ENGLISH
10 މޭ 2025
އދ. އަރިޔަދޫ "ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރ"ގެ މަސައްކަތް ފެށުމަށް އެރަށުގެ ހާލަތު ބަލަނީ
16 އޭޕްރީލު 2025
|
ރުއް އާލާ ކުރުމުގެ ގައުމީ ޕްރޮގްރާމު ހިންގުމަށް ދަނޑުވެެރިކަމާ ބެހޭ މިނިސްޓްރީ އަށް ދޫކޮށްފައިވާ އދ. އަރިޔަދޫ-- ފައިލް ފޮޓޯ/ ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ
"ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރ" އެއް ތަރައްގީ ކުރުމަށް ސަރުކާރުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީ އަށް ދޫކޮށްފައިވާ އދ. އަރިޔަދޫގައި އެ މަސައްކަތް ފެށުމަށްޓަކައި އެރަށުގެ ހާލަތު ބައްލަވާ ލެއްވުމަށް މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ދަތުރެއް ފައްޓަވައިފިއެވެ.
ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި މިނިސްޓަރުގެ މި ދަތުރަކީ ރާއްޖޭގެ ރުއް އާލާ ކުރުމުގެ ގައުމީ ޕްރޮގްރާމަށް ރުކުގެ ނާސަރީތައް ގާއިމުކުރުމަށާއި، ރިސާޗްތައް ހެދުމަށާއި ފުޑްސެކިއުރިޓީ އަށް ބޭނުންވާ ގަސްގަހާގެހި އާލާކުރުމަށް އަރިޔަދޫ ސަރުކާރުން ކަނޑައެޅުމާއި ގުޅިގެން އެރަށުގައި މަސައްކަތްތައް ފެއްޓުމަށްޓަކައި ރަށުގެ ހާލަތުބަލައި އެސްސެސްކުރުމަށް، ވުޒާރާގެ ސީނިއަރ ޓީމަކާއިއެކު ކުރައްވާ ދަތުރުފުޅެކެވެ. ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީއަށް އަރިޔަދޫ ހަވާލުކުރަން ވަޒީރުންގެ މަޖިލިހުން ނިންމީ 9 މަރިޗް 2025 ގައެވެ.
ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި އަރިޔަދޫއަށް ވަޑައިގަތުމުގެ ކުރިން މިނިސްޓަރު މާރިޔާ ވަނީ އދ. މަމިގިއްޔަށް މިއަދު ވަޑައިގެން އެރަށުގެ ކައުންސިލާ ބައްދަލުކުރައްވާފައެވެ. މިނިސްޓްރީން ބުނި ގޮތުގައި އެ ބައްދަލުވުމުގެ ބޭނުމަކީ އަރިޔަދޫ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު މާމިގިލީ ކައުންސިލުގެ ފަރާތުން ލިބޭނެ އެހީތެރިކަމާއި ގުޅޭގޮތުންނާއި، ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އދ. މާމިގިލީ ކައުންސިލާ ބައްދަލުކުރައްވަނީ-- ފޮޓޯ/ ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ
ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި މިދަތުރުގައި މިނިސްޓަރު އދ. ދިގުރަށަށް ޒިޔާރަތްކުރައްވައި، އެރަށުގެ ކައުންސިލާ ބައްދަލުކުރެއްވުމުގެ އިތުރުން އެރަށުގެ ދަނޑުތަކަށް ޒިޔާރަތް ކުރައްވާނެއެވެ.
ރުއް އާލާ ކުރުމުގެ ގައުމީ ޕްރޮގްރާމުގެ ދަށުން އަރިޔަދޫގައި "ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރ" އެއް ގާއިމުކޮށް ދިވެހިރާއްޖޭގައި ހެދޭ، އަދި ހައްދަން ބޭނުންވާ މަތިވަރާއި، ފެންވަރު ރަނގަޅު (ޖެނެޓިކަލީ އިމްޕްރޫވްޑް) ރުކުގެ ނާސަރީތަކެއް ގާއިމުކޮށް ރުކުގެ ސެޓިފައިޑް ތަފާތު މުޑުވައްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަށްތަކަށް ފޯރު ކޮށްދިނުމަށް ސަރުކާރުން ވިސްނުން ގެންގުޅެއެވެ. އަދި ހޭޅިފަށުގައި ހެދޭ ގަސްގަހާއިގެހި އާލާ ކުރުމަށާއި، ކާނާގެ ޔަގީންކަން ގާއިމުކުރުމަށްޓަކައި، ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ތަފާތު މުޑުވައްތައް ވެސް އެރަށުގައި އުފެއްދުމަށް ވަނީ ނިންމަވާފައެވެ.
ރުއްތަކަށް ޖެހޭ ބަލިތައް ދެނެގަނެ މިކަމުގެ ހައްލު ހޯދުމުގެ މަސައްކަތަށް މަގުފަހިވާ އެޑެޕްޓިވް ރިސާޗް އަރިއަދޫގައި ފަށާ ރުކަށް ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމަށް ބޭނުންކުރާނެ ބައޮލޮޖިކަލް ކޮންޓްރޯލް (ފައިދާހުރި ދިރޭ ސޫފާސޫފި އަދި ފަނިފަކުސާ) އާލާކުރުމުގެ މަސައްކަތްތަކެއް ކުރިޔަށް ގެންދިއުމަށް ވެސް ވަނީ ނިންމަވާފައެވެ.
މި ސެންޓަރ ހެދުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމަށްޓަކައި ފޮރިން އިންވެސްޓްމަންޓަށް ހުޅުވާލައިގެން ރަށް މެނޭޖް ކުރުމުގެ ހަރަދު ހޯދަން ވެސް ވަނީ ނިންމަވާފައެވެ.
ރާއްޖޭގަ މިވަގުތު ހުރި ރުއްތަކަކީ އުމުރުން ވަރަށް ދުވަސްވީ ރުއްތަކެއް ކަމުން މި މަޝްރޫއުގެ ސަބަބުން ރުކުގެ ބާވަތްތަށް ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބި ކާނާގެ ޔަގީންކަން އިތުރުވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.