ENGLISH

19 އޭޕްރީލު 2025

Advertisement

އިސްރާއީލު ޕާސްޕޯޓު މަނާކުރުން؛ ފަލަސްޠީނުގެ މުޖާހިދުންގެ ޝުކުރު ރައީސަށް

16 އޭޕްރީލު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި ފަލަސްޠީނުގެ ރައީސް މަޙުމޫދު ޢައްބާސް، ފޮޓޯ: ރައީސް އޮފީސް

އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަށް ދިވެހި ދައުލަތުން އިއްޔެ ނިންމި ނިންމުމާ ގުޅިގެން ފަލަސްޠީނުގެ މުޖާހިދުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކޮށް ތާރީފުކޮށްފިއެވެ. 

ޣައްޒާގައި ވެރިކަންކުރާ އިސްލާމީ ޙަރަކާތްކަމަށްވާ ޙަރަކަތުލް މުޤާވަމަލް އިސްލާމިއްޔާ (ޙަމާސް)އިން އެ ޖަމާޢަތުގެ ސޯޝަލް މީޑިޔާ މަންސަތަކުގައި ޝާއިއުކުރި ޕޯސްޓުގައި ބުނެފައިވަނީ އިސްރާއީލު މީހުންނަށް ދިވެހިރާއްޖެއަށް ނުވަދެވޭ ޤާނޫނު ތަސްދީގުކުރެއްވުމަށް ރައީސް ޑރ.މުޢިއްޒު ނިންމެވި ނިންމެވުމުގެ އަގުވަޒަަންކުރާ ކަމަށެވެ. 

އޭގެ އިތުރަށް އެ ޖަމާޢަތުން ފާހަގަކުރި ގޮތުގައި މި ފިޔަވަޅަކީ ހިތްވަރުގަދަ ނިންމެވުމެކެވެ. އަދި އެ ނިންމެވުމަކީ ރަނގަޅު މިސްރާބަށް ރައީސް އެޅުއްވި ފިޔަވަޅެއްކަމުގައިވެސް އެ ޖަމާއަތުން ސިފަކޮށްފައިވެއެވެ. 

އޭގެ އިތުރަށް ދިވެހިރާއްޖެއިން ނިންމި ހަރުދަނާ ނިންމުމުން ނަމޫނާ ލިބިގަތުމަށް އިސްލާމީ ޤައުމުތަކަށް ޙަމާސްއިން ގޮވައިލިއެވެ. އަދި އިސްރާއީލު އެކަހެރިކުރުމަށާއި، ޞިހުޔޫނީ ދައުލަތުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ އަގު އަދާކުރަން މަޖުބޫރުކުރުވުމަށް ފިޔަވަޅުތައް އެޅުމަށްވެސް އެ ޖަމާޢަތުން އިސްލާމީ ޤައުމުތަކަށް އިލްތިމާސްކޮށްފައިވެއެވެ. 

އިސްލާމީ ޢަރަބި ޤައުމުތަކުގެ ސަަމާލުކަމަަށް ރާއްޖެއިން އެޅި ފިޔަވަޅު އައިސްފައިވާއިރު ގިނަ ޢަދަަދެއްގެ ބަޔަކު އަންނަނީ މި ފިޔަވަޅަކީ ހިތްވަރުގަދަ ފިޔަވަޅެއްކަމަށާއި، މިއީ ރާއްޖެއިން އިސްލާމީ އުންމަތަށް ދެއްކި ނަމޫނާއެއް ކަމުގައި ބުނަމުންނެވެ. 

އަދި އިސްލާމީ ބޮޑެތި ގައުމުތަކުން އިސްރާއީލާމެދު ރާއްޖެއިން އެޅިފަދަ ފިޔަވަޅެއް ނާޅާތީ ގިނަ ބަޔަކުވަނީ ފާޑުކިޔާފައެވެ. އަދި އެ ގައުމުތަކަށްވުރެ ކުޑަވެފައި އިގުތިސާދީ ގޮތުން ނާޒުކު ގައުމަކަށްވީ ނަމަވެސް ރާއްޖެއިން ދައްކަައިދިނީ އިސްލާމީ އުންމަތުގެ އުދާސް ރާއްޖެއަށް އިހުސާސްވާކަން ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު