ENGLISH

04 ޖުލައި 2026

Advertisement

ހޯޕް އައިލެންޑްގެ މަސައްކަތް ނިންމައި މި ދައުރުގެ ތެރޭގައި ބޭނުންކުރަން ފެށުމަކީ އަމާޒެއް: ރައީސް

04 ޖުލައި 2026

|

އައިމިނަތު ޝަފާ

ރައީސް މުއިއްޒު "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ ތިން ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ؛ ރައީސް އޮފީސް.

ކުށުގެ މާހައުލަށް ހުށައެޅޭ ކުދިން ރީހެބިލިޓޭޓް ކުރުމަށް ހަދާ "ހޯޕް އައިލެންޑް"ގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށާއި އެތަނުގެ މަސައްކަތްތައް ނިންމައި މި ދައުރުގެ ތެރޭގައި ބޭނުންކުރުމަކީ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ ތިން ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކުށްކުރާ ކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށް ކުރާ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި އެންމެ ޒަމާނީ ފެންވަރުގައި ރަނގަޅު ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަން ރައީސް ހާމަކުރެއްވިއެވެ. އެކަމަކީ ވަރަށް ހަރަދު ބޮޑު ކަމެއް ނަމަވެސް، މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ހިއްކާ ބިމުގެ އިތުރަށް އުތުރުތިލަފަޅުގެ ވަކި ސަރަހައްދެއް ކަނޑައަޅައިގެން އެތަނުގައި ހޯޕް އައިލެންޑްގެ މަޝްރޫއު ހިންގުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މި މަޝްރޫއުގެ އިތުރު ތަފްސީލް ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަޝްރޫއަށް ފައިސާ ހޯދުމަށް ގިނަ ދުވަސްތަކެއް ހޭދަވެފައިވީ ނަމަވެސް މިކަމަށް ހުށަހަޅައިފައިހުރި ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގެ މަރުހަލާ ކުރިއަށްދާކަން ފާހަގަކުރަައްވާފައެވެ. 

" މިހެން ކުރާ ކޮންމެ ކަމަކީވެސް ރަނގަޅު ކަމަކަށްވާން ބޭނުންވަނީ. އިރާދަކުރެއްވިއްޔާ މި ދައުރުގެ ތެރޭގައި އަމަލީގޮތުން އެތަން ނިންމައި ބޭނުންކުރަންފެށުމަކީ އަޅުގަނޑުމެންގެ އަމާޒެކޭ، ޖުމުލަ މުޅި މައްސަލައަށް ހައްލެއް އަންނަނީ މި މަޝްރޫއައަކުން އެކަނި ނޫން. އޭގެ އިތުރަށްވެސް ވަރަށް ގިނަ ކަންކަން ކުރެވޭ އެބަ،". ރައީސް ވިދާޅުވިއެވެ. 

އެގޮތުން ސަރުކާރުން ކުރިއަށްގެންދާ ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ ވެސް މުޖުތަމައަށް ބޭނުންތެރި ޒުވާނުން ބިނާކުރުމަށް ކުރިއަށްގެންދާ އެއް މަޝްރޫއުކަން އެމަނިިކުފާނު ފާހަގަކުރެއްވިއެވެ. 

އުތުރު ތިލަފަޅުގައި ހޯޕް އައިލެންޑް ތަރައްގީކުރަނީ 700 މީހުންގެ ޖާގަޔަށް ހާއްސަކޮށްގެންނެވެ. އެގޮތުން އެތަނަށް ގެންދާ ކުދިންނާއި މުވައްޒަފުން ތިބުމަށް ހާއްސަ ޔުނިޓަކާއި ތައުލީމް ފޯރުކޮށްދިނުމަށާއި އެކި ތަމްރީންތައް ކުރިއަށްގެންދާނެ ސަރަހައްދެއް ތަރައްގީކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އެކި ކަހަލަ ކުޅިވަރު ކުޅެވޭނެ ސަރަޙައްދަކާއި ސިއްހީ ހިދުމަތް ފޯރުކޮށްދޭނެ ތަނެއްވެސް ތަރައްގީ ކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

މި މަޝްރޫއުގެ ދަށުން އެތަނުގައި 700 މީހުންނަށް ނަމާދުކުރެވޭނެ މިސްކިތަކާއި އެކި ކަހަލަ ހަފްލާތައް ބޭއްވުނަށް ހާއްސަ ސަރަހައްދަކާއި އެތަނަށް ގެންނަ ކުދިންނާއި ބެލެނިވެރިން ބައްދަލުކުރުމަށް ހާއްސަ ސަރަހައްދެއްވެސް ތަރައްގީކުރާނެއެވެ. ހޯޕް އައިލެންޑް ތަރައްގީކުރަނީ މި ހުރިހާ ހިދުމަތްތައް ހިމަނޭހެން އަސާސީ ހުރިހާ ހިދުމަތްތަކާއެކުގައެވެ.

ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިސްލާހީ އަދި ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށްޓަކައި ގާއިމުކުރުމަށް ހަމަޖެހިފައިވާ "އުއްމީދު ނުވަތަ ހޯޕް އައިލެންޑް" މަޝްރޫއަށް އުތުރު ތިލަފަޅުން 15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.

ހޯޕް އައިލޭންޑްގައި ތިބޭ ކުޑަކުދިންނަށް އަސާސީ ތައުލީމާއި ދީނީ ތަރުބިއްޔަތު ދެވޭނެއެވެ. އަދި ސައިކޯ ސޯޝަލް އިންޓަވެންޝަން ޕްރޮގުރާމު ނުވަތަ ތެރަޕީ ދިނުމުގެ ޕްރޮގުރާމުތަކާއި، ކޮންޓެކްޓް ސްޕޯޓްސް ޕްރޮގުރާމުތައްވެސް ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވެއެވެ.

ހޯޕް އައިލެންޑަށް ގެންދާކުދިން އުމުރުން ކުދިން 18 އަހަރު ވަންދެން އެތަނުގައި އުޅެވޭނެ އިންތިޒާމު ކުރެވޭނެއެވެ. އެއަށްފަހު ދިވެހި ފުލުހުން ނުވަތަ ދިވެހި ސަފައިންގެ ހިދުމަތުންކުރެ ތަނެއްގައި ވަކި މުއްދަތެއް ވަންދެން އެކުދިން ހިދުމަތް ކުރަންޖެހޭނެ ކަމަށް ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެއަށްފަހު އެކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ފުރުސަތު ދެވޭނެއެވެ. 

ކިޔުންތެރިންގެ ހިޔާލު