ENGLISH

19 އޭޕްރީލު 2025

Advertisement

ބޯންމެރޯ ހެދުމަށް މި މަހު ފުރާ ކުދިންނާ ވަޒީރު ނާޒިމް ބައްދަލުކުރައްވައިފި

16 އޭޕްރީލު 2025

|

ޢަލީ ޝަހީމް

ބޯންމެރޯ ހެދުމަށް މި މަހު ފުރާ ކުދިންނާ ވަޒީރު ނާޒިމް ބައްދަލުކުރައްވަނީ. ފޮޓޯ: ސިއްހީ ވުޒާރާ

ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ހެދުމަށް ރާއްޖޭން ބޭރަށް މި މަހު ފުރުމަށް ހަމަޖެހިފައިވާ ކުދިންނާ ސިއްހީ ވުޒާރާގެ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ބައްދަލުކުރައްވައިފިއެވެ. 

ވަޒީރު ނާޒިމް މިއަދު ބައްދަލުކުރެއްވީ އޭޕްރީލް 20 ވަނަ ދުވަހު ރާއްޖޭން ބޭރަށް ފުރުމަށް ހަމަޖެހިފައިވާ ތިން ކުދިންނާއެވެ. ބައްދަލުވުމުގައި އެކުދިންގެ ބެލެނިވެރިން ވެސް ވަނީ ބައިވެރިވެފައެވެ. 

ސިއްހީ ވުޒާރާއިން ބުނީ ބޯންމެރޯ ހެދުމަށް އެކުދިން ފުރުމުގެ ކުރިން ހަދަންޖެހޭ އެޗްއެލްއޭ ޓެސްޓަށް ސާމްޕަލް ނެގުމުގެ ކޭމްޕް އިއްޔެ މޯލްޑިވިއަން ބްލަޑް ސަރވިސްގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެ ޓެސްޓަކީ ތެލަސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ދިމާވެތޯ ބަލަން ހަދާ ޓެސްޓެކެވެ. 

އެޗްއެލްއޭ ޓެސްޓް މީގެކުރިން ހެދީ ރާއްޖޭން ބޭރުންނެވެ. އެހެންނަމަވެސް ސަރުކާރުން ވަނީ މިދިޔަ އަހަރުން ފެށިގެން ރާއްޖޭގައި އެ ޓެސްޓް ހެދޭނެ އިންތިޒާމުތައް ހަމަޖައްސައިފައެވެ. 

ބޯންމެރޯ ހެދުމަށް ސަރުކާރުގެ ޚަރަދުގައި ކޮންމެ އަހަރަކުވެސް މަދުވެގެން 10 ޕޭޝަންޓުން ފޮނުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. ސަރުކާރުގެ އެ ސިޔާސަތުގެ ދަށުން މިދިޔަ އަހަރު އެކަނިވެސް 14 ކުދިން ބޯންމެރޯ ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވިއެވެ. 

މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، ތެލަސީމިއާ ކުދިންގެ ދަފްތަރުގައި 944 ކުދިން އެބަތިއްބެވެ. އޭގެތެރެއިން ދުނިޔޭގައި ތިބީ 659 ކުދިންނެވެ. އެ ސަރވިސް އިން ބުނެފައިވަނީ އަހަރަކު އެވްރެޖްކޮށް 17 ކުދިން ދަފްތަރުގައި ރަޖިސްޓްރީ ވާކަމަށެވެ. 

ތެލަސީމިއާ ޕޭޝަންޓުންނަށް ދޭ ފަރުވާގެ ޚިދުމަތް ރަނގަޅު ކުރުމަށް މޯލްޑިވިއަން ބްލަޑް ސަރވިސްގެ ހިންގުމަށް ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގިނަ ބަދަލުތަކެއް ގެންނަވައިފައެވެ. އަދި، އެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އިތުރަށް ފުޅާކުރުމަށް ސަރުކާރުން މިހާރު އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު