ENGLISH

16 އޭޕްރީލު 2025

Advertisement

ވިޔަފާރި އާ ބެހޭ ވަޒީރާއި ޚާރިޖީ ވަޒީރު ތުރުކީގެ ވިޔަފާރިވެރިންނާ ބައްދަލު ކުރައްވައިފި

15 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ވިޔަފާރި އާ ބެހޭ ވަޒީރާއި ޚާރިޖީ ވަޒީރު ތުރުކީގެ ވިޔަފާރިވެރިންނާ ބައްދަލު ކުރެއްވުން -- ފޮޓޯ: ހާރިޖީ ވުޒާރާ

އިޤްތިޞާދީ ކުރިއެރުވުން އަދި ވިޔަފާރި އާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު އާއި ޚާރިޖީ ވަޒީރު ޑރ. ޚަލީލް ތުރުކީގެ ވިޔަފާރިވެރިންނާ އިސްތަންބުލްގައި މިއަދު ބައްދަލުކުރައްވައިފި އެވެ.

ތުރުކީގެ ފޮރިން އިކޮނޮމިކް ރިލޭޝަންސް ބޯޑް (ޑީއީއައިކޭ) އިން އިންތިޒާމު ކުރި ޑީއީއައިކޭގެ ޗެއާމަން އަދި ތުރުކީ-އޭޝިއާ ޕެސިފިކް ބިޒްނަސް ކައުންސިލްގެ ރައީސް، ނާއިލް އޮލްޕަކްގެ އިސްވެހުންނަވައި ކުރިއަށް ގެންދެއްވި މި ބައްދަލުވުމުގައި ތުރުކީގެ ފާހަގަކޮށްލެވޭ އެކިދާއިރާތަކުގެ ވިޔަފާރިވެރިން ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުވުމުގައި ފަތުރުވެރިކަމާއި އިއާދަކުރަނިވި ހަކަތަ އާއި އިންވެސްޓްމަންޓާއި ދަނޑުވެރިކަމާއި ގެދޮރުވެރިކަމާއި ރިއަލް އެސްޓޭޓް، ވިޔަފާރި ބަނދަރު ތަރައްޤީކުރުމާއި ޓެކްނޮލޯޖީގެ ދާއިރާ ހިމެނޭނެހެން ދިވެހިރާއްޖެ އާއި ތުރުކީ އާ ދެމެދު އިގްތިޞާދީ ގުޅުން ބަދަހިކުރުމަށާއި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާ އިން އައު ގުޅުންތައް ޤާއިމުކުރުމަށް މަޝްވަރާ ކުރައްވާފައިވެ އެވެ.

މި ބައްދަލުވުމުގެ ބައިވެރިންނާ ވާހަކަފުޅު ދައްކަވަމުން، ވިޔަފާރި އާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ދެ ޤައުމުގެ ދެމެދުގައި ނޮވެންބަރު 2023 ގައި ސޮއިކުރެވިފައިވާ "އިކޮނޮމިކް ކޯޕަރޭޝަން" އެއްބަސްވުމާއި މިދިޔަ އަހަރުގެ ނޮވެންބަރު މަހުގައި ސޮއިކުރެވިފައިވާ "ޕްރިފަރެންޝަލް ޓްރޭޑް" އެއްބަސްވުމަކީ ދެ ޤައުމުގެ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން ކުރިއަރަމުން އަންނަކަމުގެ ހެކިތަކެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް މި ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވި އެވެ.

ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދﷲ ޚަލީލް ވަނީ ރާއްޖޭގެ ވިޔަފާރީގެ މާޙައުލު ކުރިއެރުވުމަށްޓަކައި ރާއްޖޭގެ ސްޓްރެޓީޖިކް މުހިންމުކަމުގެ މައްޗަށް ވާހަކަ ދައްކަވާފަ އެވެ.

އިންވެސްޓް މޯލްޑިވްސްގެ ސީއީއޯގެ ޕްރެސެންޓޭޝަނަށް ފަހު ޚާރިޖީ ވަޒީރާއި އިޤްތިޞާދީ ކުރިއެރުވުން އަދި ވިޔަފާރި އާ ބެހޭ ވަޒީރު، ތުރުކީގެ ވިޔަފާރިވެރިންނާއެކު ކުރިއަށް ގެންދެއްވި މަޝްވަރާތަކުގައި މުސްތަޤްބަލުގައި ދިވެހިރާއްޖެއާއި ތުރުކީ އާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރި އަދި އިޤްތުޞާދީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވެ އެވެ.

އިސްތަންބުލްގައި މިއަދު ކުރިއަށް ގެންދިޔަ މަޝްވަރާތަކަކީ ކުރިއަށް އޮތް އަހަރުތަކުގައި ތުރުކީ އާ ދިވެހިރާއްޖެއާ ދެމެދުގައި އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެއް ކަމަށް ދިވެހި ސަރުކާރުން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު