ENGLISH
10 މޭ 2025
އެމްޓީސީސީގެ ހައުސިން ޕްރޮޖެކްޓާ ގުޅިގެން ފަސް މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދިއްޖެ
16 އޭޕްރީލު 2025
|
އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމުގައި ކުރީން ހުންނެވި ޙަސަން ޝާހް -- ފޮޓޯ: މިހާރު
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އެ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ، ދެ ޓަވަރު އެޅުމުގެ ޕްރޮޖެކްޓާ ގުޅިގެން އެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލާ ގައި ފަސް މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފި އެވެ.
މި މައްސަލާގައި ދަޢުވާ ކޮށްދިނުމަށް އެދި ފޮނުވާފައި ވަނީ އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމުގައި އޭރު ހުރި ޙަސަން ޝާހް (ބަގީޗާގެ / ސ.މަރަދޫފޭދޫ) އާއި، އެމްޓީސީސީގެ ޖެނެރަލް މެނޭޖަރގެ މަޤާމުގައި އަދި ޓެންޑަރ އިވެލުއޭޝަން ކޮމިޓީގެ މެންބަރެއްގެ މަޤާމުގައި އޭރު ހުރި ޝިފާޢު ޢަލީ (ހ.ފެއަރީޕެލަސް / ކ.މާލެ) އާއި، ޓެންޑަރ އިވެލުއޭޝަން ކޮމިޓީގެ މެންބަރުންގެ މަޤާމުގައި އޭރު ތިބި ޙުސައިން ޒުހުރީ (ޕާކީޒާ / ށ.ކޮމަންޑޫ) އާއި މުޙައްމަދު ނާޡިމް (މ.ޕޮމްޕިޔާ / ކ.މާލެ) އަދި އިސްމާޢީލް އަދުހަމް (ގ.ނިލަ / ކ.މާލެ) ގެ މައްޗަށެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެމްޓީސީސީ އިން އެ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 15 ފަންގިފިލާގެ 2 ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން، ބިޑު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބޭރުގެ ކުންފުންޏަކަށް އިވެލުއޭޝަން ކްރައިޓީރިއާއާ ޚިލާފަށް ޕޮއިންޓް ދީ، އެ ޕްރޮޖެކްޓް އެ ކުންފުންޏާ ޙަވާލުކޮށް، އެ ކުންފުނިން އެއްބަސްވުން ބާޠިލުކުރަންޖެހޭފަދަ ޚިލާފުތައް ވެފައިވީނަމަވެސް، އެއްބަސްވުން ބާޠިލުކުރުމުގެ ބަދަލުގައި އެ ކުންފުންޏަށް "އެޑްވާންސް ޕޭމެންޓާއި" "ޕްރޮގްރެސިވް ޕޭމެންޓު"ތައް ދޫކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ.
އަދި އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކެއް ވަކި މަސައްކަތްތަކެއްގެ ގޮތުގައި ޙަވާލުކުރުމަށް މަސައްކަތްކޮށް، މަސައްކަތް ހަވާލުކުރި ކުންފުނިން އެއްބަސްވުމާ އެއްގޮތަށް މަސައްކަތްކޮށްފައި ނުވާއިރު، އެ އެއްބަސްވުން ބާޠިލުކޮށްފައިނުވާ ކަމަށާ މި ޢަމަލުތަކުގެ ސަބަބުން އެމްޓީސީސީއަށް ބޮޑެތި މާލީ ގެއްލުންތަކެއް ވެފައިވާ ކަމަށް ވެސް އޭސީސީން ހިންގި ތަޙުޤީޤުން ހާމަވާ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.
މި މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދަޢުވާގެ އިތުރުން ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާ އެވެ. އަދި ޝިފާޢު ޢަލީގެ މައްޗަށް އިތުރު ދަޢުވާއެއްގެ ގޮތުގައި ކުށެއް ކުރަން އުޅުމުގެ ކުށުގެ ދަޢުވާ ވެސް ހިމެނެ އެވެ.
މި މައްސަލާގެ ތަޙުޤީޤުގައި އެމްޓީސީސީއަށް މާލީ ގެއްލުމުގެ ގޮތުގައި ލިބިފައިވާ 39,241,855.78 ގެ ގެއްލުމުގެ އިތުރުން، ލިބިފައިވާ އިތުރު މާލީ ގެއްލުން ހިސާބުކޮށް، އެ ފައިސާ ހޯދުމަށް ކޮމިޝަނުން ވަނީ އެމްޓީސީސީ އަށް އަންގާފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.