ENGLISH
10 މޭ 2025
މައުލޫމާތު ހިއްސާކުރެއްވުމަށް ޚާއްސަ އިސްކަމެއް، މެއި ތިނެއްގައި ރައީސް ނޫސްވެރީންނާއި ބައްދަލު ކުރައްވަނީ
17 އޭޕްރީލު 2025
|
ރައީސް މުޢިއްޒު މިއަދުގެ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
މަޢުލޫމާތު ހިއްސާކުރެއްވުމަކީ ޚާއްޞަ އިސްކަމެއް ދެއްވާކަމެއް ކަމަށާއި، މާތް ﷲ ގެ އިރާދަފުޅާއެކު އަންނަ މެއި މަހުގެ 3 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފި އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ، މެއި މަހުގެ 3 ވަނަ ދުވަހު، ނޫސްވެރިންނާ ބައްދަލުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަ ކުރައްވާފައި ވަނީ ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ހިއްސާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި މޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މެއި މަހުގެ 3 ވަނަ ދުވަހު އެމަނިކުފާނު ކުރިއަށް ގެންދަވާ ނޫސް ކޮންފަރެންސްގައި ކޮންމެ ކަހަލަ ސުވާލެއްވެސް ކުރިމަތިކުރެއްވިދާނެ ކަމަށާއި، މިހާރުން ފަށައިގެން އެކަމަށް ތައްޔާރުވެވަޑައިގެންނެވުމަށް، ނޫސްވެރިންނަށް ދަޢުވަތު ދެއްވާފަ އެވެ.
މީގެ އިތުރުން ޓީވީ ސްޓޭޝަނަކުން ދަޢުވަތު ދެއްވައިފިނަމަ، އެ ސްޓޭޝަނަކުން ކުރިއަށް ގެންދަވާ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، ސުވާލުތަކަށް ޖަވާބުދެއްވުމަށްވެސް އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ހުރިހާވެސް އަމާޒަކީ ނަތީޖާ ނެރެދެއްވުން ކަމަށާއި، އެހެންކަމުން ގިނަ ވަގުތު ހޭދަކުރައްވަނީ މަސައްކަތުގެ ތެރޭގައި ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް، ވަގުތު ލިބިވަޑައިގެންނެވި މިންވަރަކުން، މަޢުލޫމާތު ޙިއްޞާ ކުރެއްވުމާ ގުޅުން ހުރި ކަންކަމަށް ވަގުތު ހުސްކުރައްވާނެ ކަމަށާ، ކުރިއަށް އޮތްތަނުގައި ސީދާ ނޫސްވެރިންނަށްވެސް ވަގުތު ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަމެކެވެ. އެ މަނިކުފާނުގެ ސަރުކާރުގެ އެކި ވުޒާރާތަކުންވެސް ސިލްސިލާ ގޮތެއްގައި ނޫސްވެރިންގެ ބައްދަލުވުންތައް ކުރިއަށް ގެންދަވާއިރު، ޚުދު ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުތައްވެސް އެކި ވަޞީލަތްތަކާއި މީސް މީޑިއާގެ އެކި މަންސަތަކުގައި ގެންދަވަނީ ހިއްސާ ކުރައްވަމުންނެވެ. މިފަދައިން މަޢުލޫމާތު ހިއްސާ ކުރައްވާއިރު، ހުރިހާ ޢުމުރަކަށްވެސް ސަމާލުކަންދެއްވައިގެން، އެ ޢުމުރުފުރާތަކަށް ޚާއްޞަ ކުރައްވައިގެން ގުޅުން ބަދަހި ކުރައްވައެވެ.