ENGLISH

04 ޖުލައި 2026

Advertisement

"ވެލިދޫ ޑުރަގް ރީހެބް ސެންޓަރުން މިއަހަރުގެ ފަހުކޮޅު ހިދުމަތްދޭން ފަށާނެ"

04 ޖުލައި 2026

|

އައިމިނަތު ޝަފާ

ނޭޝަނަލް ޑްރަގް އޭޖެންސީ -- އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު އެމްއެމްޓީވީގެ ބޮޑު ހަބަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަނީ.

ނ. ވެލިދޫގައި ގާއިމުކުރާ ޑުރަގް ރީހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތް ނިންމާލައި މިއަހަރުގެ ފަހުކޮޅު ހިދުމަތްދިނުމަށް ތައްޔާރުވަމުންދާކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީގެ "ބޮޑު ހަބަރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރާޝިދު ވިދާޅުވީ މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުތައް ރާއްޖޭގެ އެކި ސަރަަހައްދުގައި ގާއިމު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ވެލިދޫގައި ގާއިމުކުރަމުންދާ މަރުކަޒުގެ އިމާރާތް ނިންމައި މިއަހަރުގެ ފަހުކޮޅު ހިދުމަތްދޭން އަމާޒު ހިފާފައިވާކަމަށެވެ. 

" ވެލިދޫގައި އިމާރާތްކުރާ ޑުރަގް ރީހެބިލިޓޭޝަން ސެންޓަރުގައި މިއަހަރުގެ ފަހުކޮޅު ހިދުމަތްދޭން ފެށޭނެ، އެވަރަށް އަޅުގަނޑުމެން އެބަ ތައްޔާރުވަން، އެތަނުގައި މަސައްކަތްކުރާނެ މުވައްޒަފުން ހޯދުމުގެ ކަންކަން ވެސް މިހާރު އެބަ ކުރިއަށްގެންދަން،". ރާޝިދު ވިދާޅުވިއެވެ. 

އެންޑީއިން ފަރުވާ ހޯދަމުންދާ މީހުންނަށް ޑްރަގް ދޭކަމަށް ބުނެ ފެތުރެމުން އަންނަ ވާހަކަތަކާ ގުޅިގެން ރާޝިދު ވިދާޅުވީ ހިންމަފުށީގައި ހުންނަ ޑުރަގް ރީހެބިލިޓޭޝަން ސެންޓަރަކީ ކުރިން އެއްވެސް މިންވަރަކަށް މަސްތުވާތަކެތި ވެއްދޭތަނެއް ނޫންކަމަށާއި އެ ސެންޓަރަކީ ހަރުކަށި ސިޔާސަތެއް ތަންފީޒުކުރުން ލާޒިމުކޮށްފައިވަ ތަނެއްކަމަށެވެ. 

"ފަރުވާގެ މަރުކަޒަކަށް މަސްތުވާއެެއްޗެއް ވެއްދުމަކީ ގާނޫނީ ގޮތުން ވަރަށް ބޮޑު އަދަބެއް ލިބޭނެ ކަމެއް، އެކަން އެ ސެންޓަރުގައި ތަންފީޒު ނުވެ އޮވެ ސިއްރިއްޔާތުގައި މަޑުމަޑުން އެތަނަށް އެއްޗެހި ވައްދައި މުޖުތަމައުގައި އުޅުނު ގޮތަށް އެތާ އުޅެން ފެށީ،". ރާޝިދު ވިދާޅުވިއެވެ.

ރާޝިދު ވިދާޅުުވީ މިގޮތަށް މިކަން ހިނގި ނަމަވެސް މިހާރު ކުރަމުންދާ މަސައްކަތަކީ މިކަން ބަދަލުކޮށް އަލުން ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތްތައްކަމަށެވެ. 

ރީހެބިލިޓޭޝަން ސެންޓަރުތަކުގެ ޖާގައާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރާޝިދު ވިދާޅުވީ މި ސަރުކާރުން ހަވާލުވީއިރު ޑްރަގުގެ ފަރުވާދިނުމަށް ހަމަޖެހިފައިވާ ރީހެބިލިޓޭޝަން ސެންޓަރުތަކުގެ ޖާގައަކީ ގާތްގަނޑަކަށް 180 ވަރަކަށް ޖާގަ ކަމަށެވެ.

ވެލިދޫ ޑުރަގް ރީހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތް ނިންމައި ހިދުމަތްދިނުމަށް ތައްޔާރުވެފައިވާއިރު ކ. ކާށިދޫ އަދި ލ. ގަމުގައި ގާއިމުކުރާ ޑްރަގު ރިހިބިލިޓޭޝަން ސެންޓަރުތަކުގެ މަސައްކަތް 2027 ވަނަ އަހަރު ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.  

ކިޔުންތެރިންގެ ހިޔާލު