ENGLISH

19 އޭޕްރީލު 2025

Advertisement

މުހިންމު ނިންމުމެއް: ހުޅުމާލޭގައި ބިނާކުރެވޭ ބޮޑެތި އިމާރާތްތަކުގައި ނަމާދުކުރަން ޚާއްސަ ތަނެއް ހުރުން ލާޒިމު ކުރަނީ

16 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ހުޅުމާލެ --

ހުޅުމާލޭގައި ބިނާކުރެވޭ ބޮޑެތި އިމާރާތްތަކުގައި ނަމާދުކުރަން ހާއްސަ ތަނެއް ހުރުން ލާޒިމުވާނޭހެން ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީގެ އެ ނިންމުން މިއަދު ވަނީ ހާމަކޮށްފަ އެވެ. އެކަން ފާހަގަ ކުރައްވާ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މެލޭޝިޔާ ފަދަ އިސްލާމީ ބޮޑެތި ޤައުމުތަކުގައި ވެސް ޝޮޕިން މޯލްތަކާއި އެ ނޫން ބޮޑެތި އިމާރާތްތަކުގައި ނަމާދު ކުރަން ޚާއްސަ ތަންތަން ހުންނަ ކަމަށެވެ.

އެހެން ކަމުން ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އެފަދަ ތަންތަން ހުރުން ވަރަށް މުހިންމު ކަމުގައި ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހުޅުމާލެ ތަރައްޤީ ވަމުންދާއިރު ކޮންމެ ބިލްޑިންއެއް ކައިރީގައި މިސްކިތެއް ނެތް ކަމަށެވެ. އެހެން ކަމުން ބޮޑެތި އިމާރާތްތަކަށް ޒިޔާރަތް ކުރާ މީހުންނާއި އެހެން މީހުންނަށް ނަމާދު ކުރެވޭނެ އިންތިޒާމެއް ހަމަޖެހުން މުހިންމު ކަމުގައި ވިދާޅުވި އެވެ.

"އެހެންވީމަ ބިލްޑިންތަކުގެ ތެރޭގައި ކޮންމެވެސް މިންވަރެއްގެ ޖާގައެއް ނަމާދުކުރުމަށް ތަނަވަސްވެފައި ހުރުމަކީ އެއީ ވަރަށް ބޭނުންތެރި ކަމަކަށް ވާނެ,"

މި ނިންމުމަކީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޑރ. މަޢުރޫފް ޖަމީލްގެ އިސް ނެންގެވުމަށް ނިންމެވި ނިންމެވުމެއްކަން ފާހަގަ ކުރައްވާ މިނިސްޓަރު ވަނީ މައުރޫފަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު