ENGLISH

26 އޭޕްރީލު 2025

Advertisement

ރާއްޖޭގެ ގްލޯބަލް އެމްބެސެޑަރަކަށް ފްލައި ޒޯން ފިޝިންގެ ބާނީ ރޮބަޓް "ފްލައި" ނަވާރޯ ހަމަޖައްސައިފި

16 އޭޕްރީލު 2025

|

އަހުމަދު ސައީދު

ފްލައި ޒޯން ފިޝިންގެ ބާނީ ރޮބަޓް "ފްލައި" ނަވާރޯ ބޭނި މަހެއް ދައްކާލަނީ: ބުރުނުބޮމަ މުބާރާތުގައި އޭނާ ބައިވެރިވާނެ-- ފޮޓޯ/އެމްއެމްޕީއާރުސީ

ސްޕޯޓްސް ފިޝިން ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ރާއްޖެ އިސްތިހާރުކުރުމަށް، ރާއްޖޭގެ ގްލޯބަލް އެމްބެސެޑަރަކަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރެވޭ ކުޅިވަރު މަސްވެރިކަމުގެ ތަޖުރިބާކާރު އަދި ފްލައި ޒޯން ފިޝިންގެ ބާނީ ރޮބަޓް "ފްލައި" ނަވާރޯ ހަމަޖައްސައިފިއެވެ.

"ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ ތަމްސީލުކުރުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް، ދިވެހިރާއްޖޭގެ ކަނޑުގެ މާހައުލަކީ މުޅި ދުނިޔެއިން ވެސް އެންމެ ހިތްގައިމު އެއް މާހައުލު، މިއީ މަސްވެރިކަމަށް ބަލާއިރު އެހެން މަންޒިލަކަށް މިއާ ވާދަ ނުކުރެވޭނެ ފަދަ ކަނޑުގެ މާހައުލެއް. މި މާހައުލު ދުނިޔެއަށް ދައްކައިދިނުމަށް އެހީތެރިވެެދިނުމަކީ އަހަރެންނަށް ލިބޭ އުފަލެއް،" ފްލައި ނަވާރޯ ބުންޏެވެ. 

ރޮބަޓް ފްލައި ނަވާރޯ ބޭނި ފިޔަލައެއް ދައްކާލަނީ-- ފޮޓޯ/އެމްއެމްޕީއަރުސީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ މަސްވެރިކަމުގެ ސިނާއަތް 30 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ތަޖުރިބާކުރައްވާފައިވާ ފްލައި ނަވާރޯ އަކީ ހަ ކޮންޓިނެންޓަކަށް ދަތުރުކޮށް ދުނިޔޭގެ އެންމެ ޝަރަފުވެރި މުބާރާތްތަކުގައި ކާމިޔާބު ހޯދާފައިވާ ކުޅަދާނަ އެންގަލަރެެއް ކަމަށެވެ. ފްލައި ޒޯން ފިޝިންގެ ބާނީ އަދި ދުނިޔޭގެ ހަމައެކަނި "ބްލޫ މާލިން" މުބާރާތް، "ބްލޫ މާލިން ވޯލްޑް ކަޕް"ގެ ކޯ ކްރިއޭޓަރުގެ ހައިސިއްޔަތުން މީޑިޔާ އާއި އިވެންޓް ޕްރޮޑަކްޝަންގެ ޒަރިއްޔާއިން އެންގަލަރެއްގެ ގޮތުގައި ކޮމިޔުނިޓި ބަދަހިކޮށް ފުޅާކުރުމުގެ މަސައްކަތުގައި ވެސް އޭނާ ބައިވެރިވާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. 

އެމްއެމްޕީއާރުސީން ފްލައި ނަވާރޯ އާ އެކު ހެދި އެއްބަސްވުމުގެ ދަށުން ފުރަތަމަ ހަރަކާތެއްގެ ގޮތުގައި ވިޒިޓް މޯލްޑިވްސް އިން ބާއްވާ ބުރުނުބޮމަ ގްލޯބަލް ފިޝިން މުބާރާތުގައި އޭނާ ބައިވެރިވާނެއެވެ. މި މުބާރާތް ބާއްވަނީ އަންނަ މަހުގެ 2-4 ވަނަ ދުވަހުގެ ނިޔަލަށެވެ. 

އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިބަރު، ކަންނެލި، ފިޔަލަ ފަދަ ބާވަތްތަކުގެ މަސް ބޭނުމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ކެޔޮޅުކަން ކުރާ އެންގަލަރުން ބައިވެރިވާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު