ENGLISH
16 އޭޕްރީލު 2025
ކުރީ ސަރުކާރުތަކުގެ ދަރަނި އަދާކުރުމުގެ ހަރަދު %188 މައްޗަށް؛ ބަޖެޓުގެ އަަރަނި 2.1 ބިލިއަނަށް
16 އޭޕްރީލު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ކުރީ ސަރުކާރުތަކުން ނަގާފައިވާ ދަރަނި އަދާކުރުމަށް ސަރުކާރުން ކުރާ ހަރަދު ނިމުނު އަހަރާ އަޅާބަލާއިރު 188 އިންސައްތަ އިތުރުވިއިރު، ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ ހަރަދުތައް ކުޑަވުމުގެ ސަބަބުން ބަޖެޓުގެ އަރަނި 2.1 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ފިނޭންސް މިނިސްޓްރީގެ ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ މާލީ ހިސާބުތަކަށް ބަލާއިރު މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ދަރަނި އަދާކުރުމަށް ދައުލަތުން 2.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި ދަރަނި އަދާކުރުމަށް ހަރަދުވި 847.9 މިލިއަން ރުފިޔާއާ އަޅާބަލާއިރު މި އަހަރުގެ ހަރަދުވި މިންވަރު 188 އިންސައްތަ އިތުރެވެ.
މާލީ ހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި 11.2 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ ނިމުނު އަހަރުގެ އެ މުއްދަތުގައި ލިބުނު 10.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް %5 އިތުރު އަދަދެކެވެ. ދައުލަތުގެ އާމްދަނީ ނިމުނު އަހަރަށްވުރެ އިތުރުވިއިރު ހަރަދުތައް ނިމުނު އަހަރަށްވުރެ ކުޑަކުރެވިފައިވާކަަން މާލީ ހިސާބުތަކުން ދައްކައެވެ.
އެގޮތުން ނިމުނު އަހަރު ޖުމްލަ 11.8 ބިލިއަން ރުފިޔާ ހަރަދުވިއިރު މި އަހަރުގެ އެ މުއްދަތުގައި ހަރަދުވެފައިވަނީ 9 ބިލިއަން ރުފިޔާއެވެ. އެއީ 23 އިންސައްތައިގެ ދަށްވުމެކެވެ. ދައުލަތުގެ ހަރަދުތަކުގެ ތެރެއިން ރިކަރަންޓު ހަރަދުތައް ނިމުނު އަހަރަށްވުރެ 470 މިލިއަން ރުފިޔާއިން މި އަހަރު ދަށްވެފައިވެއެވެ. އަދި ކެޕިޓަލް ހަރަދުތައް 76.7 އިންސައްތަ ދަށްވެފައިވާކަން މާލީ ހިސާބުތަކުން ދައްކައެވެ.
ދަަރަނި އަދާކުރުމަށް ސަރުކާރުން ކުރި ހަރަދު ފާއިތުވި އަހަރަށްވުރެ 188 އިންސައްތަ އިތުރުވިއިރު، އެ ހަރަދުތައް އުނިކުރުމަށްފަހު ދައުލަތުގެ އާމްދަނީއާއި ހަރަދުތައް ހިސާބުކުރުމުން 3.3 ބިލިއަން ރުފިޔާއިން ބަޖެޓު އަރަނިވެރިވާނެއެވެ. ނަމަވެސް އިންޓަރެސްޓާއި ފައިނޭންސިން ހަރަދުތައް ހިމަނައިގެން ދައުލަތުގެ ހަރަދުތަކާއި އާމްދަނީ ހިސާބުކުރުމުން 2.1 ބިލިއަން ރުފިޔާއިން ބަޖެޓު އަރަނިވެރިވެއެވެ.
ނިމުނު އަހަރުގެ އޭޕްރީލު 10 ވަނަ ދުވަހާ ހަމައަށް ދައުލަތުގެ ބަޖެޓުވަނީ 1.1 ބިލިއަން ރުފިޔާއިން ދަރަަނިވެރިވެފައެވެ. ނަމަވެސް މި އަހަރު ހަރަދުތައް ކޮންޓުރޯލުކުރުމުގެ ސަބަބުން 2.1 ބިލިއަން ރުފިޔާއިން ބަޖެޓު އަރަަނިވެރިވެފައިވެއެވެ. އެއީ ނިމުނު އަހަރަށްވުރެ ދަރަނި އަދާކުރުމަށް ކުރަންޖެހޭ ހޭދަ އިތުރުވުމާއެކުވެސް ދައުލަތުގެ އެހެނިހެން ހަރަދުތައް ކުޑަކުރުމުގެ ސަބަބުންނެވެ.
މި އަހަަރު 500 މިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި އަދާކުރަންޖެހޭއިރު ސަރުކާރުން އަންނަނީ ދަރަނި އަދާކުރަންޖެހޭ ވަގުތުތަކުގައި ބަރާބަރަށް ދަރަނީގެ ޕޭމެންޓުތައް ހަދަމުންނެވެ. އަދި ދައުލަތުގެ ދަރަނި ނުދެއްކި ސިޔާދަތީ ބަނގުރޫޓުވުމަކަށް ރާއްޖެ ހުށަހެޅޭނެ ހާލަތެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަަން ސަރުކާރުން އަންނަނީ ދެމުންނެވެ.