ENGLISH
16 އޭޕްރީލު 2025
މާނަވީ ގޮތެއްގައި ކީރިތި ޤުރުއާންއާ ގާތްވުމަށް ރީތިކޮށް ކިޔަވަން ސަމާލުކަން ދީ، ޤުރުއާނުގެ އިރުޝާދަށް އަމަލުތައް ބައްޓަންކުރަމާ؛ މެޑަމް ސާޖިދާ
16 އޭޕްރީލު 2025
|
މާނަވީ ގޮތެއްގައި ކީރިތި ޤުރުއާނާ ގާތްވުމަށްޓަކާ ކީރިތި ޤުރުއާން ތަޖުވީދުމަގުން ރީތިކޮށް ކިޔަވަން ސަމާލުކަން ދޭ ފަދައިން ކީރިތި ޤުރްއާނުގެ އިރުޝާދަށް އަމަލުތައް ބައްޓަންކުރަން އަބަދުވެސް ސަމާލުކަން ދޭން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ އީގަލްސް ކޮމިއުނިޓީގެ ފުރަތަމަ ޤުރުއާން މުބާރާތުގެ ނަތީޖާ ނެރުމަށް ތާޖުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ފަރުދުންނާއި ޤައުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި ޤުރުއާނުގެ އިރުޝާދުގެ މަތިން ދިރިއުޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތްތައް އިތުރުވަމުން އަންނަކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދިވެހި ދަރީންނާއި މުޅި މުޖުތަމަޢަކީ ކީރިތި ޤުރްއާނުގެ ހިޔާވަހިކަމަށް އެދޭ ބަޔަކަށްވުމަކީ ވަރަށް އުންމީދީ މަންޒަރެއްކަމަށާއި، އަދި އެއީ ހެޔޮ ބަދަލެއްކަމުގައި އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
ރަމަޟާން މަހު ބޭއްވި މި މުބާރާތުގައި ތާޖުއްދީން ސްކޫލުގެ 174 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެންމެ މޮޅު ތިން ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްދެއްވައި، އިޖުތިމާއީ ކަންކަން ކުރިއެރުވުމަށް އީގަލްސް ކޮމިއުނިޓީން ކުރަމުންދާ މަސައްކަތަށް ތައުރީފް ކުރައްވާފައެވެ.
އަދި ކުރިއަށް އޮތްތަނުގައި ޤުރުއާން މުބާރާތްތައް ފުޅާކޮށް، ޤުރުއާނުގެ ޢިލްމުތައް ދެނެގަތުމަށް އިތުރު ސަމާލުކަމެއް ދިނުމަށް ނިންމާފައިވާކަމަށް އެ ކޮމިއުނިޓީން ބުނެފަައިވެއެވެ.