ENGLISH
26 އޭޕްރީލު 2025
މަޖިލީސް ހިންގަމުންދަނީ ރަނގަޅަށް، މަސައްކަތް ފުރިހަމަ: ފަލާހު
16 އޭޕްރީލު 2025
|
މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ (ފޮޓޯ/ މަޖިލީސް)
މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީސް ހިންގަމުންދަނީ ވަރަށް ރަނގަޅަށް ކަމަށާއި މެމްބަރުންގެ މަސައްކަތް ވެސް ވަރަށް ފުރިހަމަ ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީ ރިޕޯޓަކަށް ބަހުސްކުރައްވަމުން ފަލާހު ވަނީ މި މަޖިލީހުން މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެ ބައެއް މެމްބަރުން ދައްކަވަމުންދާ ވާހަކަތަކަށް ރައްދު ދެއްވައިފަ އެވެ.
އެގޮތުން ފަލާހު ވިދާޅުވީ މަޖިލީސް ހިންގަމުންދަނީ ވަރަށް ރަނގަޅަށް ކަމަށާއި، މަސައްކަތްތައް ނިންމަމުންދަނީ އެކަމަށް އެކަށީގެންވާ ވަގުތު ވެސް ހޭދަކޮށްގެން ކަމަށެވެ. އަދި މަޖިލީހުގެ މަަސައްކަތްތައް ބައްޓަން ކުރަމުންދަނީ، ސަރުކާރާއި ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންނަށް މަޖިލީސް ހިންގެމުންދަނީ ވަރަށް ރަނގަޅަށް. އިއްޒަތްތެރި ރައީސްގެ މި ޒައާމަތުގައި މި މަޖިލީސް ހިނގަމުންދަނީ އިރާދަކުރެއްވިއްޔާ ދިވެހި ސަރުކާރާއި ރައްޔިތުން ބޭނުންފުުޅުވާ ގޮތަށް. ވަގުތު ނަގަންޖެހޭ ކަންކަމަށް ވަގުތު ނަގައިގެން، ދިރާސާކުރަން ޖެހޭ ކަންކަން ދިރާސާކޮށްގެން އެކަމުގެ މައުލޫމާތު ހޯދަންޖެހޭ ކަންތައްތަކަށް މައުލޫމާތު ހޯދިގެން،" ފަލާހު ވިދާޅުވު އެވެ.
މިކަން ފާހަގަކުރައްވާ ފަލާހު ވަނީ މިދިޔަ ހަފްތާގައި މަޖިލީހުގެ ޖަލްސާތައް ނެތުމުން އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ވެސް ރައްދު ދެއްވައިފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ، މަޖިލީހުގެ ތަޅުމުގައި މަސައްކަތްތައް ނުހިނގި ނަމަވެސް ކޮމިޓީތަކުގައި ބަރާބަރަށް މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.