ENGLISH
04 ޖުލައި 2026
ފުލުހުންގެ ޚިދުމަތުގެ މަސައްކަތްތައް ފާއިތުވި ދެ އަހަރާއި ބައިގައި ހަރުދަނާކުރެވިއްޖެ: ރައީސް
04 ޖުލައި 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ފުލުހުންގެ ޚިދުމަތުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ރަނގަޅު ފިޔަވަޅުތަކެއް އަޅައި އެ ޚިދުމަތުގެ އެތެރޭގައި ހުރި ގިނަ މައްސަލަތަކެއް ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ހައްލުކުރެއްވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މުޖުތަމަޢުގެ ކަންބޮޑުވުން ހުރި ޢާއްމުން މައުލޫމާތު އޮޅުންފިލުވަން ބޭނުންވާ ދާއިރާތަކުން ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ އަދާހަމަ މައުލޫމާތު ދެއްވުމަށް ރައީސް ބައިވެރިވެވަޑައިގެން ކުރިއަށްގެންދަވާ "ދަ ޕަލްސް" ސިލްސިލާ ޕޮޑްކާސްޓުގެ ތިންވަނަ ސިލްސިލާގައި މަސްތުވާތަކެތިން މުޖުތަމައު ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވައިލައްވަމުން ރައީސް ވިދާޅުވީ އެ ދާއިރާއިން ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ގިނަގުނަ ފިޔަވަޅުތަކެއް ސަރުކާރުން ތަންފީޒުކޮށްފައިވާ ކަމަށެވެ.
މަަސްތުވާތަކެތި ބޭނުންކުރާ މީހުން ކުރާ ނޭދެވޭ ކަންކަމުން މުޖުތަމައު ސަލާމަތްކޮށް، މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންގެ މުއައްސަސާއިން އަދާކުރަންޖެހޭ ޒިންމާއަކީ ނުހަނު މުހިއްމު ޒިންމާއެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެފަދަ ކުށްތައް ހުއްޓުވުމަށް ފުލުހުން ބާރުވެރިކުރުމަށް މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ވެރިކަމާ ހަވާލުވެވަޑައިގެން ބައްލަވައިލެއްވިއިރު، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތާ ގުޅިގެން ފުލުހުންގެ ޚިދުމަތުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކުރެއްވުނެވެ. ފުލުހުންގެ އޮޕަރޭޝަންތަކުގައި އަތުލައިގަންނަ މަސްތުވާތަކެތި އަނބުރާ މުޖުތަމައަށް ނުކުތުން ފަދަ ކަންކަން އެއިރު ފާހަގަކުރެއްވިފައިވާކަމަށާއި، ނަމަވެސް މިހާރު އެފަދަ ކަންކަން ކުރިމަތިނުވާނެހެން އިންތިޒާމުތައް ތަރުތީބުކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
"މިހާރު ކުރިއަށްވުރެ މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ފުލުހުންގެ އިދާރާ ވަރަށް ބޮޑަށް ހަރުދަނާކުރެވިއްޖެ މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރުމުގައި ފުލުހުންގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި. ކުރީގައި އަޅުގަނޑު ފުރަތަމަ އައިސް ބަލައިލިއިރުގައި ފުލުހުންގެ ތެރޭގައި ނޭދެވޭ ނުފޫޒުތައް އެބަހުރި ޑްރަގް އެންފޯސްމެންޓުގައި. މިސާލަކަަށް ރެއިޑްކޮށްގެން ހޯދާ ޑްރަގް އަބުރާ މުޖުތަމައަށް ދިއުން. އެކަންކަންވެސް އެވަކިތައް ނައްތައިލައި، ފުލުހުންގެ އިދާރާ ތެރޭގައި މިހާރު ވަރަށް ނީވޭނެ މިދެންނެވި އަމަލުތަކަށް ފުރުސަތު ލިބޭ ވާހަކަ،" ރައީސް ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާ ގުޅުންހުރި އެހެނިހެން ނޭދެވޭ ކަންކަމާ ގުޅިގެން ހަރަކާތްތެރިވުމަށް ފުލުހުންނަށް ބޭނުންވާ ބާރުވެރިކަން ހޯއްދަވައިދެއްވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ގޭންގު ކުށްތައް ވަރަށް ބޮޑަށް މަދުކުރެވިފައިވާއިރު، ގޭންގުތަކުގެ މެދުގައި ހިނގާ މާރާމާރީއެއްގައި މީހަކު މަރުވެފައި ނެތުމަކީވެސް ކާމިޔާބީއެއް ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރުމުގެ މަސައްކަތަކީ ހުރިހާ އިދާރާއަކާއި އާއްމުން އަދި ސަރުކާރު ގުޅިގެން ކުރަންޖެހޭ މަސައްކަތެއްކަމަށާއި، މާތްﷲގެ އިރާދަފުޅާއެކު މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އެ މައްސަލައަށް ހައްލެއް ހޯދޭނެ ކަމަށެވެ.