ENGLISH
11 މޭ 2025
ޤުރުއާނުގެ ޢިލްމު ފުޅާކުރުމަށް ސައުދީން ރާއްޖެއަށް 25،000 މުސްޙަފް ހަދިޔާކޮށްފި
17 އޭޕްރީލު 2025
|
ސައުދީ އަރަބިއާ ސަރުކާރުން ރާއްޖެއަށް 25،000 މުސްޙަފް ހަދިޔާކުރުން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މުޅި ރާއްޖޭގައި ޤުރުއާނުގެ ޢިލްމު ފުޅާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ސައުދީ އަރަބިއާއިން ރާއްޖެއަށް 25،000 މުސްޙަފް މިއަދު ހަދިޔާކޮށްފިއެވެ.
ސައުދީ އަރަބިއާ ސަރުކާރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް މުސްޙަފް ހަދިޔާކުރުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު އިސްލާމީ މަރުކަޒުގެ ހޯލުގައެވެ. އެގޮތުން މިއަދު ވަނީ ސައުދީން ރާއްޖެއަށް ހަދިޔާކުރާ ފުރަތަމަ 25،000 މުސްޙަފްގެ ޝިޕްމަންޓް ހަވާލުކޮށްފައެވެ.
މުސްޙަފްތައް ވުޒާރާއާ ހަވާލުކޮށްދެއްވީ ސަޢުދީ އެމްބަސީގެ ފަރާތުން ޗާޖް ޑި އެފެއަރޒް ފަހުދު އަލްދޯސްރީ އެވެ. އަދި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން މުސްޙަފްތަކާއި ހަވާލުވެލެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވަނީ ސައުދީ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން އަންނަ ދީލަތި އެހީތެރިކަމަށްޓަކައި ސައުދީ އަރަބިއާގެ ރަސްގެފާނެ ސަލްމާން ބުން ޢަބްދުލް ޢަޒީޒާއި އެމަނިކުފާނުގެ ވަލިއްޔުލް ޢަހުދު އަލްއަމީރު މުޙައްމަދު ބުން ސަލްމާނަށް ޝުކުރު އަދާކުރައްވާފައެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރިއަށް މިގެންދަނީ އަތޮޅުތަކުގައި ޤުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތަކާއި އަދި ހިލޭ ސާބަހަށް ކީރިތި ޤުރުއާން އުނގަންނައިދިނުމުގެ މަސައްކަތްތައް ރާއްޖޭގައި ފުޅާކުރުމަކީ ޢިއްޒަތްތެރި ރައީސުލްޖުމްހުރިއްޔާގެ މެނިފެސްޓޯގައި ހިމެނިގެން ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާ މަޝްރޫއަކަށް ވާތީވެ އެ މަޝްރޫއު އިތުރަށް ފުޅާކޮށް އަތޮޅުތަކާއި ރަށްރަށުގައި އިތުރަށް ކުރިއަށް ގެންދިއުމަށް ބޭނުންވޭ އަދި އެއާ އެކުގައި މުސްޙަފް އަޅުގަނޑުމެންނަށް ބޭނުންވޭ. އެހެންކަމުން މި މުސްޙަފް މިވަގުތު ލިބިގެންދިއުމަކީ އަޅުގަނޑުމެންނަށް ވަރަށްބޮޑު އުފާވެރިކަމެއް ލިބުނުކަމެއް," ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ސައުދީގެ ހަދިޔާއަކީ ޤުރުއާނުގެ ޢިލްމު ފުޅާކުރުމަށް ސަރކާރުން ކުރަމުން އަންނަ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ. ސައުދީ އަރަބިއާއިން ވެދިން އެހީތެރިކަމަކީ އެގައުމާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ހާމަވެގެންދާ ކަމެއްކަމަށް ޑރ. ޝަހީމް ފާހަގަކުރެއްވި އެވެ.