ENGLISH

04 ޖުލައި 2026

Advertisement

ޞިއްޙީ ޚިދުމަތް ފުޅާކުރުން؛ އަލަށް 11 ރަށެއްގައި ޑައިލަސިސް ހިދުމަތް ފަށައިފި، 9 ރަށެއްގައި ނިމެނީ

04 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

އދ.އަތޮޅު ހޮސްޕިޓަލުގައި ޑައިލަސިސްގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންނަށް ބޭނުންވާ އަސާސީ ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެކުލަވައިލައްވާފައިވާ ސިޔާސަތުގެ ތެރެއިން 11 ރަށެއްގައި އަލަށް ޑައިލަސިސްގެ ޚިދުމަތް ތައާރަފުކުރެވިފައިވާކަމަށް ޞިއްޙީ ވުޒާރާއިން ބުނެފިއެވެ. 

އެމްއެމްޓީވީން އެދިގެން އެ ވުޒާރާއިން ހިއްސާކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން އަތޮޅު ތެރޭގެ ރަށްރަށުގައި ޑައިލަސިސް ޚިދުމަތް ތައާރަފުކުރުމަށް ފެއްޓެވި މަސައްކަތުގެ ތެރެއިން 11 ރަށެއްގައި މުޅިން އަލަށް އެ ޚިދުމަތް ފަށާފައިވެއެވެ. 

މިހާރު ސަރުކާރުން އަމާޒު ހިފާފައިވަނީ 2026 ވަނަ އަހަރުގެ ނިޔަލަށް އިތުރު 9 ރަށެއްގައި އެ ޚިދުމަތް ފެށުމަށެވެ. ޞިއްޙީ ވުޒާރާއިން ބުނި ގޮތުގައި މިހާރު މަސައްކަތް ކުރިއަށްދާ ގޮތަށް ބަލާއިރު މި އަހަރު ތެރޭ އެ ރަށްރަށުގައި ޑައިލަސިސް ޚިދުމަތް ޤާއިމުކުރެވިގެންދާނެއެވެ. 

ކިޑްނީ ބައްޔަށް ފަރުވާ ހޯދާ މީހުން އިތުރުވަމުންދާއިރު، ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޑައިލަސިސް ޚިދުމަތް ލިބެމުންއައީ ސަރަހައްދީ ހޮސްޕިޓާތަކާއި މާލޭ ސަރަހައްދުގައި ހުރި ސަރުކާރު ހޮސްޕިޓާތަކުންނެވެ. އެ ޚިދުމަތް ބޭނުންވާ މީހުން ޚިދުމަތް ހޯދުމުގައި ގިނަ ތަކުލީފުތަކެއް އުފުލަމުންދިޔައެވެ. 

އަތޮޅު ތެރޭގެ ރަށްރަށުގައި ހުރި ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓާތަކުން ލިބޭ ޚިދުމަތްތައް އިތުރުކޮށް ޞިއްޙީ ޚިދުމަތްތައް ހޯދުމުގައި މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރެއްވުމަކީ ރައީސް ކަނޑައަޅުއްވާފައިވާ މުހިއްމު އަމާޒެކެވެ. 

އެ އަމާޒުގެ ތެރެއިން ޑައިލަސިސްގެ ޚިދުމަތް ރަށްރަށުގައި ފެށުމަށް ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓާތަކުގައި އެކަމަށް ހާއްސަކޮށް ޖާގަ އިތުރުކޮށް، އެ ޚިދުމަތް ދިނުމަށް ބޭނުންވާ ތަމްރީނު މުވައްޒަފުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. 

ޑައިލަސިސްގެ ޚިދުމަތުގެ އިތުރަށް ރަށްރަށުގައި އަސާސީ ޓެސްޓުތައް ރަށްރަށުގައި ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ހުރިހާ ރަށެއްގައި ސިއްހީ ލެބޯޓަރީތައް ގާއިމުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މި އަހަރު 76 ރަށެއްގައި ލެބޯޓަރީ ހިދުމަތް ފެށިގެންދާނެކަމަށް ސިއްހީ ވުޒާރާއިން ބުނެއެވެ. 

ކިޔުންތެރިންގެ ހިޔާލު