ENGLISH
16 އޭޕްރީލު 2025
ޙައްޖުވެރިން ތިބޭ ހޮޓަލުގައި ބޭސްފަރުވާގެ ހިދުމަތް ހަމަޖެއްސުމަށް ސަޢުދީގެ ހޮސްޕިޓަލަކާއި މަޝްވަރާކޮށްފި
16 އޭޕްރީލު 2025
|
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އޮފިޝަލުން އަލް އަބީރު ނެޝަނަލް ހޮސްޕިޓަލުގެ އޮފިޝަނުންނާ ބައްދަލުކުރައްވަނީ: މި ބައްދުލުވުމުގެ ބޭނުމަކީ ދިވެހި ޙައްޖުވެރިން މައްކާގައި ތިބޭ ހޮޓަލުގައި އެ ހޮސްޕިޓަލު މެދުވެރިކޮށް ބޭސްފަރުވާގެ ހިދުމަތް ހަމަޖެއްސުން-- ފޮޓޯ/ ޙައްޖު ކޯޕަރޭޝަން
މި އަހަރު ޙައްޖަށް ދާ ދިވެހި ޙައްޖުވެރިން ތިބޭ ހޮޓަލުގައި ބޭސްފަރުވާގެ ހިދުމަތް ފޯރުކޮށްދިނުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ސަޢުދީ ޢަރަބިއްޔާގެ އަލް އަބީރު ނެޝަނަލް ހޮސްޕިޓަލާ ދެމެދު މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ޙައްޖު ކޯޕަރޭޝަންގެ ބައެއް އިސްބޭފުޅުން ސަޢުދީގައި މިހާރު ކުރިއަށް ގެންދަވާ ބައްދަލުވުންތަކުގެ މައުލޫމާތު އެ ކޯފަރޭޝަންގެ ފޭސްބުކް ޕޭޖުގައި އަންނަނީ ހިއްސާކުރަމުންނެވެ.
ދިވެހި ޙައްޖުވެރިންނަށް ފޯރުކޮށްދެވޭ ހިދުމަތާއި އިންތިޒާމުތައް ކުރިއާލައި ހަމަޖެއްސުމުގެ ގޮތުން ޙައްޖު ކޯޕަރޭޝަނުން އަލް އަބީރު ނެޝަނަލް ހޮސްޕިޓަލުގެ އޮފިޝަނުންނާއި ބައްދަކުރެއްވީ އިއްޔެއެވެ. އެ ބައްދަލުވުމަކީ މި އަހަރު މައްކާގައި ޙައްޖު ވެރިން ތިބޭ ހޮޓަލުގައި އެ ހޮސްޕިޓަލާއި ގުޅިގެން ބޭސްފަރުވާގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭއްވި ބައްދަލުވުމެކެވެ.
ދިވެހި ހައްޖުވެރިންނަށް ބޭސްފަރުވާގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެ ކޯޕަރޭޝަނުން ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއް މިދިޔަ އަހަރު ބައިވެރިކުރިއެވެ. އެ ޓީމާ ގުޅިގެން މައްކާގެ ހޮޓަލްގައި ޑޮކްޓަރަށް ދެއްކުމަށް ހާއްސަ ކްލިނިކެއް ގާއިމުކޮށް ބޭސް ނެގުމަށް ފާމަސީއެއް ވެސް ގާއިމު ކުރިއެވެ.
ޙައްޖު ކޯޕަރޭޝަނުން އިއްޔެ ވަނީ ރަވަފް މިނާގެ ސީއީއޯ ޒުހައިރު އަބްދުލް ހާމިދް ސަދާޔޯ އާއި އެކު މުހިންމު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ. އެ ބައްދަލުވުމުގައި، މިއަހަރު ރާއްޖެއިން ޙައްޖަށް ދާ މީހުންނަށް މިނާ އަދި އަރަފާތުގައި ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަގަޅު ކުރުމާއި ބެހޭ ގޮތުން ގިނަ މަޝްވަރާތަކެއް ކުރިއަށްގެންދިޔައެވެ.
ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އުސްތާޒް ޢަލީ ޝަރީފް އަދި ހެޑް އޮފް ޙައްޖު/ޢުމްރާ އޮޕަރޭޝަންސް އިރުފާން އަންވަރު ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީގެ ޖެނެރަލް އެޑްމިނިސްޓްރޭޝަންސްގެ ޖެނެރަލް ސުޕަވައިޒަރު ޑރ. ބަދުރު މުޙައްމަދު އަލްސުލާމީ އާއި ވެސް މީގެ ދެ ދުވަސް ކުރިން ވަނީ ބައްދަލުކުރައްވާފައެވެ.
މިބައްދަލުވުމުގައި މި އަހަރު ދިވެހި ރާއްޖެ އިން ޙައްޖަށްދާ ފަރާތްތަކަށް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކުގެ އިތުރުން ޙައްޖުވެރިންނާއި ގުޅުންހުރި ކަންކަން ކޯޑިނޭޓްކޮށްގެން އޮމާންކަމާއި އެކު ކުރިއަށް ގެންދިއުމަށް މުހިއްމު މަޝްވަރާތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލު، ޙައްޖުގެ އަޅުކަން އަދާނުކޮށް ތިބި މީހުންނަށް އިސްކަންދޭގޮތަށް ވަނީ ބަދަލުގެނެސްފައެވެ. މިއާއެކު ޙައްޖު ކޯޕަރޭޝަންގެ ކިއުގައި މިއަހަރު ޙައްޖަށް ދެވޭނެކަމަށް ކަނޑައަޅާފައިތިބި ހުރިހާ އެންމެންނަށް ޙައްޖަށް ދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މިދިޔަ އަހަރު ރާއްޖެއިން ޙައްޖަށް ދިއުމަށް ފުރުސަތު ލިބިފައިވަނީ 1،000 މީހުނަށެވެ. މޯލްޑިވިއަންގެ ޖާގަ ތަނަވަސް ވައިޑްބޮޑީ މަތިންދާބޯޓުގައި ވެސް ދިވެހި ހައްޖުވެރިން މިއަހަރު އުފުލާނެވެ.