ENGLISH
19 އޭޕްރީލު 2025
ޓިކްޓޮކްގެ ވެރިންނާ ރައީސް ބައްދަލުކުރައްވައި ރާއްޖެ ޑިޖިޓައިޒްކުރުމަށް ކުރައްވާ މަސައްކަތާމެދު މަޝްވަރާކުރައްވައިފި
16 އޭޕްރީލު 2025
|
ޓިކްޓޮކްގެ ވެރިންނާ ރައީސް ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
ރާއްޖެއަށް ޒިޔާރަތްކުރައްވަމުންދާ ޓިކްޓޮކްގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައި ދިވެހިރާއްޖެ ޑިޖިޓައިޒްކުރެއްވުމަށް އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.
މިހާރު ދުނިޔޭގެ އެންމެ މަގުބޫލު އަދި އެންމެ ގިނަ ބަޔަކު ބޭނުންކުރާ ސޯޝަލް މީޑިޔާ މަންސަަތަކުގެ ތެރޭގައި ހިމެނޭ ޓިކްޓޮކްގެ އިސްވެރިންގެ ޓީމެއް ރާއްޖެއަށް ކުރައްވަމުންދާ ޒިޔާރަތުގައި އިއްޔެ އެ ޓީމުންވަނީ އިކޮނޮމިކް މިނިސްޓްރީގެ މަސްއޫލުވެރިންނާ ބައްދަލުކުރައްވާފައެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބައްދަލުވުމުގައި ޓިކްޓޮކްގެ ޓީމާއެކު ރައީސްވަނީ ރާއްޖެ ޑިޖިޓައިޒްކުރުމަށް ކުރައްވަމުންދާ މަސައްކަތްތައް އެ ޓީމާ ހިއްސާކުރައްވާފައެވެ. އަދި ދިވެހި ސަރުކާރާ ޓިކްޓޮކްއާ ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާމެދު މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.
ރާއްޖެ ޑިޖިޓައިޒްކުރެއްވުމަށް ރައީސް ގެންގުޅުއްވާ ވިސްނުންފުޅު ހިއްސާކުރެއްވުމުން ޓިކްޓޮކްގެ ވެރިންވަނީ އެ ތަސައްވުރު ހަގީގަތަކަށް ހެއްދެވުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅުގައި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އަރުވާފައެވެ.
ރާއްޖޭގައިވެސް ޓިކްޓޮކް ބޭނުންކުރާ މީހުން ދުވަހެއް ދުވަހަކަށް އިތުރުވަމުންދިޔަ ނަމަވެސް ޓިކްޓޮކުން އާމްދަނީ ހޯދުމުގެ ފުރުސަތު އަދި މިހާތަނަށް ރާއްޖޭގައި ހޯދިފައިނުވެއެވެ. އިއްޔެ އިކޮނޮމިކް މިނިސްޓްރީން ޓިކްޓޮކްގެ ވެރިންނާ ބައްދަލުކުރެއްވި ބައްދަލުވުމުގައި އެ މައްސަލައަށް ހައްލެއް ހޯއްދެވުމަށް މަޝްވަރާކުރެއްވިއެވެ.
ޓިކްޓޮކުން އާމްދަނީ ހޯދޭނީ މަދުވެގެން 10،000 ފޮލޯވަރުން ލިބިފައިވާ ޓިކްޓޮކް ކްރިއޭޓާ މާކެޓްޕްލޭސް އެކައުންޓެއް ހުޅުވައިގެންނެވެ.