ENGLISH

19 އޭޕްރީލު 2025

Advertisement

މުދަލުގެ ޙައްޤަކީ އެ މުދަލުން ޒަކާތްދިނުން: ހުކުރު ޚުޠުބާ

18 އޭޕްރީލު 2025

|

އިސްމާއީލް ރާތިއު

ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މުދަލުގެ ޙައްޤަކީ އެ މުދަލުން ޒަކާތްދިނުން ކަމަށާއި، ތިމާގެ އަތުގައި ރައްކާކޮށް ޚަޒާނާކޮށްފައި ބަހައްޓާ މުދަލުގައި، މުދަލުން ޒަކާތް ނެރެންޖެހޭ ޝަރުތުތައް ހަމަވާނަމަ އޭގެން ޒަކާތް ދައްކަން ޖެހޭނެކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

މިއަދުގެ ޚުޠުބާ ބިނާކޮށްފައިވަނީ "ފަރުޟު ޒަކާތާއި އިޤްތިޞާދާ ހުރި ގުޅުން" މި މައުޟޫޢުގެ މައްޗަށެވެ.

ޚުޠުބާ ފައްޓަވާފައިވަނީ ފަޤީރުކަމުގެ ޙާލަތަކީ ޢަޤީދާގެ ގޮތުންނާއި ފިކުރުގެ ގޮތުންވެސް އިންސާނާގެ ނަފްސު އަޅުވެތިކޮށްލާ ކަމެއް ކަމުން، އެއީ އެއްވެސް އަބުރުވެރި އިންސާނަކު ކުރިމަތިލާން އެދޭނެ ޙާލަތެއް ނޫންކަން ފާހަގަކުރަމުންނެވެ. އެހެންކަމުން، އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވެ، އެހީތެރިކަން ނުލިބިފައިތިބި، ޒަކާތުގެ ޙައްޤުވެރީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މުއްސަނދީންގެ މުދަލުން ޒަކާތްނެގުން ﷲ ތަޢާލާ ފަރުޟުކުރައްވާފައިވާ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

ނަމަވެސް، ޒަކާތް ނެގުމުގައި މީސްތަކުންގެ އެންމެ ރަނގަޅު މުދާ ނެގުމާމެދު ރައްކާތެރިވުމަށް މާތް ނަބިއްޔާ ވަނީ އިރުޝާދު ދެއްވާފަ ކަމަށް ޚުޠުބާގައި ފާހަގަކޮށްފައި ވެއެވެ. މިކަމުގެ ދަލީލެއްގެ ގޮތުން މުޢާޛް ބުން ޖަބަލު، ޔަމަނަށް ފޮނުއްވަމުން ދެއްވި އިރުޝާދެއް ގެނެސްފައިވެއެވެ.

فَإِيَّاكَ وَكَرَائِمَ أَمْوَالِهِمْ (އަބޫ ދާވޫދު) މާނައީ: "ފަހެ އެބައިމީހުންގެ މުދަލުގެ ތެރެއިން އެންމެ ރަނގަޅު ތަކެތި ޒަކާތުގެ ގޮތުގައި ނެގުމާމެދު ކަލޭގެފާނު ބިރުވެތި ވާށެވެ!" (ޒަކާތުގެ ގޮތުގައި މެދުމިނުގެ ތަކެތި ނަގާށެވެ!)

މިކަމުގެ ޙިކުމަތެއް ކަމުގައި ޚުޠުބާގައި ބަޔާންކޮށްފައި ވަނީ ޒަކާތް ދައްކާ މީހާގެ ނަފްސު، ޒަކާތް ދެއްކުމާމެދު ރުހުމެވެ.

މުދަލުގެ ޙަޤީޤީ މިލްކުވެރި ފަރާތަކީ ﷲ ތަޢާލާކަމާއި، އެ މުދަލަކީ އިންސާނާއަށް ﷲ ދެއްވާފައިވާ އަމާނާތެއްކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. މިކަމަށް ދަލީލު ދައްކާ، އަންނަނިވި ދެ އާޔަތް ގެނެސްފައިވެއެވެ.

وَأَنفِقُوا مِمَّا جَعَلَكُم مُّسْتَخْلَفِينَ فِيهِ ۖ (ޙަދީދު،7) މާނައީ: "އަދި އެތަކެއްޗާމެދު، އެކަލާނގެ ތިޔަބައިމީހުން خليفة ވެރިންކަމުގައި ލެއްވި ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ!"  

وَآتُوهُم مِّن مَّالِ اللَّهِ الَّذِي آتَاكُمْ ۚ (ނޫރު.33) މާނައީ: " އަދި ތިޔަބައިމީހުންނަށް ދެއްވާފައިވާ اللَّه ގެ މުދަލުން، ތިޔަބައިމީހުން އެއުރެންނަށްދޭށެވެ!"

ޒަކާތް ނެރެން ޖެހޭނީ މުދަލުގައި ވަކި ޝަރުޠުތަކެއް ހަމަވާނަމައެވެ. އެއީ: މުދާ ފުރިހަމައަށް މިލްކުވުން، މުދަލުގައި ނިޞާބު ހަމަވުން އަދި ނިޞާބު ހަމަވިތާ ހަނދުމަހުން އެއް އަހަރު ފުރުމެވެ.

ޒަކާތް ފަރުޟު ކުރެއްވުމުގެ ޙިކުމަތަކީ، އިސްލާމް ދީނުގައި ފަޤީރުންގެ ޙާޖަތްތަކަށް ވަގުތީ ހައްލެއް ހޯދައިދިނުން އެކަނި ނޫންކަމަށާއި، ޒަކާތުގެ ނިޒާމަކީ މުޅި މުޖުތަމަޢުން ފަޤީރުކަން ނައްތާލުން ކަށަވަރުކޮށްދޭ ނިޒާމެއް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އެއީ ފަޤީރުންނާއި މިސްކީނުންގެ ނިކަމެތި ޙާލަތުން އަރައިގަނެ، އެމީހުންނަކީ ފުދުންތެރި ބަޔަކަށް ހަދައިދީގެންނެވެ. އަދި ޒަކާތުގެ މަޤްޞަދަކީ އޭގެ ޙައްޤުވެރިންނަށް ސަލާންޖަހަން ނުޖެހޭ ފަދައިން ދާއިމީ ފުދުންތެރިކަން ހޯދައިދިނުން ކަމަށް ޢިލްމުވެރިން ވިދާޅުވާކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

ޒަކާތުގެ ހަރުދަނާ ނިޒާމެއް ޤާއިމްކުރެވިއްޖެ ނަމަ، ކުރާނެ މަސައްކަތެއް ނުވަތަ އަދާކުރާނެ ވަޒީފާއެއް ނެތިފަ ތިބި އެތައް ބަޔަކަށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވެ، އުފެއްދުންތެރިކަމުގެ މިންވަރު އިތުރުވާނެ ކަމަށްވެސް ޚުޠުބާގައި ވެއެވެ. ފުރަތަމަ ޚުޠުބާ ނިންމާލަމުން ބުނެފައިވަނީ، ޒަކާތުގެ ޝަރުޢީ މަޤްޞަދުތައް ޙާޞިލްކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރިން، އެމީހުންގެ މައްޗަށް ފަރުޟުކުރައްވާފައިވާ މަދަލު ޒަކާތް އަދާކޮށްގެން ކަމަށެވެ. އަދީ އިސްލާމީ ރިވެތި އުޞޫލަކީ ތިމާއަށް ތަނަވަސްކަމުގެ މިންވަރެއް ލިބިގެންވާނަމަ، އޭގެން މިންވަރެއް ހޭދަކޮށްގެން ތިމާގެ މުސްލިމް އަޚާއަށް އެހީވުން ކަމުގައެވެ.

ދެވަނަ ޚުޠުބާ ފައްޓާފައިވަނީ، އިސްލާމްދީން ބާރު އަޅަނީ ޙަލާލު މަސައްކަތުން ރިޒްޤު ހޯދުމަށް ކަމަށާއި ކުރާނެ މަސައްކަތެއް އޮތް، ހަށިގަނޑުގައި ވަރު ހުރި މީހަކަށް ޒަކާތް ލިބިގަތުން ހުއްދަ ނުވާނެ ކަމަށް ބުނެއެވެ. މިކަމުގެ ދަލީލަކަށް ގެނެސްފައިވަނީ މާތް ނަބިއްޔާގެ އަންނަނިވި ޙަދީޘް ބަސްފުޅެވެ.

لاَ تَحِلُّ الصَّدَقَةُ لِغَنِيٍّ وَلاَ لِذِي مِرَّةٍ سَوِيٍّ (އައްނަސާއީ) މާނައީ: "މުއްސަނދި މީހާއާއި ހަށިގަނޑު ސަލާމަތުން ހުރި މީހަކަށް ޒަކާތް ހުއްދަވެގެން ނުވެއެވެ."

ޚުޠުބާގައި އިތުރަށް ބުނެފައިވަނީ ޒަކާތަކީ މުދާވެރިއަކު ފޯރުކޮށްދޭ ފަރުދީ އިޙްސާންތެރިކަމެއް ނޫންކަމަށާއި އެއީ މުއްސަނދިންގެ މުދަލުން ނަގާ، އޭގެ ޙައްޤުވެރިންނަށް އަދާކުރަންޖެހޭ ޙައްޤެއް ކަމަށެވެ. މިކަމަށް ދަލީލު ދައްކާ، އަންނަނިވި އާޔަތް ގެނެސްފައި ވެއެވެ.

خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِم بِهَا (އައްތައުބާ، 103) މާނައީ: "އޭގެސަބަބުން ކަލޭގެފާނު އެއުރެން طاهر ކުރައްވާނޭ، އަދި އެއުރެންނަށް ހެޔޮކަން އިތުރުކޮށްދެއްވާނޭ صدقات އެއް، އެއުރެންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ!"

މީގެ އިތުރުން ޒަކާތް ދިނުމަށް އިންކާރުކުރި މީހުންނާ ދެކޮޅަށް، މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނު ހަނގުރާމަ ކުރެއްވުމުންވެސް މިކަން އިތުރަށް ހާމަވެގެން ދެއެވެ.

މުދަލު ޒަކާތަކީ ދީނުގެ މަތިވެރި ރުކުނެއް ނަމަވެސް އެކަމާމެދު މީހުންގެ ހޭލުންތެރިކަން ކުޑަކަން ޚުޠުބާގައި ފާހަގަކޮށްފައި ވެއެވެ. އެގޮތުން، ރަމަޟާން މަހު ފިޠުރު ޒަކާތް ދެއްކުމުން ފުދޭނެ ކަމަށް ދެކޭ މީހުންނާއި ބޮޑު ވިޔަފާރިއަކަށް ނުވާނަމަ މުދަލު ޒަކާތް ދައްކަން ނުޖެހޭނެ ކަމަށް ދެކޭ މީހުންވެސް އުޅޭކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އަދި ހަމައެފަދައިން ދައުލަތަށް ޒަކާތް ދައްކަން ދެކޮޅުހަދާ މީހުންވެސް އުޅޭކަން ޚުޠުބާގައި ފާހަގަކޮށްފައި ވެއެވެ. މިފަދަ މީހުންގެ ޤަބޫލުކުރުމަށް ރައްދު ދެއްވާ، ތާބިޢީ ބޭކަލެއް ކަމުގައިވާ އިބްރާހީމުއްނަޚަޢީގެ އަންނަނިވި ބަސްފުޅު ގެންނަވާފައި ވެއެވެ.

"ވެރިމީހާ ޒަކާތް ނަގައިފިނަމަ ފަހެ ތިބާގެ ކިބައިން އެކަމުގެ ޒިންމާ ކެނޑިގެން ހިނގައްޖެއެވެ."

ޚުޠުބާ ނިންމާލައްވާފައި ވަނީ، ޒަކާތް ނެގުމާއި ބެހުމުގައި ފުރިހަމަ ނިޒާމެއް ދައުލަތުން ހަމަޖައްސަވާފައި ވާއިރު، ޒަކާތް ދެއްކުމަށް ޝަރުޠު ހަމަވާ އެންމެން ޒަކާތް ދެއްކުމަށާއި ޒަކާތާބެހޭ ޝަރުޢީ އަދި އިދާރީ އެންމެހާ ކަންކަން ރަނގަޅަށް އޮޅުންފިލުވުމަށް ވަޞިއްޔަތް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު