ENGLISH
19 އޭޕްރީލު 2025
ރައީސްގެ ދަރިކަލުންގެ ހުރުމަތަށް އަރައިގަތް މައްސަލަ ސިވިލް ކޯޓުގެ އިތުރަށް ފެމިލީ ކޯޓަށްވެސް ހުށަހަޅުއްވައިފި
16 އޭޕްރީލު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދަރިކަލުންގެ އިސްތަށިފުޅުގައި ދޮގު ބަދުނާމުތަކެއް އަޅުވައި ކަަރާމާތަށް އުނިކަން ލިބޭ ގޮތަށް އެމްޑީޕީގެ އެކްޓިވިސްޓަކު ދެއްކި ވާހަކައާ ގުޅުގެން ސިވިލް ކޯޓުގެ އިތުރަށް ފެމިލީ ކޯޓަށް މައްސަލަތަކެއް އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ހުށަހަޅުއްވައިފިއެވެ.
މެޑަމް ސާޖިދާގެ ޤާނޫނީ ވަކީލުންގެ ފަރާތްޕުޅުން "ރެހެންދި ޗެމްބާސް"އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމްޑީޕީން ފާއިތުވި ރަމަޟާން މަހު މާލޭގެ މަގުތަކުގައި ކުރިއަށްގެންދިޔަ އިހުތިޖާޖުތަކުގެ ތެރޭގައި އެ ޕާޓީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު ރައީސް ޑރ.މުޢިއްޒުގެ ދަރިކަލުން ޢުމައިރު މުޙައްމަދު މުޢިއްޒަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން ޢުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނެ ޙަލަތެއް މެދުވެރިކޮށް، އެ ދަަރިކަލުންގެ ކިޔެވުމާއި މުސްތަޤުބަލަށް ބޮޑެތި ގެއްލުންތައް މެދުވެރިވާނެ ހާލަތެއް މެދުވެރިކޮށްފައިވާ ކަމަށެވެ.
އެ ސަބަބަށްޓަކައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ފަރާތްޕުޅުން މަރިޔަމް ޒުބައިރާއި، އެމްޑީޕީ އަދި އެ ޕާޓީގެ ޗެއާޕާސަންގެ މައްޗަށް ދައުވާކޮށް މައްސަލަތަކެއް ސިވިލް ކޯޓާއި ފެމިލީ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ނަމާއި އަބުރު ރައްކާތެރިވެފައި އޮތުމުގެ ހައްގު ނިގުޅައިގަނެފައިވާތީ ހުށަހަޅާފައިވާ ދެ މައްސަލައެވެ. އެއީ މަރިޔަމް ޒުބައިރުގެ މައްޗަށް ހުށަހެޅި އެއް މައްސަލައާއި އެމްޑީޕީއާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލުގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
އޭގެ އިތުރަށް ކުޑަކުރިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކުން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމަތާއި ރައްކާތެރިކަން ނިގުޅައިގަނެފައިވާތީ ފެމިލީ ކޯޓުގައި މަރިޔަމް ޒުބައިރުގެ މައްޗަށް އެއް މައްސަލައާއި، އެމްޑީޕީއާއި އެމްޑީޕީގެ ޗެއާޕާސަންގެ މައްޗަށް އެއް މައްސަލަ ހުށަހަޅާފައިވެއެވެ.
"މި މައްސަލަތައް ހުށަހަޅިފައި މިވަނީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަމުގެ ޙައްޤު، ސިޔާސީ ދެކޮޅުވެރިކަމާއި ވާދަވެރިކަމުގެ ތެރެއިންވިޔަސް، ނިގުޅައި ނުގަނެވޭނޭކަން ކަށަވަރުކޮށް، އެކުދިންގެ ތަޢުލީމާއި މުސްތަޤްބަލު އަދި ނަފްސު، ގަނާ ކުރުމާއި ފުރައްސާރަކުރުމާއި އަދި ނުރައްކަލުގެ ތެރެއަށް ހުށަހެޅުމަށްކުރެވޭ މަސައްކަތްތަކުން ސަލާމަތްކޮށް ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޤްޞަދުގައި،" ރެހެންދި ޗެމްބާސްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މިއަދު ރައީސްގެ ބޭފުޅުންގެ މަގާމުގައި ތިިއްބެވި މެޑަމް ސާޖިދާގެ ބޭފުޅުންނަށް ރައްކާތެރިކަން ހޯދައިދިނުމާއި، މާދަމާ އެ މަގާމުތަކުގައި ތިބެދާނެ އެހެނިހެން ކުދިންނަށް ރައްކާތެރިކަން ޔަގީންވެފައި އޮތުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމުގައި އެކަމަނާ ދެކެވަަޑައިގަންނަވާކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.