ENGLISH

04 ޖުލައި 2026

Advertisement

ކޮލަމްބިއާގެ ރިކޯޑު ކުރިއަށް، ގާނާ ބަލިކޮށް ގަދަ 16 އަށް

04 ޖުލައި 2026

|

މުޙައްމަދު އަދުހަމް

ވޯލްޑް ކަޕުގައި ގާނާ ކޮޅަށް ލަނޑު ޖެހުމަށްފަހު ކޮލަމްބިއާގެ އަރިއާސް އުފާފާޅުކުރަނީ --- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގެ ނޮކްއައުޓް ބުރުގައި މިއަދު ހެނދުނު ކުޅުނު މެޗުގައި ގާނާ 1-0 އިން ބަލިކޮށް، ކޮލަމްބިއާގެ ބަލިނުވުމުގެ ރިކޯޑު ދަމަހައްޓައި، މުބާރާތުގެ ގަދަ 16 ގެ ބުރުން ޖާގަ ހޯދައިފިއެވެ.

އެމެރިކާގެ ކެންސަސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށިގެން ކޮލަމްބިއާ އިން ޑޮމިނޭޓްކޮށްފައިވާއިރު، 14 ވަނަ މިނެޓުގައި އެ ޓީމުގެ ހަމައެކަނި ލަނޑުޖަހައިދިނީ ޖޯން އަރިއާސް އެވެ. މިއީ މެޗުގެ ކުރީކޮޅު އަނިޔާވެގެން ބަދަލުކުރަން ޖެހުނު ފޯވާޑް، ޖޯން ކޯޑޮބާގެ ބަދަލުގައި ކުޅެން ނިކުތް ލުއިސް ސުއަރޭޒްގެ އެހީތެރިކަމާއެކު އަރިއާސް ކާމިޔާބުކުރި ގޯލެކެވެ.

ފުރަތަމަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ގާނާގެ މިޑްފީލްޑަރު، ތޯމަސް ޕާޓޭ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ފިޔަވައި، ކޮލަމްބިއާގެ ޑިފެންސަށް ނުރައްކާ ކުރެވޭ ވަރުގެ ހަމަލާއެއް މި ހާފުގައި ގާނާ އަށް ފޮނުވާލެވޭ ގޮތެއް ނުވިއެވެ.

މި ހާފުގެ އިތުރުވަގުތުގެ ތެރޭގައި ކޮލަމްބިއާގެ ލީޑު ފުޅާކޮށްދޭން ލުއިސް ޑިއާޒްގެ އިތުރުން ޔޯހާން މޮހިކާއަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއްނުހިފުނެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޑިއާޒް ފޮނުވާލި ބޯޅަ ދަނޑިކައިރިން ބޭރަށް ދިޔައިރު، މޮހިކާ ބޮލުން ފޮނުވާލި ބޯޅަ ގާނާގެ ކީޕަރު، ލޯރެންސް އަތީ ޒިގީ ހުއްޓުވިއެވެ.

ވޯލްޑް ކަޕުގައި ކޮލަމްބިއާ އާއި ގާނާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ރޮއިޓަރސް

ދެވަނަ ހާފުގެ ކުޅުން ފެށިތާ 11 ވަރަކަށް މިނެޓުގެ ތެރޭގައި ކޮލަމްބިއާގެ ޑިއާޒް ގޯލެއް ކާމިޔާބުކުރިނަމަވެސް، އޮފްސައިޑް ކަމަށް ނިންމައި، ރެފްރީ އެ ލަނޑު ގަބޫލުނުކުރި އެވެ. އޭގެފަހުން، ޑިއާޒް ފޮނުވާލި ބޯޅަ ގާނާގެ ކީޕަރު އަތީ ޒިގީ މަތަކުރިއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލްއާ އެއް ގްރޫޕެއްގައި ހިމެނުނު ކޮލަމްބިއާގެ ގޯލަށް އެންމެ ގޯލެއް ވަދެފައިވާއިރު، މުޅި މެޗުގައި ގާނާ އިން ކޮލަމްބިއާގެ ގޯލަށް ފޮނުވާލި 8 ހަމަލާގެ ތެރެއިން އެންމެ ބޯޅައެއްވެސް ގޯލަށް އަމާޒުކޮށްލެވޭ ގޮތެއްނުވިއެވެ.

މި މުބާރާތުގައި ކޮލަމްބިއާ ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ސްވިޒަލެންޑާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 8 ވާ ބުދަ ދުވަހު ރާއްޖެގަޑިން މެންދަމު 1 ޖަހާއިރެވެ.

ކިޔުންތެރިންގެ ހިޔާލު