ENGLISH

16 ޖޫން 2026

Advertisement

ފަސްޓު ލޭޑީ ގޮވާލެއްވީ ލޭ ހަދިޔާކުރެވޭ ހާލަތުގައި ތިބި އެންމެން ލޭ ހަދިޔާކުރެއްވުމަށް

16 ޖޫން 2026

|

އައިމިނަތު ޝަފާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ފަސްޓު ލޭޑީ ސާޖިދާ މުޙައްމަދު. ރައީސް އޮފީސް.

ޒަމާން ބަދަލުވީނަމަވެސް އަދިވެސް ލޭ ހަދިޔާކުރުމަށް ގިނަ ބަޔަކު ފަސްޖެހޭކަން ހާމަކުރައްވައި ލޭ ހަދިޔާކުރެވޭ ހާލަތުގައި ތިބި އެންމެން ލޭ ހަދިޔާކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ފަސްޓު ލޭޑީ ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

އެކަމަނާ މިފަދައިން ގޮވާލެއްވީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދަައްކަވަމުންނެވެ.

ދުނިޔޭގައި ލޭ ހަދިޔާ ކުރުމާއި ރައްކާކުރުމުގެ ނިޒާމު އެތައް ގޮތަކުން މިއަދު ކުރިއަރާފައިވީނަމަވެސް ލޭ ހަދިޔާ ކުރުމަށް ބައެއް މީހުން މިހާރުވެސް ފަސްޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ. އެކަމަނާގެ ވާހަކަފުޅުގައި ގޮވާލެއްވީ ކޮންމެ މީހަކުވެސް ފަސް ނުޖެހި ލޭ ހަދިޔާ ކުރުމަށެވެ.

" މުދާވެރިކަމުގައި ދީލަތިވެވެނީ ފޯރުންތެރިންނަށް، ނަމަވެސް ލޭ ހަދިޔާ ކުރުމުގައި ދީލަތިވުމަކީ ކޮންމެ މީހަކަށްވެސް އޮތް ފުރުސަތެއް، އެހެން ވީމާ އެފުރުސަތުގެ ދަރުމަ ހޯއްދެވުމަށް، އަދި އިންސާނިއްޔާތަށް މި ޚިދުމަތް ދެއްވުމަށް އަޅުގަނޑު ތި އެންމެ ބޭފުޅުނަށް އެދެން. އަދި މި ހިދުމަތުގައި ތިއްބެވި އެންމެ ބޭފުޅުންނަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،". ފަސްޓް ލޭޑީ ވިދާޅުވިއެވެ.

މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ލޭ ހަދިޔާކުރައްވާ މީހުންގެ ދުވަހެއް ފާހަގަކުރުމުގެ މުހިންމު ސަބަބުތަކެއްވާކަން ފާހަގަކުރައްވައި، ލޭ ހަދިޔާކުރާ މީހުންނަކީ އެއް ގޮތަށްވުރެ ގިނަ ގޮތުން ހާއްސަ ޝަރަފުވެރި ބައެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ ޝިއާރަށް އަލިއަޅުއްވާލައްވަމުން، އެކަމަނާ ވަނީ ލޭ ހަދިޔާ ކުރުމަކީ އިންސާނިއްޔަތައް ކުރެވޭ މުހިންމު ކަމެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން ދުވަހުގެ ޝިއާރުންވެސް އަންގައިދެނީ ކޮންމެ ލޭ ތިއްކަކާއި ގުޅިފައިވަނީ އިންސާނީ ފުރާނައެއް ކަމަށެވެ. އިންސާނިއްޔަތު ހިމާޔަތް ކުރުމަށް ހަދިޔާ ކުރެވެން އޮތް ކޮންމެ ލޭ ތިއްކެއް ހަދިޔާ ކުރުމަށް މި ޝިއާރު ގޮވާލާކަމަށް ވިދާޅުވިއެވެ. 

އަނެކާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި، ތިމާގެ ހަށިގަނޑުގެ ލޭ، އެއްވެސް ބަދަލަކާ ނުލައި ހަދިޔާކުރާ  މީހުންގެ ޝަރަފުގައި، ބައިނަލްއަޤުވާމީ ފެންވަރުގައި ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 14 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު