ENGLISH

04 ޖުލައި 2026

Advertisement

އިގްތިސާދީ މިނިވަންކަން ގެއްލިއްޖެނަމަ ގައުމުގެ މިނިވަންކަމަށް ހީނަރުކަން އަންނާނެ: ރައީސް

04 ޖުލައި 2026

|

އައިމިނަތު ޝަފާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަނީ. ފޮޓޯ؛ ރައީސް އޮފީސް.

އިގްތިސާދީ ގޮތުން އޮންނަންޖެހޭ މިނިވަންކަން ގެއްލިގެން ގޮސްފިނަމަ އޭގެ ސަބަބުން ގައުމުގެ މިނިވަންކަމަށް ހީނަރުކަން އަންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރީގެ ސަރުކާރުތަކުން ނެގި ދަރަނިތަކުގެ ތެރެއިން އެއް ބިލިއަން ޑޮލަރުގެ ލޯނު ދައްކާފައިވާއިރު އެއީ ބޮޑު ކާމިޔާބީއެއްކަމަށް ސަރުކާރުން ދެކެއެވެ. ނަމަވެސް ވާދަވެރިން އަންނަނީ ދަރަނި ދެއްކުމަކީ ރައްޔިތުންނާ ގުޅުންހުރި ކަމެއް ނޫންކަމަށް ބުނެ ވާހަކަ ދައްކަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދަރަނި ދެއްކުން ރައްޔިތުންނާ ގުޅޭ ހިސާބުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދަރަނި އަދާކުރުމަކީ، ސީދާ ރައްޔިތުންނާ ގުޅިފައިވާ ކަމެއްކަމަށެވެ. ދަރަނި އަދާނުކުރާ ނުކުރާކަމުގައިވާނަމަ  ރާއްޖޭގެ އިޤްތިޞާދަށް ހީނަރުކަން އަންނާނެކަމަށާއި ދަރަނި ދެއްކުމާއި ރައްޔިތުންނާ ގުޅެނީ ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިންކަމަށް ވިދާޅުވިއެވެ. 

މިފަދަ ވާހަކަތައް އިދިކޮޅު ފަރާތްތަކުން ދައްކަނީ ސިޔާސީ ވިސްނުމެއްގައިކަމަށާއި އިދިކޮޅު ފަރާތްތަކުން އުޅެނީ އެބޭފުޅުންގެ ސަރުކާރުތަކުން ނެގި ދަރަނީގެ އަދަދުތަކުގެ ވާހަކަ ދައްކާތީ ގަބޫލުކުރަން އުނދަގޫވެގެންކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަން ހިމާޔަތްކުރުމުގެ ތެރެއިންވެސް ދަރަނި ދެއްކުމަކީ ކުރަންޖެހޭ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. 

" އެއީ، ރާއްޖޭގެ މިނިވަންކަމަކީ، ހަމައެކަނި ބޭރުން އަންނަ ބަޔަކު އަރައި، ބަޑިޖަހައިގެން އެކަނި ގެއްލިގެންދާނެ އެއްޗެއް ނޫން. އިގްތިސާދީ ގޮތުން އޮންނަންޖެހޭ މިނިވަންކަން ގެއްލިގެން ގޮސްފިއްޔާވެސް، އެއީ ހަމަ މިނިވަންކަން، ނޫނީވިއްޔާ އޭގެ ސަބަބުން، މިނިވަންކަމަށް ހީނަރުކަން އަންނަ ކަމެއް. އެހެންވީމާ، ކޮންމެހެން ކުރަންޖެހޭ ކަމެއް އެއީ،". ރައީސް ވިދާޅުވިއެވެ.

ދަރަނި ދެއްކުމަކީ، ރާއްޖޭގެ އިގްތިސާދު ހަރުދަނާކޮށް، ރާއްޖެއަށް އިންވެސްޓްކުރާ އިންވެސްޓަރުންގެ އިތުބާރު ހޯދުމުގައިވެސް މުހިންމުކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިކަމުގެ ސަބަބުން ފައިދާވެގެންދާނީ ހަމައެކަނި ސަރުކާރަށް ނޫންކަމަށެވެ. އިގްތިސާދަށް އަންނަ ހެޔޮ ބަދަލާއި، ދައުލަތުގެ ރިޒާވް ރަނގަޅުވެގެން ދިއުމާއެކު ލިބޭ ފައިދާ އާންމު ރައްޔިތުންނާ ހަމައަށް ފޯރާކަމަށް ވިދާޅުވިއެވެ. 

" އެހެންވީމާ، ބޮލަކަށްޖެހޭ އަދަދު ކުޑަކުރުމަކީ، ސަރުކާރެއްގެ އިގްތިސާދީ ސިޔާސަތުގެ ތެރެއިން، ދަރަނި ކުޑަކުރުމަށްޓަކައި ކޮންމެހެން އެޗީވް ކުރަންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ދެކޭތީ، ރައްޔިތެއްގެ ބޮލަކަށްޖެހޭ އަދަދު، ދަރަނިޖެހޭ އަދަދު ކުޑަކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަނީ. އެއީ، ކޮންމެހެން ކުރަންޖެހޭ ކަމެއް. އަދި، މީގެތެރެއިން ބައެއް ދަރަނިތައް މި ހުންނަނީ، ރާއްޖޭގައި ހުރި ބޮޑެތި ހަރުމުދަލާވެސް ގުޅުވާފައި. މޯގޭޖްވެސް ކޮށްފައި،". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަހުނުން އެ ތަންތަން ސަލާމަތްކުރުމަކީވެސް، ސަރުކާރުގެ  ސިޔާސަތުގެ ތެރެއިން ކުރާކަމެއްކަމަށެވެ. 

މި އަހަރު ދައްކަންޖެހޭ 600 މިލިއަން ޑޮލަރުގެ ދަރަނި ދެއްކޭނެކަމުގެ ޔަގީންކަން އެބައޮތް

މި ބައްދަލުވުމުގައި ރައީސް ވަނީ މިއަހަރު ރާއްޖެއިން ދައްކަންޖެހޭ 600 މިލިއަން ޑޮލަރުގެ ދަރަނި ދެއްކޭނެކަމުގެ ޔަގީންކަން ވެސް ރައްޔިތުންނަށް ދެއްވާފައެވެ. 

"މި ސަރުކާރުން މިއަދާ ހަމައަށް އައިއިރުގައި ދަރަނި ދެއްކުމުގައި އެކަން ކާމިޔާބު ނުކުރެވި ގޮސްފައެއް ނެތް ދޮގެއްތޯ. ހަމަ އިރާދަކުރެއްވީތީ، އަޅުގަނޑުމެން ކުރަންޖެހޭ ހުރިހާ ކަމެއްކޮށްގެން، މިއަދާ ހަމައަށް އައިއިރުގައި ރާއްޖޭގެ ތާރީހުޚުގައިވެސް އެންމެ ގިނަ ދަރަނި، އެންމެ ކުޑަ މުއްދަތެއްގެ ތެރޭގައި، ދެއްކި ބަޔަކީ މި ސަރުކާރު. އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދައްކަން ހުރި ދަރަނިތައް ދެއްކުމުގައި ކާމިޔާބީ ހާސިލުކުރާނަން،". ރައީސް ވިދާޅުވިއެވެ.

އިގްތިސާދީގޮތުން ދަތި ދަނޑިވަޅެއްގައި، އިތުރު ދަރަނި ނުނަގާ ބިލިއަނެއްހާ ޑޮލަރުގެ ދަރަނި ސަރުކާރުން ދައްކާފައިވާއިރު މިކަން ބަލައިގަނެ ރާއްޖޭގެ ކްރެޑިޓް ރޭޓިން ހަދާ އެޖެންސީތަކުގެ ތެރެއިން ފިޗްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީސީސީ-"އަށް މަތިކޮށްފައިވެއެވެ.

ފިޗްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރަން ނިންމީ އޭޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމާ ގުޅިގެންނެވެ. 

ފިޗްއިން ފާހަގަކުރި ގޮތުގައި ސުކޫކުގެ ބޮޑު ދަރަނިން މިންޖުވުމާއެކު ރާއްޖެއިން ދައްކަންހުރި ބޭރުގެ ދަރަނި ވަރަށް ބޮޑަށް ކުޑަވެފައި އޮތުމާއި، ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ލިބޭ މާލީ އެހީތައް އިތުރުވުމަކީ ރާއްޖޭގެ ރިޒާވް އަލުން ބިނާކުރުމަށް މަގުފަހިވާނެ ކަންކަމެވެ. 

ކިޔުންތެރިންގެ ހިޔާލު