30،990 ރުފިޔާއެވެ. ވަޒީފާއަކަށް ނުކުންނަ ކޮންމެ ދުވަހަކަށް 425 ރުފިޔާ ކަނޑައަޅާފައިވާއިރު އެކޮމޮޑޭޝަން އެލަވަންސްގެ ގޮތުގައި 7000 ރުފިޔާ އަދި ފުޑް އެލަވަންސްގެ ގޮތުގައި 24000 ރުފިޔާ ދޭނެއެވެ. އިއުލާނުގައި ވާގޮތުން ހިދުމަތަށް ހާއްސަ ޑޮކްޓަރުންގެ ޖުމްލަ މުސާރައަކީ އިތުރުގަޑި ނުހިމަނައި ގާތްގަނޑަކަށް 51،000 ރުފިޔާއެވެ. 

ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޝަރުތުތަކުގެ ތެރޭގައި މަދުވެގެން އެއް އަހަރު ދުވަހު މަސައްކަތް ކުރުން ހިމެނެއެވެ.

ނަރުހުންގެ ޝަރުތުތަކުގެ ތެރޭގައި ޑިގްރީއެއް އޮތުމާއެކު މިޑްވައިފް ނުވަތަ ސައިކޭޓްރީ ދާއިރާއިން މަދުވެގެން ދެ އަހަރުގެ މަސައްކަތުގެ ތަޖުރިބާ ހުންނަން ޖެހެއެވެ. އެގޮތުން 150 ނުވަތަ އަށްވުރެ ގިނަ އެނދު ހުންނަ ހޮސްޕިޓަލެއްގެ މަސައްކަތުގެ ތަޖުރިބާ ހުންނަން ޖެހެއެވެ. 

ނަރުހުންގެ އަސާސީ މުސާރައަކީ 9060 ރުފިޔާއެވެ. މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 120 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު އެކޮމޮޑޭޝަން އެލަވަންސާއި ފުޑް އެލަވަންސް ހިމަނައިގެން މަހަކު 4800 ރުފިޔާ ލިބޭނެއެވެ. 

ބިދޭސީ ޑޮކްޓަރުން ހޯދުމަށް ސިއްހީ ވުޒާރާއިން އިއުލާނުކުރީ އެ މަގާމްތަކަށް ބޭނުންވާ ވަރަށް ދިވެހިން ނުލިބުމުންނެވެ. ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުންނަށް އިއުލާނު ކުރިއިރު، އެ މަގާމްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ބުރާސްފަތި ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު