ENGLISH
19 އޭޕްރީލު 2025
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ތިން ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
16 އޭޕްރީލު 2025
|
ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ޕްރަގްރާމްގެ ތެރެއިން -- ފޮޓޯ: ވުޒާރާ
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ތިން ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
މިއީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އެންމެ މުހިއްމު އެއް ތަމްރީން ޕްރޮގުރާމެވެ. އެ ވުޒާރާ އިން މިއަދު ބުނީ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ތިން ވަނަ ބުރު މެއި އަދި ޖޫން މަހުގެ ތެރޭގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
މި ބުރުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި އުޅޭ ދަރިވަރުންނަށްވެސް ބައިވެރިވެވޭނެއެވެ.
މި ތަމްރީނުގައި ބައިވެރިވެވޭނީ ގުރޭޑު 10،11،12 ގައި ކިޔަވާ ނުވަތަ ކިޔެވުން ނިމި 18 އަހަރު ފުރިފައިނުވާ ކުދީންނަށެވެ. މި ތަމްރީނުގައި ބައިވެރިވުމަށް ހުށައަޅަން ޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ، ސްކޫލުގައި އުޅޭ ނަމަ ސްކޫލުގައި އުޅޭކަމުގެ ލިޔުން އަދި 18 އަހަރު ނުފުރޭނަމަ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަން އަންގައިދޭ ލިޔުމެކެވެ.
މި ތަމްރީނު ފުރިހަމަކޮށް ޚަޠީބުކަމުގެ ސަނަދު ދޫކުރާނީ ޒުވާން ޚަޠީބު އިންޓަވިއު ނިންމާ، ޓްރެއިނިންގ ސެޝަންތަކުގެ ހުރިހާ ސެޝަންއަކަށް ހާޒިރުވެ ލިޔުމުގެ އިމްތިހާނުން ވެސް ފާސްވާ ބައިވެރިންނަށެވެ.
މި ތަމްރީނުގައި މާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ފޭސްޓު-ފޭސްކޮށް ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ރަށްރަށުގައި އަދި ރާއްޖެއިން ބޭރުގައި އުޅޭ ދަރިވަރުންގެ ސެޝަންތައް އޮންނާނީ އޮންލައިންކޮންނެވެ.
މި ތަމްރީނުގައި ބައިވެރިވުމަށް އެދޭ ދަރިވަތުން 10 މޭ ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން ހުށައަޅަން ޖެހެ އެވެ.
ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިސްނެންގެވުމާއެކު އެ ވުޒާރާއިން މި ދައުރުގެ ތެރޭގައި ކުރިއަށް ގެންދާ އެންމެ ކާމިޔާބު އެއް ޕްރޮގުރާމެވެ.
މި ޕްރޮގުރާމުގެ ފުރަތަމަ ދެބުރަށްވެސް ބޮޑު ތަރުޙީބެއް ލިބިފައިވާއިރު ވުޒާރާއިން އަމާޒު ހިފާފައިވަނީ މި ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން އުފެއްދުމަށެވެ.