ENGLISH
16 ޖޫން 2026
ވަން ޕްރިޒަން ކޮންސެޕްޓްގެ މަސައްކަތް ފަށައިގަނެވިއްޖެ: ވަޒީރު އިޙްސާން
16 ޖޫން 2026
|
ވަޒީރު އަލީ އިހުސާން.
އެންމެ މަޤްބޫލު
ވަން ޕްރިޒަން ކޮންސެޕްޓްގެ މަސައްކަތް މިހާރު ފަށައިގަނެވިފައިވާ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން، އެކި ކޯސްތައް ފުރިހަމަކުރި ގައިދީންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ވަން ޕްރިޒަން ކޮންސެޕްޓްގެ މަސައްކަތް މިހާރު ފަށައިގަނެވިފައިވާ ކަމަށެވެ.
ދެ އަހަރު ދުވަހުގެ ތެރޭގައި މިހާރު ޖަލުތަކަށް ދިމާވަމުންދާ ޖާގައިގެ ދަތިކަމާއި އިންފްރާސްޓްރަކްޗާގެ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިވެ، އެ ޕްރޮގްރާމްގައި ހޭދަކުރާ ކޮންމެ ދުވަހެއް، އެ ގައިދީއެއްގެ ޖަލު ހުކުމުން އުނިވާ ދުވަހެއްގެ ގޮތުގައި ހެދުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ޖަލަށް އަންނަ ކޮންމެ ރައްޔިތަކީ ޖަލުން ނިކުމެގެން ދާއިރު މުޖްތަމައަށް ބޭނުންތެރި، މުޖްތަމައުން އެމީހަކަށް އިހުތިރާމްކުރާ އަދި އެމީހުންގެ އާއިލާތަކުން ބަލައިގަންނަ މީހަކަށްވާންވާނެ ކަމަށެވެ.
މުޖްތަމައުގައި އާމްދަނީއެއް ހޯދައިގެން އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ އަދި ދެން އަނބުރާ މިފަދަ ފެސިލިޓީއަކަށް ނާންނާނެ ކަމުގެ ފުރިހަމަ އަޒުމާއެކުގައި ނިކުންނަ މީހެއް ކަމުގައިވުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.
ޖަލުތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރަކީ "ވަން ޕްރިޒަން ކޮންސެޕްޓް" އެވެ. މި ކޮންސެޕްޓްގެ ދަށުން އުތުރު ތިލަފަޅުގައި ހުރިހާ ހިދުމަތްތަކެއް ހިމެނޭ ސެންޓްރަލް ޖަލެއް ތަރައްގީކުރުމަށް ނިންމާފައިވެއެވެ. މިއީ މީހުން ދިރިއުޅޭ ރަށްރަށާއި، ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ ރަށްރަށުގައި ޖަލުތައް ހުރުމުގެ ސަބަބުން ކުރިމަތިވާ ކަންބޮޑުވުންތަކަށް ލިބޭނެ ދާއިމީ ހައްލެއް ކަމަށް ސަރުކާރުން ބުނެއެވެ.