ENGLISH

16 އޭޕްރީލު 2025

Advertisement

ހުކުރު މިސްކިތުގެ އަސްލު ގެއްލޭ ފަދަ ގޮތަކަށް ތަނބުތައް ޖަހާފައި ވަނީ މި ސަރުކާރުގައެއް ނޫން: ނަސީރު

16 އޭޕްރީލު 2025

|

އައިޝަތު ނަޖާ

ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް

މާލޭ ހުކުރު މިސްކިތް މަރާމާތުކޮށް ގިނަ ދުވަސް ވަންދެން ރައްކާ ކުރެއްވުމުގެ މަސައްކަތުގެ ތެރެއިން މިސްކިތުގެ އަސްލު ގެއްްލޭ ގޮތަށް ތަނބުތައް ޖަހާފައި ވަނީ މި ސަރުކާރުގައި ނޫންކަމަށް ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން މެމްބަރު ވަނީ މާލޭ ހުކުރު މިސްކިތް އާބަތުރަ ފިލުވާ ގިނަ ދުވަސް ވަންދެން ރައްކާ ކުރެއްވުމުގެ މަސައްކަތް ކުރަމުން އައިސް މި ސަރުކާރު އައުމާއެކު މަސައްކަތް ހުއްޓިފައިވާކަމަށް ވިދާޅުވެފައެވެ. އެ ވާހަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ މަސައްކަތް ހުއްޓިފައި ވަނީ މި ސަރުކާރުގައި ނޫންކަމަށާއި މަސައްކަތް ހުއްޓިފައި ވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުގައި ކަމަށެވެ. 

"މާލެ ހުކުރު މިސްކިތް މަރާމާތު ކުރުމުގެ މަސައްްކަތް ހުއްޓާލީ މި ސަރުކާރު އައުމާއެކު ނޫން. މި ސަރުކާރަކުން ނޫން. މާލެ ހުކުރު މިސްކިތް މަރާމާތު ކުުރުމުގެ މަސައްކަތް 2023 ވަނަ  އަހަރުގެ ޖޫން މަހުގެ ފަހުން ހިނގާފައި ނުވޭ. ގާތްގަނޑަކަށް ހައެއްކަ މަސް ދުވަސް އެއްވެސް މަސައްކަތެއް ނުހިނގާ ކުރިޔަށް ގޮސްފައި އޮތީ" ވަޒީރު ނަސީރު ވިދާޅުވިއެވެ.

މިސްކިތުގެ އަސްލަށް ބަދަލު އަންނަ ގޮތަށް މިސްކިތުގެ އެތެރޭގެ ތަނބުތައް ޖަހާފައިވާކަމަށް މެމްބަރު މުހައްމަދު އިބްރާހިމް ވިދާޅުވުމާއެކު އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ތަނުގެ އަސްލު ގެއްލޭގޮޮތަށް މި ސަރުކާރަކުން އެއްވެސް ތަނބެއް ޖަހާފައި ނުވާނެކަމަށެވެ. 

މި މަސައްކަތް ކޮށްފައި ވަނީ ކުރީ ސަރުކާރުގައިކަން ފާހަގަކުރައްވައި ވަޒީރު ވަނީ ހުކުރު މިސްކިތުގެ އެތެރޭގެ ބައެއް މަންޒަރުތައް ވެސް ދައްކަވާފައެވެ. އެގޮތުން އެ ތަނުގެ ހާލަތު ހުރީ ވަރަށް ގޯސްވެފައި ކަމަށާއި ތަން މަރާމާތު ކުރުމަށް ބޭނުންކޮށްފައި ހުރި ކެމިކަލެއްގެ ސަބަބުން ތަނުގެ ބައެއް ތަކެއްޗަަށް ގެއްލުން ލިބިފައިވާކަަމަށްވެސް ވަޒީރު ވިދާާޅުވިއެވެ. 

ނިމިދިޔަ ސަރުކާރުގައި ހުކުރު މިސްކިތުގެ އާބަތުރަ ފިލުވާ މަރާމާތު ކުރުމުގެ މަސައްކަތް ކުރަން ފެށީ އިންޑިޔާގެ ހިލޭ އެހީގެ ދަށުންނެވެ. ނަމަވެސް މަސައްކަތް ވަނީ ސަރުކާރު ބަދަލުވުމުގެ ކުރިން ހުއްޓާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު