ENGLISH

26 އޭޕްރީލު 2025

Advertisement

މާޗު މަހުގެ ނިޔަލަށް ދައުލަތުގެ ބޭނުންކުރެވޭ ރިޒާވްގައި 169 މިލިއަން ޑޮލަރު

16 އޭޕްރީލު 2025

|

ޝިފްޒާން އަޙްމަދު

އެމްއެމްއޭ، ފޮޓޯ: ސަން

މި އަހަރުގެ ފުރަތަމަ ކުއާޓާގެ ނިޔަލަށް ދައުލަތުގެ ބޭނުންކުރެވޭ ރިޒާވްގައި 170 މިލިއަން ޑޮލަރު ހުރިކަމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހިސާބުތަކުން ދައްކައިފިއެވެ. 

މަރުކަޒީ ބޭންކުން ކޮންމެ މަހަކު އެއްފަހަރު އާއްމުކުރާ މާލީ ހިސާބުތަކަށް ބަލާއިރު މާޗު މަހުގެ ނިޔަލަށް ރަސްމީ ރިޒާވް އެސެޓުގެ ގޮތުގައި 791 މިލިއަން ޑޮލަރު ހުއްޓެވެ. ފެބްރުއަރީ މަސް ނިމުނުއިރު ރަސްމީ ރިޒާވް އެސެޓުގެ ގޮތުގައި 832.1 މިލިއަން ޑޮލަރު ހުއްޓެވެ. އެހެންކަމުން މާޗު މަހުގެ ނިޔަލަށް ރަސްމީ ރިޒާވް އެސެޓުގެ އަދަދުން 41.1 މިލިއަން ޑޮލަރު ދަށްވިއެވެ. 

ރަސްމީ ރިޒާވް އެސެޓުތަކުގެ އިތުރަށް އަދަ ފޮރިން ކަރަންސީ އެސެޓުގެ ގޮތުގައި 150.3 މިލިއަން ޑޮލަރު ހުރިކަން މާލީ ހިސާބުތަކުން ދައްކައެވެ. އެއީ ދިވެހިރާއްޖޭގެ ބޭންކުތަކުގައި ޑިޕޮސިޓުކޮށްފައި ހުރި 148 މިލިއަން ޑޮލަރާއި ރަސްމީ ރިޒާވް އެސެޓުތަކުގެ ތެރޭގައި ނުހިމެނޭ ސެކިއުރިޓީސްގެ 2.3 މިލިއަން ޑޮލަރެވެ. 

މި ފައިސާއާއެކު ޖުމްލަ ރިޒާވް ނުވަތަ ރަސްމީ ރިޒާވް އެސެޓުތަކާއި ރަސްމީ ރިޒާވް އެސެޓުތަކުގެ ތެރޭގައި ނުހިމެނޭ ބޭރު ފައިސާގެ އެސެޓުތަކުގެ ގޮތުގައި 941 މިލިއަން ޑޮލަރު ރެކޯޑުކުރެވިފައިވެއެވެ. 

ކުރު މުއްދަތުގައި އަދާކުރަންޖެހޭ މާލީ އިލްތިޒާމުތަކުގެ ގޮތުގައި މާލީ ހިސާބުތަކުން ދައްކަނީ 771.1 މިލިއަން ޑޮލަރެވެ. ޔޫޒަަބަލް ރިޒާވް ނުވަތަ ބޭނުންކުރެވޭ ގޮތަށް ރިޒާވްގައި ހުރި ފައިސާއަކީ ޖުމްލަ ރިޒަވްއިން ކުރު މުއްދަތުގެ މާލީ އިލްތިޒާމުތައް އުނިކުރުމުން އަންނަ އަދަދެވެ. 

އެހެންކަމުން ރަސްމީ ރިޒާވް އެސެޓުތަކާއި ރަސްމީ ރިޒާވް އެސެޓުގެ ގޮތުގައި ނުގުނާ ބޭރު ފައިސާގެ އެހެނިހެން އެސެޓުތަކުގެ ޖުމްލަ އަދަދުކަމަށްވާ 941 މިލިއަން ޑޮލަރުން ކުރު މުއްދަތުގެ މާލީ އިލްތިޒާމުތައް އުނިކުރުމުން ނުކުންނަ އަދަދުކަމަށްވާ 170.2 މިލިއަން ޑޮލަރަކީ މިވަގުތު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްގައި ބޭނުންކުރެވޭ ގޮތަށް ހުރި ފައިސާގެ އަދަދެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުގެ ރަސްމީ ރިޒާވުގައި ހުރީ 590 މިލިއަން ޑޮލަރެވެ. ބޭނުންކުރެވޭ ގޮތަށް ރިޒާވްގައި ހުރީ 30 ވަރަކަށް މިލިއަން ޑޮލަރެވެ. ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރާއި އެމްއެމްއޭއިން ކުރި މަސައްކަތްތަކުގެ ތެރެއިން އިންޑިޔާގެ ރިޒާވް ބޭންކާއެކު ހެދި އެއްބަސްވުމެއްގެ ދަށުން ކަރަންސީ ސްވޮޕެއް ހަދައި ރިޒާވްގެ ހާލަތު ރަނގަޅުކޮށްފައިވެއެވެ. 

އޭގެ އިތުރަށް ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ދަށުން ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރަމުންދާ ފައިސާގެ 60 އިންސައްތަ ފައިސާ އެމްއެމްއޭއަށް ލިބެމުންދާތީ ދައުލަތުގެ ރިޒާވްގެ ހާލަތު އަންނަނީ ވަރަށް ބޮޑަށް ރަނގަޅުވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު